ޓޯކިޔޯ އޮލިމްޕިކްސް އިން ފުރުސަތު ލިބުނު އެތުލީޓުން ޖަޕާނަށް

އަންނަ ހުކުރު ދުވަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް އިން ފުރުސަތު ލިބުނު ރާއްޖޭގެ ހަތަރު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓުން އިއްޔެ ޖަޕާނަށް ފުރައިފި އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ފެތުމުގެ ބައިން އާއިޝަތު ސާޖިނާ އާއި މުބާލް އައްޒާމްގެ އިތުރުން ބެޑްމިންޓަންގެ ބައިން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އެވެ. މި ހަތަރު އެތުލީޓުންގެ ތެރެއިން 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ސާއިދު ވަނީ ވާދަކޮށްފަ އެވެ. މިއީ ބެޑްމިންޓަންގެ އިވެންޓުން އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭގެ އަންހެން ކުޅުންތެރިއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
އިއްޔެ ފުރި އެތުލީޓުންގެ ތެރޭގައި ނުހިމެނެނީ ސާއިދު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސާއިދު ޖަޕާނަށް ފުރަން ހަމަޖެހިފައިވަނީ މި މަހުގެ 23 ވާ ހުކުރު ދުވަހު އެވެ. އެއީ އޮލިމްޕިކްސް ފަށާ ދުވަހެ އެވެ.
ބްރެޒިލްގައި މީގެ ފަސް އަހަރުކުރިން އޮތް އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ސާއިދު ވަނީ ފުރުސަތު ހޯދައިފަ އެވެ. އެ ބުރުން ސާއިދު އަށް ފުރުސަތު ލިބުނީ 10.43 ސިކުންތުން ރޭސް ނިންމައި ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ދުވުންތެރިޔާގެ ގޮތުގަ އެވެ. ފުރަތަމަ ބުރުގައި 10.47 ސިކުންތުން ރޭސް ނިންމިނަމަވެސް ސެމީ ފައިނަލުން ސާއިދު އަށް ފުރުސަތެއް ނުލިބުނެވެ. 2010 ވަނަ އަހަރުން ފެށިގެން ދުވުމުގެ ބައިނަލްއަގްވާމީ އެކި އިވެންޓަކުގައި ބައިވެރިވަމުން އަންނަ ސާއިދު ވަނީ ރާއްޖެއަށް ތާރީހީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެންމެފަހުން ސާއިދު ރާއްޖެއަށް ހޯދައިދިން އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ބައިން ރަން މެޑަލް ހޯދުމެވެ.
ފެތުމުގައި ވާދަކުރާ ސާޖިނާ އަކީ ބްރެޒިލްގައި އޮތް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލި އާމިނަތު ސަޖަންގެ ކޮއްކޮ އެވެ. ސާޖިނާ ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އެކުއަޓިކް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ރާއްޖެއަށް މި ފެންވަރުގެ މުބާރާތެއްގައި ފެތުމުގެ ބައިން ލިބުނު ފުރަތަމަ ރިހި މެޑަލް އެވެ. އެ މުބާރާތުގައި ޖުމްލަ ދެ ރިހި މެޑަލާއި އެއް ލޯ މެޑަލް ސާޖިނާ ހޯދި އެވެ.
ސާޖިނާ އާއި މުބާލް އަށް އޮލިމްޕިކްސް އިން ފުރުސަތު ލިބުމުގެ ކުރިން މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނެކަމަށް ރާއްޖޭން ކަނޑައެޅީ ގައުމީ ސްވިމިން ޓީމުގެ އާއިޝަތު ޝައުސަން އާއި އަލީ އިމްއާން އެވެ. އެކަމަކު ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތުގެ މަތިން ފީނާގެ ޕޮއިންޓް ރޭންކިން އަށް ބަލައިގެން ސާޖިނާ އާއި މުބާލް އަށް ފަހުން ފުރުސަތު ލިބުނީ އެވެ. އޮލިމްޕިކްސް ގައި ސާޖިނާ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ވާދަކުރާއިރު މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ.
ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާ ނަބާހާ އޮތީ ދުނިޔޭގެ ރޭންކިންގެ ސިންގަލްސް ބައިން 252 ވަނައިގަ އެވެ. ގޭމްސްގެ ގްރޫޕް ޖީގައި ނަބާހާ ހިމެނޭއިރު އޭނާ ވާދަކުރާނީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އާއި 11 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއާ އެވެ. ރާއްޖެ އަށް ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ނަބާހާ އަށް މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެ އެވެ.
ޖަޕާނަށް ރާއްޖޭން ފުރި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ. މުންތަގިމް މިހާރު އަންނަނީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާ ހަތަރު ވަނަ ދައުރަކަށް އަދާކުރަމުންނެވެ. ހަތަރު ކުޅުންތެރިންނާއި ޖެނެރަލް ސެކްރެޓަރީ މުންތަގިމްގެ އިތުރުން އޮފިޝަލެއްގެ ގޮތުގައި ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނެ އެވެ.
Advertisement


Leave a Reply