މިފަހަރު މިއޮތީ ޔޫރޯގައި ފަނުފުލުން ދިޔަ ތަރިންގެ ވާހަކަ

Advertisement

މިފަހަރު މިއޮތީ ޔޫރޯގައި ފަނުފުލުން ދިޔަ ތަރިންގެ ވާހަކަ

އައްބާސް
ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް. މެންޗެސްޓަރ ޔުނައިޓެޑްގައި ދައްކަމުން އަންނަ ކުޅުން ޔޫރޯގައި ގާތަކަށް ވެސް ނުދެއްކުނު

ފުޓްބޯޅަ މުބާރާތެއް ފެށިގެން އަންނަ އިރު އެމުބާރާތުގައި މިވެނި ބަޔަކު މޮޅުކުޅުމެއް ދައްކާނެ ކަމަށް ބުނެ ވާހަކަދައްކާ އުޅެ އެވެ. އެހެންނަމަވެސް ގިނަފަހަރަށް ކަންތައް ވެގެންދަނީ އެ ބުނާ ގޮތަކަށް ނޫނެވެ. މޮޅަށް ކުޅޭނެޔޭ ބުނާ ކުޅުންތެރިންގެ ތެރެއިން އެއްބަޔަކަށް ނުކުޅެވޭއިރު މޮޅަށް ކުޅޭނެކަމަށް ހީނުކުރާ ކުޅުންތެރިން މޮޅަށް ކުޅެ ވިދާލާފަހަރު އާދެ އެވެ. ފުޓްބޯޅައިގައި ކްލަބާއެކު ކުޅުންތެރިން ހޭދަކުރާ ދިގު ސީޒަނާއި ހިލާފަށް މިގޮތަށް މަހެއްހާ ދުވަހަށް ކުރިއަށްދާ މުބާރާތެއްގައި ކުޅުންތެރިޔަކު މާ މޮޅަށް ކުޅުމަކީ އެކުޅުންތެރިޔަކު ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއެއްގެ ލޭބަލްވެ ދިގު ދެމިގެންދާ މަޝްހޫރުކަމެއް ލިބެންޖެހޭ ސަބަބެއް ނޫނެވެ. ވަރަށް ގިނަފަހަރަށް މިފަދަ މުބާރާތްތަކުގައި މޮޅަށް ކުޅެ ބޮޑު މަޝްހޫރު ކަމެއް ހޯދުމުން ބޮޑު އަގުގައި ކްލަބަކަށް ގެންދިއުމުން ފުލުން ދަނީއަކީވެސް މަދެއްކޮށްނޫނެވެ. ބްރެޒިލްގެ ކްލެބަސަން އާއި ޑެނިލްސަން، ސެނެގާލްގެ އަލްހާޖީ ދިއޫފް އާއި ޗެކް ރިޕަބްލިކް ކަރޭލް ޕޮބޯސްކީ އާއި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އަކީ މީގެ މިސާލުތަކެވެ. އަނެއްކޮޅުން މިފަދަ މުބާރާތެއްގައި މޮޅަށް ނުކުޅެވުމަކީ އެ ނުކުޅެވޭ ކުޅުންތެރިންގެ ކެރިއަރުގެ ނިމުމެއްވެސް ނޫނެވެ. ކްލަބް ފުޓްބޯޅައިގައި މޮޅަށް ކުޅުމަށްފަހު މިފަދަ މުބާރާތެއްގައި ފެއިލްވުމަށްފަހު ކްލަބް ފުޓްބޯޅައަށް އެނބުރިގޮސް ކުރިން ނިންމާލި ހިސާބުން ފަށައިގެން ކުރިއަށް ދާތަރިންނެއްވެސް މަދެއްނޫނެވެ. އެހެންނަމަވެސް ބޮޑު މުބާރާތެއް ނިމިގެންދާއިރު އެ މުބާރާތުގައި މޮޅަށް ކުޅުނު ތަރިންނާއި ނުކުޅެވުނު ތަރިންގެ ވާހަކަ އެންމެންވެސް ދައްކާނެ އެވެ. އެ ގޮތުން މިފަހަރުގެ ޔޫރޯގައި ފުލުންދިޔަ ކުޅުންތެރިންނަށް ބަލާލާނަމެވެ.

މެނުއަލް ނޯޔާ (ޖަރުމަން)

ޖަރުމަނު ޓީމުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަކީ މިފަހަރު ޔޫރޯއަށް އެންމެ ބޮޑު އިތުބާރަކާއެކު އައި ގޯލްކީޕަރޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެހެންނަމަވެސް ހަތަރު މެޗުން 7 ގޯލް ބައިކޮޅަށް ވަތް އިރު ބައިކޮޅަށް ގޯލެއް ނުވަންނަ މެޗެއް ނުދެ އެވެ. ސްޕެއިން ކީޕަރު ހެދި ކަހަލަ ކޮސް އެއްޗެއް ނެހެދިޔަސް ނޯޔާ މިފަހަރު ފެނުނީ ގޯލް ބެލެހެއްޓުމުގައި އޭނާގެ އާއްމުކޮށް އެހުންނަ ތޫނުކަމާއެކުގައެއް ނޫނެވެ. ފަހަރެއްގައި 35 އަހަރުގެ ކީޕަރުގެ މިދަށް ފޯމުގެ ސަބަބުން 2022 ގެ ވޯލްޑް ކަޕުން މިހާރު ބެންޗުގައި ތިބި މާކް-އަންދްރޭ ޓާ ސްޓޭގަން ނުވަތަ ބާންޑް ލެނޯ އަށް ފުރުސަތު ލިބުމަކީ އެކަށީގެންވާކަމެކެވެ.

Neuer has worn the armband for all Germany's Euro 2020 fixtures

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު ނޯޔާ. މިފަހަރު އޭނާ ބެލެހެއްޓި ގޯލަށް ކޮންމެ މެޗެއްގައި ލަނޑު ވަތް

މާރިއޯ ފެނާންޑޭސް (ރަޝިއާ)

މުބާރާތް ފެށުނުއިރު ބްރެޒިލްއަށް އުފަން މާރިއޯ ފެނާންޑޭސް އަކީ ރަޝިއާ ޓީމުގެ ހުންގާނުގައި ހުންނާނެ މީހާކަމަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް ފުރަތަމަ ބުރުން ކަޓައިގެން ރަޝިއާ ޓީމު އެނބުރި ރަށަށްދާން ޖެހުނުއިރު މާރިއޯ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ރަޝިއާ މިމުބާރާތުގައި ހަމައެކަނި ކާމިޔާބުކުރި މެޗުގަ ވެސް މެޗްގެ ވަރަށް ކުރީކޮޅު މާރިއޯ ބަދަލުކުރި އެވެ. 1-0 އިން ފިންލެންޑު ބަލިކުރި މެޗުގައި މާރިއޯ ބަދަލުކުރީ ލިބުނު އަނިޔާއަކާ ހުރެ ފުރަތަމަ ހާފުގެ މެދުތެރެއިން އެވެ. އެހެންކަމުން ލިބުނު ހަމައެކަނި މޮޅުގައި ވެސް މާރިއޯގެ ހިއްސާއެއް ނެތްކަމުގައި ބުނެވިދާނެ އެވެ.

ރަޝިއާގެ މާރިއޯ ފެނާންޑޭސް. ޔޫރޯގައި ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ރަޝިއާ ކެޓީ ގްރޫޕް ސްޓޭޖުން

މެތައިސް ޑި ލިޓް (ނެދަލެންޑްސް)

މިހާރު ފުޓްބޯޅައިގެ ދުނިޔޭގައި ޒުވާން ޑިފެންޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކު ކަމަށްވާ ޔުވެންޓަސްގެ މެތައިސް ޑި ލިޓްގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރެވުނުފަދަ ކުޅުމެއް ނުފެނުނެވެ. ލަދުވެތިގޮތަކަށް ނެދަލެންޑްސް ދެ ވަނަ ބުރުން ޗެކް ރިޕަބްލިކް އަތުން ކަޓައިގެން ދިއުމުގެ މައިގަނޑު ސަބަބަކަށްވީ ވެސް ޑި ލިޓެވެ. ވީޑިއޯ އެސެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ޑި ލިޓަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލީ ވެއްޓެން ދިޔަ ވަގުތު ގަސްދުގައި ބޯޅައިގެ އަތްލިކަމަށް ބަލާފައެވެ. އެމެޗުން 2-0 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު ނެދަލެންޑްސް ޓީމުން އެކަކު މަދުވުމުގެ ފައިދާ ކިތަންމެ ރަނގަޅަކަށްވެސް ޗެކް ޓީމުން ނެގިއެވެ.

ދެ އަހަރެއްހާ ކުރިން އެންމެ ވިދާލި ޑިފެންޑަރު ޑި ލިޓް. ޔޫރޯގައި ނެދަލެންޑްސް ކެޓުމުގެ އެއް ސަބަބަކީ ޑި ލިޓް އަށް ދެއްކި ރަތް ކާޑު

ވިލީ އޯބާން (ހަންގޭރީ)

މިފަހަރުގެ ޔޫރޯގައި މަރުގެ ގްރޫޕުގައި ކުރީގެ ތިން ޗެމްޕިއަނުންނާ އެކު ހަންގޭރީ ދެއްކި ކުޅުމަކީ އެޓީމުންނާއި އެޓީމުގެ ސަޕޯޓަރުން ފަހުރުވެރި ވާނޭފަދަ ކުޅުމެކެވެ. ފްރާންސާއި ޖަރުމަނާއި އެއްވަރުކޮށް ޕޯޗުގަލްއާއެކު މެޗުގެ ފަހުމިނެޓްކޮޅާއި ހަމައަށް ދިޔައިރު ވެސް ގޯލެއް ޖެހިޔަނުދީ ހިފެހެއްޓިއިރު އެޓީމު ވެފައިވަނީ އުއްމީދީ ޓީމަކަށެވެ. އެހެންނަމަވެސް އެޓީމުގެ ދިފާއީ މައި ތަނބު ކަމުގައިވާ ވިލީ އޯބާންގެ ފަރާތުން މިފަހަރު ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ތިން މެޗްގައި ހަ ގޯލް ބައިކޮޅަށް ވަތްއިރު ޕޯޗުގަލް މެޗުގައި ފަހުވަގުތު ވަތް 3 ގޯލްގައި ވެސް އޯބާންގެ ‘ހިއްސާ’ ވަރަށް ބޮޑެވެ.

ހަންގޭރީގެ އޯބާން. ޕޯޗުގަލް އަތުން ފަހު ވަގުތު ބަލިވި މެޗުގައި މިސްޓޭކްތައް ގިނަ

އާރޮން ރަމްސީ (ވޭލްސް)

ރަމްސީ 2016 ގެ ޔޫރޯގައި ދެއްކި ފަދަ މޮޅު ކުޅުމެއް މިފަހަރުގެ ޔޫރޯގައި އޭނާއަށް ދެއްކޭ ގޮތެއްނުވި އެވެ. އެހެންނަމަވެސް 30 އަހަރުގެ މިކުޅުންތެރިޔާ ވޭތުވެދިޔަ ދެ ސީޒަނުގައި ވެސް ޔުވެންޓަސްގެ ބެންޗުގައި ގިނަވަގުތު ހޭދަކޮށްފައިވުމާއެކު މިއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ޑެންމާކް އަތުން ބަލިވެ ވޭލްސް އަށް ރަށަށް ދާން ޖެހުނުއިރު ރަމްސީގެ ވިދުން ފެނުނީ ވަރަށް ފަނޑުކޮށެވެ.

Wales' midfielder Aaron Ramsey reacts to missing a chance to score during the UEFA EURO 2020 Group A football match between Turkey and Wales at the Olympic Stadium in Baku on June 16, 2021. (Photo by OZAN KOSE / POOL / AFP) (Photo by OZAN KOSE/POOL/AFP via Getty Images)

ރަމްސީ. 2016 ވަނަ އަހަރު ވޭލްސް ސެމީ ފައިނަލަށް ގެންދިއުމުގައި މޮޅު ކުޅުމެއް ދެއްކި. މިފަހަރު ފެނުނީ ދަށްކޮށް

ބްރޫނޯ ފެނާންޑޭސް ( ޕޯޗުގަލް)

މެންޗެސްޓަރ ޔުނައިޓެޑާ އެކު ފާހަގަކޮށްލެވޭ ދޮޅު ސީޒަން ހޭދަކުރުމަށްފަހު ޔޫރޯއަށް އައިއިރު ބްރޫނޯ ފެނާންޑޭސްގެ ފަރާތުން ހަމަ އެކުޅުން ފެންނާނެކަމަށް ސަޕޯޓަރުން އުއްމީދުކުރި އެވެ. އަދި ޕޯޗުގަލް ޓީމުން ރޮނާލްޑޯގެ ވިދުން ފަނޑުކޮށްލާނެ ތަރިއަކަށް ފެނާންޑޭސް ވާނެކަމަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް މެދުތެރެއިން ޓީމު ލައްވާ ކުޅުވާ މިކުޅުންތެރިޔާގެ ފަރާތުން އުއްމީދު ކުރިކަހަލަ ކުޅުމެއް ޔޫރޯގައި ފެންނަގޮތެއްނުވި އެވެ. އެސަބަބާހުރެ ޕޯޗުގަލްގެ ފަހު ދެމެޗުގައި ފެނާންޑޭސް މެޗު ފެށީ ބެންޗުންނެވެ. ކޮންމެއަކަސް މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުން މިހާރު އެންމެ އުއްމީދުކުރާނީ އެނބުރި ކްލަބަށް އަންނައިރު ދެން ވާނެ ގޮތުގެ ޓްރޭލާ އަކަށް ޔޫރޯ 2020 ވެގެން ނުދިއުމެވެ.

ކިލިއަން އެމްބާޕޭ (ފްރާންސް)

2018 ގެ ވޯލްޑް ކަޕްގެ ކާމިޔާބަށްފަހު އެމްބާޕޭ ތައްޔާރުވެގެންހުރީ ޔޫރޯ 2020 ގައިވެސް އޭނާގެ ނަން ލިޔެލާށެވެ. މީގެ 3 އަހަރުކުރިން ރެކޯޑްތަކެއް ހަދާ ރަޝިއާ ވޯލްޑް ކަޕް އަމިއްލަކުރި ގޮތަށެވެ. އެކަމަކު ކަންތައް ދިޔައީ ދިމާ އިދިކޮޅަށެވެ. އެންމެގިނަ ގޯލް ޖަހައިގެން ރަން ބޫޓް ގެންދާނެކަމަށް ބެލެވުނު ތަރިއަށް މި މުބާރާތުގައި އެންމެ ގޯލެއް ވެސް ނުޖެހުނެވެ. ނުވިތާކަށް މުބާރާތުގެ ދެ ވަނަ ބުރުން ސްވިޒަލެންޑް އަތުން ބަލިވެ ފްރާންސް ކަޓައިގެން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓް ގައި އެމްބާޕޭ ޖެހި ޕެނަލްޓީ ކާމިޔާބު ނުވުމުންނެވެ. އެހެންކަމުން އެމްބާޕޭ މިހާރު އެންމެ ބޭނުންވާނީ މި މުބާރާތުގެ މަތިން ހަނދާން ނައްތާލުމަށްފަހު ކްލަބް ފުޓްބޯޅައިގައި އަނެއްކާވެސް ކާމިޔާބު ހޯދާ ރަޝިއާ ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރުކުރުމަށްޓަކައި އަންނައަހަރުގެ ގަތަރު ވޯލްޑް ކަޕަށް ފުރިހަމައަށް ތައްޔާރުވާށެވެ.

ބުރާކް ޔިލްމާޒް (ތުރުކީ)

ބުރާކް ޔިލްމާޒަކީ މިހާރު 35 އަހަރުގެ ކުޅުންތެރިއެކެވެ. އެހެންކަމުން މިފަދަ ލިސްޓެއްގައި އެހާ ދުވަސްވީ ކުޅުންތެރިއަކު ހިމެނުމަކީ އިންސާފެއް ނޫންކަމުގައި ބުނެވިދާނެ އެވެ. އެހެންނަމަވެސް ބުރާކް ވަނީ ވޭތުވެދިޔަ ސީޒަނުގައި ފްރާންސް ލީގު 1 ގެ ޗެމްޕިއަންކަން ލިލް އަށް ހޯދައިދިނުމުގައި ކޮންމެ 28 މިނެޓަކުން ގޯލް ޖަހާފަ އެވެ.

ތުރުކީގެ ޔިލްމާޒް. ގިނަ ގޯލުތަކެއް ޖަހާނެކަމަށް އުއްމީދުކުރެވުނު

ނޭމާ އާއި އެމްބާޕޭ ހިމެނޭ ޕީއެސްޖީގެ މައްޗަށް ގަދަވެގަތުމުގައި ބުރާކް ވަނީ މޮޅުކުޅުމެއް ދައްކާފަ އެވެ. އެހެންކަމުން އެހާ ރަނގަޅު ފޯމެއްގައި ބުރާކް ޔޫރޯއަށް އައި އިރު އޭނާއާއި މެދު ކުރެވުނު އުއްމީދުތައް ވަރަށް ބޮޑެވެ. އެހެންނަމަވެސް މުބާރާތުގެ ފުރަތަމަ ބުރުން ތުރުކީ ކަޓައިގެން ދިޔައިރު ބުރާކް ހީވީ ކްލަބު ބެންޗުގައި ދުވަސްތައް ހޭދަކޮށްފައި އައިހެންނެވެ. ގޯލެއް ނުޖެހޭތާ ގޯލަށް އެންމެ ޝޮޓެއްވެސް ނުނެގެ އެވެ. ކޮންމެއަކަސް ބެލެވޭގޮތުގައި މިއީ 35 އަހަރުގެ މިކުޅުންތެރިޔާގެ އެންމެފަހުގެ ޔޫރޯ އެވެ. އެހެންނަމަވެސް އަންނައަހަރުގެ ވޯލްޑް ކަޕަށް ތުރުކީ ކޮލިފައި ވެއްޖެނަމަ ގަތަރުން ބުރާކް ޔިލްމާޒް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *