ކޭން އަކީ އަހަރެމެންގެ މީހެއް: ޓޮޓެންހަމް ކޯޗު

Advertisement

ކޭން އަކީ އަހަރެމެންގެ މީހެއް: ޓޮޓެންހަމް ކޯޗު

ޢަލީ ޝަހީމް

ހެރީ ކޭން އަކީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިއެއް ކަމަށާއި، ޓީމާ އަލުން ގުޅުމުން ކްލަބުގައި މަޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށް ޓޮޓެންހަމްގެ އާ ކޯޗު ނޫނޯ އެސްޕިރީޓޯ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ އިނގިރޭސި ފޯވާޑް މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިޓަލީ އަތުން ބަލިވި މެޗަށް ފަހު ކޭން މިވަގުތު ހުރީ ޗުއްޓީގަ އެވެ.

“މިއީ ކޭން ރެސްޓް ކުރަންވީ ވަގުތު. އޭގެ ފަހުން އޭނައާ ވާހަކަދެއްކޭނެ. ކޭން އަކީ އަހަރެމެންގެ ކުޅުންތެރިއެއް. މި ބަލަނީ ކޭން ވަރަށް އަވަހަށް މި ޓީމާ ގުޅޭނެކަމަށް” ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަމުން ނޫނޯ ބުންޏެވެ.

އިނގިރޭސި މީޑިއާ އިން މެއި މަހު ރިޕޯޓްކުރި ގޮތުގައި ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފަ އެވެ. ދުނިޔޭގެ ފެންވަރުގެ ފޯވާޑަށް ޓޮޓެންހަމްގައި ދިމާވެފައިވާ މައްސަލައަކީ ތައްޓެއްގައި އަތް ނުލެވުމެވެ. ކޭން ވަނީ ޓޮޓެންހަމްއާ އެކު އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ.

“ކޭން އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެހެން އެކަނި އަހަރެން ބުނަން ބޭނުންވަނީ” ކޭންއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރަން ފެށުމުން ނޫނޯ ބުންޏެވެ.

އާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު ކޯޗު ނޫނޯ އަށް އެންމެ ބޮޑު ޗެލެންޖަކީ ކޭން އެޓީމުގައި ބަހައްޓަން ކުރަންޖެހޭ މަސައްކަތް ބޮޑުވުމެވެ. ކޭން އަށް އެންމެ ގާތުން ފާރަލަމުން އަންނަނީ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ. ސިޓީން ކޭން ބޭނުންވަނީ އެޓީމު ދޫކޮށްލި ސާޖިއޯ އަގުއޭރޯގެ ރީޕްލޭސްމަންޓަށެވެ. ރިޕޯޓުތައް ބުނާގޮތުން ސިޓީން ކޭން ހޯދަން 100 މިލިއަން ޕައުންޑް ހުށަހަޅާނެ އެވެ.

ކޭންގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ލޯނު އުސޫލެއްގެ ދަށުން ޓޮޓެންހަމަށް ކުޅުނު ގަރެތު ބޭލް ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުން ނުފެންނާނެ ކަމަށް ނޫނޯ ވަނީ ބުނެފަ އެވެ. ޓޮޓެންހަމާ ދެ ވަނަ ފަހަރަށް ގުޅުމަށް ފަހު މިދިޔަ ސީޒަނުގައި އުމުރުން 32 އަހަރުގެ ބޭލް އަށް ލީގުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މަދު މެޗެއްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *