ބޮޑު އަނިޔާއިން މުޅިން ރަގަޅުވެ ހިމެނޭޒް ފުރަތަމަ މެޗް ކުޅެފި
ބޮލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ވޮލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް އެނބުރި އައިސް އެ ޓީމަށް ފުރަތަމަ މެޗް ކުޅެފި އެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވޮލްވްސްއިން ލީގް ވަންގެ ޓީމެއް ކަމަށްވާ ކްރޭވް އެލެގްޒެންޑްރާ އާ ދެކޮޅަށް ކުޅުނު މި މެޗްގައި 0-1 އިން ވޮލްވްސްވީ ބައްޔެވެ.
އަނިޔާއިން މުޅިން ރަގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ ކުރިން ހިމެނޭޒް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ރޭ ވޮލްވްސް އިން ކުޅުނު ރަހްމަތްތެރިކަމުގެ މެޗްގައި މެކްސިކޯގެ އުމުރުން 30 އަހަރުގެ ފޯވާޑް ބޮލުގައި ޕްރޮޓެކްޓިވް ގިއާ އެއް އަޅުވައިގެން ކުޅުނު އިރު އޭނާ ޖެހި ހިލޭ ޖެހުމެއް ވަނީ ގޯލްދަނޑީގައި ޖެހިފަ އެވެ.
ބޮލުގެ ނާށިގަނޑުގައި ރެނދެއްލުމުގެ ސަބަބުން ކުޅުމާ ދުރަށްދާންޖެހުނު ހިމެނޭޒްއަށް އަނިޔާއިން ރަގަޅުވެ މިދިޔަ މެއި މަހުގެ ތެރޭގައި ކުޅެން ޑޮކްޓަރުން ހުއްދަ ދިނެވެ. އެކަމަކު ލީގުގެ އެންމެ ފަހު މެޗްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ހިމެނޭޒްއަށް ކުޅުމުގެ ފުރުސަތު އޮތްނަމަވެސް ވޮލްވްސްއިން އެ ރިސްކް ނަގަން ބޭނުން ނުވީ އެވެ. އަދި މެކްސިކޯ އިން އޮލިމްޕިކްސްގައި ބައިވެރިކުރާ ފުޓްބޯޅަ ޓީމުގައި ހިމަނާ އުމުރު މަތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭޒް ހިމަނަން އެ ގައުމުން ބޭނުންވި ނަމަވެސް ވޮލްވްސް އިން ވަނީ ކުޅުންތެރިޔާ ދޫކުރަން ދެކޮޅު ހަދައިފަ އެވެ.
Advertisement
Leave a Reply