ދިވެހި ފުޓްބޯޅައިގެ އާ ފޯމެޓް: އުއްމީދީ ބަދަލުގެ ވާހަކަ އަލިފުން ޔާ އަށް

ދިވެހި ފުޓްބޯޅައިގެ ފޯރި ކެނޑުނުތާ ކިތަންމެ ދުވަހެކެވެ. އަލުން އެ ފޯރި ގެނެވޭތޯ އެތައް ޕްލޭނެއް ހަދައިފި އެވެ. ގިނަ ކަންތައްތަކެއް ތަޖުރިބާވެސްކޮށްފި އެވެ. ދިވެހި ޕްރިމިއާ ލީގަކީ އޭގެ ރަގަޅު މިސާލެކެވެ. އެކަމަކު އަދިވެސް މި އުޅެނީ އެ ފޯރި ނައިސްގެންނެވެ. އެއް ބަޔަކު ބުނާގޮތުން ކުޅޭ ފޯމެޓް ކަމުނުދަނީ އެވެ. އަނެއް ބަޔަކު ދެކޭގޮތުގައި އަތޮޅުތެރެއަށް އޮތް ފުރުސަތު އަދިވެސް ކުޑައީ އެވެ. މާކެޓިންގެ މައްސަލަތައް ގިނަ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
ކޮންމެއަކަސް ދިވެހި ފުޓްބޯޅައިގެ ފޯރި ކުރިން އޮތް ހިސާބަށް ގެންނަން އިއްޔެ އަނެއްކާވެސް މިވަނީ މުހިއްމު ފިޔަވަޅެއްގެ ބިންގާ އަޅައިފަ އެވެ. 2024-2023 ގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރަން ނިންމައި އެކަމާ ގުޅޭ ޕްލޭން އިއްޔެ އެފްއޭއެމުން ހާމަކުރި އިރު ބޮޑެތި ބަދަލުތަކެއް އެއިން ފާހަގަކުރެވުނެވެ. މީޑިއާ އާ ޕްލޭން ހިއްސާކުރައްވަމުން އުއްމީދީ ލައްކަ ގިނަ ކަންކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާހަގަކުރެއްވި އެވެ. މި އާޓިކަލްގައި ތަފްސީލްކޮށް ދެން މި ބަލާލަނީ ދިވެހި ފުޓްބޯޅައިގެ އާ ފޯމެޓަށް ގެންނަން އެފްއޭއެމުން ނިންމާފައިވާ މުހިއްމު ބަދަލުތަކަކަށެވެ.
ރާއްޖެ ހަތަރު ޒޯނަކަށް، ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން
އާ ފޯމެޓްގައި ފެނުނު އެންމެ ބޮޑު ތަފާތަކީ މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ލިބިގެންދިއުމެވެ.
ޒޯން 1: ހއ، ހދ، ށ، ނ، ރ
ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ
ޒޯން 3: ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ
ޒޯން 4: ވިލިމާލެ، މާލެ، ހުޅުމާލެ
ފޯމެޓްގެ މަސައްކަތް ކުރުމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި އެފްއޭއެމްގައި މަސައްކަތްކުރި ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޒޯންތަކަށް އަތޮޅުތައް ކަނޑައެޅީ ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް މުބާރާތްތަކުގައި އަތޮޅުތަކުން ޓީމުތައް ބައިވެރިވި އަދަދު ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
ކޮންމެ ޒޯނެއްގައި އޮންނާނީ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. ތިން ވަނަ ޑިވިޝަން ފެށުމުގެ ކުރިން ކޮންމެ ޒޯނެއްގައި ވެސް އޯޕަން ޑިވިޝަނެއް (ރަށު ފެންވަރުގެ) ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އޯޕަން ޑިވިޝަނުގައި ރަށްތަކުން ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށް ފުރުސަތު ލިބޭއިރު މި ޑިވިޝަން ހާއްސަކޮށްފައިވަނީ ކޮންމެ ރަށަކަށް ވަކިންނެވެ. މިގޮތުން އޯޕަން ޑިވިޝަނުން ޗެމްޕިއަންކަން ހޯދާ ރަށްތަކުގެ ޓީމުތަކަށް ތިން ވަނަ ޑިވިޝަނުން ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން އޯޕަން ޑިވިޝަނުގައި ބައެއް ރަށްތަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ކ) ރައީސް ބައްސާމް އަދި ކޮންސަލްޓެންޓް މުހައްމަދު (ވ) ބައިވެރިވަނީ. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
އޯޕަން ޑިވިޝަނުގައި ބައިވެރިވުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވިނަމަވެސް ބާކީ ހުރި ޑިވިޝަންތަކުގައި ޓީމުތައް ބައިވެރިކުރާނެ އަދަދު ވަނީ ކަނޑައަޅައިފަ އެވެ. އެއީ ކޮންމެ ޒޯނެއްގެ ތިން ވަނަ ޑިވިޝަނުގައި ގިނަވެގެން 15 ޓީމު، ދެ ވަނަ ޑިވިޝަނުގައި 10 ޓީމު އަދި ފުރަތަމަ ޑިވިޝަނުގައި 8 ޓީމެވެ. އެކަމަކު މުބާރާތުގައި ޓީމުތަކުގެ ބައިވެރިވުމަށް ބަލައި މި އަދަދުތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މުބާރާތުގެ ފޯމެޓް، ޕްރިމިއާ ލީގުގައި 12 ޓީމު
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޒޯނެއްގައި އެންމެ ފުރަތަމަ އޯޕަން ޑިވިޝަން ބޭއްވުމަށް ފަހު ފަހަރަކު ޑިވިޝަނެއް ކުޅޭ ގޮތަށެވެ. އެފްއޭއެމުން ބުނީ ޒޯންތަކުގައި ޑިވިޝަންތައް ކުރިއަށްގެންދާނީ “ސެންޓްރްލައިޒްޑް” ކޮށް ކަމަށާއި، މުބާރާތް ކުރިއަށް ގެންދާނެ ދަނޑު ކަނޑައަޅާނީ ބިޑު އުސޫލުން ހުޅުވާލައިގެން ކަމަށެވެ. ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ކުޅުމަށް ފަހު ކޮންމެ ޒޯނަކުން 8 ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ. 8 ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ހަތަރު ޒޯނުން ޗެމްޕިއަންކަން ހޯދާ ހަތަރު ޓީމަށް 2024-2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފުރަތަމަ ޑިވިޝަނުގެ 8 ޓީމާއި ޒޯންތަކުގެ ޗެމްޕިއަނުންގެ ހަތަރު ޓީމާ އެކު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭނީ 12 ޓީމެވެ. 12 ޓީމުގެ މެދުގައި ލީގު ކުރިއަށްގެންދާނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ބުރަށެވެ.
ޒޯން 1، ޒޯން 2 އަދި ޒޯން 3 އިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާ ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާއިރު މާލެ ސަރަހައްދުން ލީގަށް ކޮލިފައިވާނީ 2022 ވަނަ އަހަރު އޮންނަ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމެވެ. ހަތަރު ޒޯނުގެ ޗެމްޕިއަނުންނަށް 2024-2023 ވަނަ ސީޒަނުގެ ލީގުން ސީދާ ޖާގައެއް ލިބުނަސް، އޭގެ އަނެއް ސީޒަނުން ފެށިގެން މި ހަތަރު ޓީމަށް ފުރުސަތު ލިބޭ އުސޫލު ތަފާތެވެ. އޭރުން ލީގަށް ކޮލިފައިވާނީ 2024-2023 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ 12 ޓީމުގެ ތެރެއިން ފުލަށްދާ 4 ޓީމާއި، ހަތަރު ޒޯންގެ ޗެމްޕިއަނުންނާއި ދެމެދު ކުޅޭ ޕްލޭއޮފް މެޗުތަކުން މޮޅުވާ ހަތަރު ޓީމެވެ. ރެލިގޭޝަން/ޕްރޮމޯޝަން ގޮތަށް ކުރިއަށްގެންދާ މި ޕްލޭއޮފް މެޗުތައް ކުޅޭނީ ދެ ލެގުގެ އުސޫލުންނެވެ. ޕްލޭއޮފް މެޗުތަކުން ބަލިވާ ހަތަރު ޓީމު އަނެއްކާވެސް ވާދަކުރަން ޖެހޭނީ އެ ކްލަބެއް ނިސްބަތްވާ ޒޯންގެ ފުރަތަމަ ޑިވިޝަނުގަ އެވެ.
ލީގުތައް ހިންގުމުގެ ބާރު ރީޖަނަލް އޮފީސްތަކަށް
އަތޮޅުތެރޭގައި ރީޖަނަލް އޮފީސްތަކެއް ގާއިމްކޮށް ބައެއް މަސައްކަތްތައް މިދިޔަ އަހަރުތަކުގައި ވަނީ ކޮށްފަ އެވެ. އެކަމަކު އެފްއޭއެމްގެ އަމާޒަކީ އާ ފޯމެޓާ އެކު ހުރިހާ ޒޯނެއްގައި ރީޖަނަލް އޮފީސްތައް ގާއިމްކޮށް މުބާރާތްތައް ކުރިއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް އެ އޮފީސްތަކުން ކުރުމެވެ. އެހެންނަމަވެސް 2024-2023 ސީޒަނުގެ ކުރިން އެ އޮފީސްތަކަށް ޒިންމާތައް ހަވާލުކުރުމުގެ ބަދަލުގައި މުބާރާތް ކުރިއަށްދާނީ އެފްއޭއެމްގެ ބެލުމުގެ ދަށުންނެވެ.
“ފަށާއިރުގައި ވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ރީޖަނަލް އޮފީސްތަކެއް ހުންނާނެ. ކޮންމެ ޒޯނެއްގައި އޮފީހެއް ހުންނާނެ. އެ ޒޯންގެ ދަށުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ލީގުތައް ފެއްޓިގެން ފުރަތަމަ ދާނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ ކޮންފިޑެންސް ލިބޭ ވަރަކުން އެ އޮފީސްތަކަށް މުޅި ލީގު ކުރިއަށް ގެންދިއުމަށް ދޫކުރެވިގެންދާނެ. އޭގެ މާނައަކީ ޒޯން ވަންގައި އިންނަ އޮފީހުންނޭ ޒޯންގެ ތާޑް ޑިވިޝަނާއި ސެކަންޑް ޑިވިޝަނާ ފަސްޓް ޑިވިޝަން ކުރިއަށްގެންދާނީ” ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ރީޖަނަލް އޮފީސްތަކުން ކުރިއަށްގެންދާ ޒޯންތަކުގެ ލީގުތަކަށް ފަހު، ޕްރިމިއާ ލީގަށް ޓީމުތައް ހޮވުމުން ލީގު ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ “ޕްރިމިއާ ލީގު ބޯޑު” ގެ ބެލުމުގެ ދަށުން ކަމަށެވެ. ބޯޑުގައި އިސްކޮށް ސީއީއޯ އެއްގެ ގޮތުގައި ބޭފުޅަކު ހުންނަވާނެކަމަށް ބައްސާމް ވިދާޅުވި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ލަނޑު ޖެހުމަށް ފަހު ފޯކައިދޫ ޓީމުގެ ކުޅުންތެރިން ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. އެޓީމު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު
“ޕްރިމިއާ ލީގަށް އަންނައިރުގައި ޕްރިމިއާ ލީގަށް ވަކި ހާއްސަ ބޯޑެއް އެކުލެވިގެންދާނެ. ޕްރިމިއާ ލީގު ބޯޑުގައި ސީއީއޯ އެއް އިނދެފައި ސީއީއޯގެ ބެލުމުގެ ދަށުން މުޅި ޕްރިމިއާ ލީގު އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. މިގޮތަށް ބަދަލުކުރުމުގެ ބޭނުމަކީ މުޅި ޕްރިމިއާ ލީގު ހިންގުމަކީ ފަސޭހަކަމަކަށް ނުވާނެ. އެކަމަށް ޑެޑިކޭޓެޑް ބަޔަކު ތިބެންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންވީމަ މުޅި އެތި ހިންގުމަށްޓަކައި ވަކި ބޯޑެއް އެކުލަވާލައި އެ ބޯޑުގެ ދަށުން ހުރިހާ މަސައްކަތެއް ކުރިއަށްދާނީ” އެފްއޭއެމްގެ ރައީސްކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުންގެންދަވާ ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ރީޖަނަލް އޮފީސްތަކާއި ޕްރިމިއާ ލީގުގެ ބޯޑު އައްޔަންކުރުމުން އެފްއޭއެމުން ސީދާ ގޮތެއްގައި އެ މުބާރާތްތައް ހިންގުމުގެ މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ.
“އޭރުން އެފްއޭގެ ޒިންމާއަކަށް ވެގެންދާނީ އެކަޑެމީތައް ހިންގުމާއި ރާއްޖޭގެ ފުޓްބޯޅަ ޑިވެލޮޕްމަންޓަށް މަސައްކަތް ކުރުމާއި އިންފްރާސްޓަރަކްޗަރ ޑިވެލޮޕް ކުރުމާއި އަދި ނެޝަނަލް ޓީމުތަކަށް ގެންނަންވާ ޑިވެލޮޕްމަންޓް ގެނައުމުގެ މަސައްކަތް ކުރުން” ބައްސާމް ވިދާޅުވި އެވެ.
އެންމެ ބޮޑު ގޮންޖެހުން: މީހުން ތަމްރީނު ކުރުމާއި ކްލަބް ލައިސަންސިން
ބޮޑު ޕްލޭނަކާ އެކު ފުޓްބޯޅަ ފޯމެޓް އިއުލާންކުރިއިރު މުބާރާތްތައް ހިންގުމަށް މީހުން ތަމްރީނު ކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބައްސާމް ވިދާޅުވި އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މެޗުތައް އިންސާފު ކުރުމަށް ބިދޭސީ ރެފްރީން މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. ހަތަރު ޒޯނަށް ލީގުތައް ބަހާލައިގެން ކުރިއަށްދާއިރު ވަރަށް ބައިވަރު ކަންތައްތަކެއް ކުރަންޖެހޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
“މިއީ ހަގީގަތުގަ ކުޑަ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. މިއާ އެކީގައި އަދި ވަރަށް ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ. އޭގެތެރޭގައި އަޅުގަނޑުމެން ވަރަށް ބައިވަރު ކޯޗުން ތަމްރީނު ކުރަންޖެހޭ ވަރަށް ބައިވަރު ރެފްރީން މެޗު ކޮމިޝަނަރުން އަންނަން ޖެހޭ. ދަނޑުތައް ބަލަހައްޓާނެ ފަރާތްތަކެއް އަންނަންޖެހޭ. އެގޮތަށް ގޮސް ވަރަށް ބައިވަރު މޭން ޕަވަރ މިއަށް ބޭނުންވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕްލޭންތަކުގެ ތެރޭގައި މި ހުރިހާ ކަމެއް މިހުރީ ޕްލޭން ކުރެވިފައި” މުބާރާތްތައް ކުރިއަށް ގެންދިއުމަށް މީހުން ތަމްރީނު ކުރުމުގެ ޕްލޭނެއް އޮތްކަމަށް ވިދާޅުވަމުން ބައްސާމް ފާހަގަކުރެއްވި އެވެ.
އެފްއޭއެމްގެ ވިސްނުމަކީ 2023 ވަނަ އަހަރު ފަށާ އާ ފޯމެޓްގެ ލީގަށް ޓީމުތައް ހޮވުމަށް މިއަހަރުގެ ފަހުކޮޅު އޯޕަން ޑިވިޝަން ފެށުމެވެ. ބައްސާމް ވިދާޅުވީ އެންމެ ފުރަތަމަ ފަހަރު ހުރިހާ ކަމެއް އެއްފަހަރާ ކުރަންވެއްޖެ ނަމަ އުނދަގޫތަކެއް ވާނެ ކަމަށާއި، އެހެންނަމަވެސް ދެތިން އަހަރެއް ފަހުން އެއްފަހަރާ ހުރިހާ ލީގެއް ޒޯންތަކުގައި ކުޅެވިގެން ދާނެ ކަމަށެވެ.

2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގެ ތެރެއިން. އާ ފޯމެޓާ އެކު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ރަށްތަކަށް ލިބޭނެ
ޕްރިމިއާ ލީގަށް ކޮލިފައިވާ ހިސާބުން ކޮންމެ ޓީމަކަށް ވެސް އޭއެފްސީ ކަޕްގައި ވާދަކުރުމަށް ދޮރު ހުޅުވޭނެކަމަށް ބައްސާމް ވިދާޅުވި އެވެ. އެހެންކަމުން އެކި މަރުހަލާތަކުގައި ކްލަބް ލައިސެންސިން ފުރިހަމަކުރުމަކީ ހުރިހާ ކްލަބަކުން ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. ބައްސާމް ވިދާޅުވީ މިހާރު ވެސް ކްލަބްތަކުން ކުޅެނީ އެކި މަރުހަލާތަކުގައި ފުރިހަމަކުރަންޖެހޭ ކްލަބް ލައިސެންސިންގެ ކަންކަން ކޮށްގެން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް ޓީމުތައް ވަރަށް ބޮޑަށް ހޭލުންތެރިކުރާނެ ކަމަށެވެ.
“އެއީ އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖް. މި ހުރިހާ ކްލަބެއް ވެސް ކްލަބް ލައިސަސްސިންގެ ތެރެއަށް ވަންނަން ޖެހޭނެ. މިހާރުވެސް އޮންނަ އުސޫލުން ތިން ވަނަ ޑިވިޝަނަށް ވެސް އަޅުގަނޑުމެން އޮންނާނެ ޕްރިމިއާ ލީގާ ތާޑް ޑިވިޝަން ޓީމުތަކާ ތަފާތުތަކެއް ހުންނާނެ ފުރިހަމަކުރަންޖެހޭ. ހަމަ އެ އުސޫލުން އަތޮޅުތެރޭގައި ވެސް ތާޑް ސެކަންޑް އަދި ފަސްޓް ޑިވިޝަން ޕްރިމިއާ ލީގަށް އަންނައިރުގައި މިބުނާ އުސޫލުތަކުގެ ތެރެއިން ހަމަ ކްލަބް ލައިސަންސިންގެ އެކި ފަންތިތަކުން ފުރިހަމަކޮށްގެން އަންނަން ވާނީ” ބައްސާމް ވިދާޅުވި އެވެ.
ބަޖެޓް
2015 ވަނަ އަހަރު ރާއްޖޭގައި ފެށި މިނިވަން ޗެމްޕިއަންޝިޕްގެ ފޯމެޓް އެކުލަވާލުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އާދަމް ބުނީ އާ ފޯމެޓަކީ ކުރިން ބޭއްވި މުބާރާތްތަކަށް ވުރެ ހަރަދު ބޮޑުވާނެ ފޯމެޓެއް ނޫން ކަމަށެވެ. މުހައްމަދު އާދަމް ބުނީ އޭރު މުޅި ރާއްޖޭގައި މުބާރާތް ބޭއްވުމަށް 12 މިލިއަން ހަރަދުވި ކަމަށާއި، އާ ފޯމެޓްގައި 12 މިލިއަނުން އަތޮޅުތެރޭގެ ތިން ޒޯނުގެ ލީގުތައް ނިންމާލެވޭނެ ކަމަށެވެ. އަދި މާލޭގައި ކުރިއަށްގެންދާ ލީގުތަކަކީ ދަތުރުފަތުރުގެ ހަރަދުތައް ކުޑަ ލީގުތަކަކަށް ވުމުން ޒޯން ހަތަރަކަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަކުން ކުޑަވެގެން ދާނެކަމަށް މުހައްމަދު އާދަމް ވިދާޅުވި އެވެ.
އެތައް މިލިއަނެއް ހަރަދުވެގެންދާނެ މި މުބާރާތުގެ މާލީ ކަންކަން ހަމަޖައްސާނެ ގޮތުގެ ހުލާސާއެއް ވެސް ބައްސާމް ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފަ އެވެ. ބައްސާމް ވިދާޅުވީ މުޅި ޕްރޮޖެކްޓަށް އެކުވެރި ގައުމުތަކުން ސްޕޮންސާ ހަމަޖެހިގެން ދާނެކަމަށާއި އަދި ދިވެހި ސަރުކާރާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
“އެންމެ ބޮޑުކޮށް ސްޕޮންސާސް ހަމަޖެހިގެން ދާނީ އެކުވެރި ގައުމުތަކުން. އެއަށްފަހުގައި ދިވެހި ސަރުކާރުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓަރުވެސް އޮތީ ދެއްވާފައި. އަދި ހަމަ އޭގެ އިތުރުން ރާއްޖޭގެ ލޯކަލް ބްރޭންޑްސްތައް އަދި ވިޔަފާރިތަކުން މިހާރު މަޝްވަރާތައް ފެށިގެން މި ދަނީ. މިއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް” ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އަތޮޅުތަކުގައި ކުޅޭ މެޗުތައް ހޯސްޓް ކުރުމާއި، ރަށްތަކަށް ދަތުރުކުރުމާ އެކު މިއީ އަންދާޒާ ކުރާވަރަށް ވުރެވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. އެކަމަކު ހުރިހާ ކަމެއް ލިންކުވެގެން މި ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު ބައްސާމް ދެއްވި އެވެ. އަދި، އެކިއެކި މަރުހަލާތަކުގައި ކުރިން ވެސް ދިން ގޮތަށް ފައިނޭންޝިއަލް އެސިސްޓެންސް ރަށްތަކަށް ލިބޭނެކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.
“އަޅުގަނޑުމެން ބޭނުންވަނީ މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ލިބޭ ފައިނޭންޝިއަލް އެސިސްޓެންސް ޕްރިމިއާ ލީގަށް ވަނުމަށް ފަހު އެއް އުސޫލަކުން ލިބިގެން ދިއުން. އެހެންވެއްޖިއްޔާމު އަނެއްކާ ހަތަރު ކްލަބަކަށް ފައިނޭންޝިއަލް އެސިސްޓެންސް ލިބިގެންދާނެ” ފުޓްބޯޅައިގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބައްސާމް ވިދާޅުވި އެވެ.
ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ފުޓްބޯޅައިގެ އާ ފޯމެޓް އިއުލާންކޮށްފި
މެޗުތައް ކުޅޭނެ ދަނޑުތައް
ރާއްޖޭގެ ފުޓްބޯޅަ ކުރި އެރުވުމަށް ސަރުކާރުން މިހާރު އަންނަނީ ގިނަ ރަށްތަކެއްގައި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ. އަދި އެފްއޭއެމުން ވެސް މިހާރު ވަނީ ރާއްޖޭގެ 16 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑުތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރުތެރޭ ރާއްޖޭގައި 100 ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމެވެ. މިހާރު ގާތްގަނޑަކަށް 17 ވަރަކަށް ދަނޑުގެ މަސައްކަތް ނިންމާފައިވާއިރު އިތުރު 73 ދަނޑެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނ. ހޮޅުދޫގައި ގާއިމްކުރި ޓާފް ފުޓްބޯޅަ ދަނޑު. ސަރުކާރާއި އެފްއޭއެމުން އަންނަނީ ގިނަ ދަނޑުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން
ބައްސާމް ވިދާޅުވީ ދަނޑުތައް އެޅުމުގެ މަސައްކަތް ރަނގަޅު ޕްލޭނެއްގެ ދަށުން ކުރިއަށްދާ ކަމަށެވެ. އިއްޔެ އާއްމުކުރި އާ ފޯމެޓްގައިވާ ގޮތުން ކޮންމެ ޒޯނަކުން “ސެންޓްރްލައިޒްޑް” ކޮށް ލީގުތައް ބޭއްވުމަށް ވަކި ދަނޑެއް ކަނޑައަޅާނެ އެވެ. ބައްސާމް އިތުރަށް ވިދާޅުވީ އުއްމީދުކުރަނީ މާލެ ސަރަހައްދުގައި މެޗުތައް ކުޅެވޭނެ ފީފާ އެޕްރޫވްޑް ތިން ދަނޑު ގާއިމްކުރެވޭނެ ކަމަށެވެ. އެފްއޭއެމުން މިހާރު ވިލިމާލޭގައި ޓާފް ދަނޑެއް ތަރައްގީކުރަމުން އަންނައިރު އިތުރު އެއް ދަނޑު މާލެ ސަރަހައްދުގައި އަޅާނެކަމަށް އިއްޔެ ބައްސާމް ވިދާޅުވި އެވެ. ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ މެޗުތައް ކުޅެން ރާވާއިރު އެންމެ މަދުވެގެން ދެ ދަނޑު އޮންނަން ޖެހޭނެކަމަށް ބައްސާމް ވިދާޅުވި އެވެ.
އާ ފޯމެޓްގައިވާ ގޮތުން ޒޯންތަކުގައި ކްލަބްތަކަށް ބައިވެރިވެވޭނީ އެ ޒޯނަކަށް ރަޖިސްޓްރީ ކޮށްގެންނެވެ. ބައްސާމް ވިދާޅުވީ ޒޯން ބަދަލުކުރުމުގެ ފުރުސަތު ޓިމުތަކަށް ލިބޭނެ ކަމަށާއި އެކަމަކު ޒޯން ބަދަލުކޮށްފި ނަމަ ފަށަން ޖެހޭނީ އޯޕަން ޑިވިޝަނުން ކަމަށެވެ. އެހެންނަމަވެސް އެއީ ވަކި ހަމައެއްގެ ތެރެއިން ކްލަބްތަކަށް ލިބިގެންދާނެ ފުރުސަތެއް ކަމަށާއި، ޒޯންތައް ބަދަލުކުރެވޭނެ ހާއްސަ އުސޫލެއް ހެދި މުޅި ޕްރޮޖެކްޓަށް ފުރިހަމަ ގަވާއިދެއް ހެދިގެންދާނެކަމަށް ބައްސާމް ވިދާޅުވި އެވެ.
Advertisement


Leave a Reply