އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުޅެން ނިންމައިފި
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުޅޭގޮތަށް އޭއެފްސީން މިއަދު ނިންމައިފި އެވެ. އޭއެފްސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ގްރޫޕް ޑީ އަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗާއި އެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅެން ނިންމާފައިވާކަމަށެވެ.
ގްރޫޕް ޑީ އިން މިހާރު ޖާގަ ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އާއި ރާއްޖޭގެ މާޒިޔާގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ގްރޫޕުގެ ފަހު ޖާގަ ލިބޭނީ 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ދެ ވަނަ ހޯދި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކްލަބް އީގަލްސް ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
އޭއެފްސީން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން އީގަލްސް އާއި ބެންގަލޫރު ވާދަކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 18، 21 އަދި 24 ވަނަ ދުވަހު އެވެ. ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދާ ޓީމު އިންޓަ ޒޯން ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އެ ލެގަށެވެ.
އޭއެފްސީ ކަޕްގެ މެޗުތައް އެންމެ ފަހުން ކުޅެން ޝެޑިއުލްކުރީ މިދިޔަ މެއި މަހު އެވެ. އެކަމަކު ރާއްޖޭގައި މެޗުތައް ނުކުޅެން ނިންމައި އެހެން ތާރީހަކަށް ފަސްކުރީ އީގަލްސްއާ ދެކޮޅަށް ކުޅެން ރާއްޖެ އައި ބެންގަލޫރުގެ ކުޅުންތެރިން ރާއްޖެ އާއި އޭއެފްސީގެ ކޮވިޑް ޕްރޮޓޯކްލާ ހިލާފުވުމުންނެވެ. އޭރު މާލޭގެ ޖެން ހޮޓެލްގައި ތިބެފައި ބެންގަލޫރުގެ ކުޅުންތެރިން މާލެތެރެއަށް ނުކުމެ އުޅޭ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެހިސާބުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވީ ޕްރޮޓޮކޯލްއާ ހިލާފުވުމުން ބެންގަލޫރު ޓީމު ރާއްޖެ ދޫކޮށް ދިއުމަށެވެ. އޭއެފްސީ މެޗުތަކަށް މެއި މަހު ރާއްޖޭން ތައްޔާރުވަމުން ދިޔައިރު އާއްމުން ދިޔައީ މެޗުތައް ރާއްޖޭގައި ކުޅުން ރައްކާތެރި ނޫންކަމަށް ބުރެ ޕްރެޝަރު ކުރަމުންނެވެ.
ރާއްޖޭގެ އިތުރުން އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް ބަންގްލަދޭޝް އިން ވެސް ވަނީ ބިޑްކޮށްފަ އެވެ. މިއީ ރާއްޖޭން މި ބިޑް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މިދިޔަ ފަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަލުން ބިޑްކުރީ ރާއްޖޭގެ ފުޓްބޯޅަ އަށް ދެރަގޮތެއް ވާން ބޭނުންނުވާތީ ކަމަށެވެ. ރާއްޖެއަށް އޭއެފްސީ ކަޕްގެ ބިޑް އަނެއްކާ ވެސް ކާމިޔާބުވިއިރު މިހާރު ރާއްޖޭގެ ކޮވިޑް ހާލަތު ވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ.
Advertisement
Leave a Reply