ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ފުޓްބޯޅައިގެ އާ ފޯމެޓް އިއުލާންކޮށްފި

Advertisement

ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ފުޓްބޯޅައިގެ އާ ފޯމެޓް އިއުލާންކޮށްފި

ޢަލީ ޝަހީމް

މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި 24-2023 ވަނަ ސީޒަނުން ފެށިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯމެޓް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިއުލާންކޮށްފި އެވެ.

ބޮޑު ބަދަލަކާ އެކު ރާއްޖޭގެ ފުޓްބޯޅަ ލީގަށް ބަދަލު ގެނައުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު ވީ އެންމެ ބޮޑު ވައުދެވެ. މިއަދު އިއުލާންކުރި އާ ފޯމެޓްގައި މާލެ ސަރަހައްދު ހިމެނޭހެން ރާއްޖެ ވަނީ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ.

ޒޯން އެކެއް: ހއ، ހދ، ށ، ނ، ރ

ޒޯން ދޭއް: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން ތިނެއް: ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ

ޒޯން ހަތަރެއް: ވިލިމާލެ، މާލެ، ހުޅުމާލެ

“އަޅުގަނޑުމެންގެ މަގްސަދަށް ވެފަ މިއޮތީ މުޅި ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުން. މުޅި ރާއްޖޭގެ އެންމެންނަށް މި ފުރުސަތު ހޯދައިދިނުން. އެގޮތުގެ މަތިން މި އާ ފޯމެޓާ އެކީގައި މުޅި ރާއްޖެ އެއްކޮށް ހަތަރު ޒޯނަށް ބެހިގެންދާނެ. އެ ހަތަރު ޒޯން ތެރެއިން އެކި ޑިވިޝަންތަކެއް އުފެދިގެން އެބަދޭ” މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

May be an image of 3 people, people standing and indoor

ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމްއާ އެކު މުހައްމަދު އާދަމް (ވ) އަދި ހުސައިން ޖަވާޒް (ކ)، ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އާ ފޯމެއް އިއުލާންކުރެއްވީ އެ މަސައްކަތަށް އެފްއޭއެމުން ދާދިފަހުން ހަމަޖެއްސި ކޯޗު މުހައްމަދު އާދަމް އެވެ.

ހަތަރު ޒޯނަކަށް ބަހާލުމަށްފަހު ހަތަރު ލީގަކަށް ރާއްޖެ ބަހާލަން ވަނީ ނިންމައިފަ އެވެ. ކޮންމެ ޒޯނެއްގައި ގާއިމްކުރާ ލީގުގައި ތިން ޑިވިޝަނެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ އިތުރުން ތިން ވަނަ ޑިވިޝަނެވެ. މިހާރު ރާއްޖޭގައި މިގޮތަށް ޑިވިޝަންތައް ހަމައެކަނި އޮންނަނީ މާލެ ސަރަހައްދުގަ އެވެ. މުހައްމަދު އާދަމް ވިދާޅުވީ ތިން ޑިވިޝަނުގެ އިތުރުން ކޮންމެ ލީގެއްގައި އޯޕަން ޑިވިޝަނެއް އޮންނާނެ ކަމަށެވެ.

ފުރަތަމަ ކޮންމެ ޒޯނެއްވެސް ފަށަން ހަމަޖެހިފައިވަނީ އޯޕަން ޑިވިޝަނުންނެވެ. ކޮންމެ ޒޯނެއްގައި ބައިވެރިކުރަން ހަމަޖައްސާފައިވަނީ އެ ޒޯނެއްގައި ރަޖިސްޓްރީ ވެފައިވާ ޓީމުތަކެވެ. މިސާލެއްގެ ގޮތުގައި މުހައްމަދު އާދަމް ނެގީ 69 ރަށް ހިމެނޭ ޒޯން އެކެކެވެ. އެ ޒޯންގައި ހިމެނޭ ރަށްތަކުގައި އޯޕަން ޑިވިޝަން ކުޅުމަށް ފަހު  އޭގެތެރެއިން ތިން ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނީ 31 ޓީމެވެ. ތިން ވަނަ ޑިވިޝަނުގައި 6 ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ފަހު އެތަނުން ދެ ވަނަ ޑިވިޝަނަށް ދާނީ 18 ޓީމެވެ. ދެ ވަނަ ޑިވިޝަނުގައި 18 ޓީމު ބަހާލާނީ ހަތަރު ގްރޫޕަކަށެވެ. އެތަނުން ފުރަތަމަ ޑިވިޝަނަށް ހޮވޭނީ 8 ޓީމެވެ. އެއަށްފަހު ފުރަތަމަ ޑިވިޝަނުގެ 8 ޓީމުގެ ދެމެދުގައި އެއް ބުރު ކުޅުމަށް ފަހު ޒޯން ޗެމްޕިއަން ޓީމު ކޮލިފައިވާނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގަށެވެ.

މުހައްމަދު އާދަމް ބުނީ ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި އޯޕަން ޑިވިޝަނާއި އިތުރު ޑިވިޝަންތަކުގެ ފޯމެޓަށް ބަދަލު އަންނާނެ ކަމަށެވެ.

May be an image of 1 person and indoor

ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ވާހަކަދައްކަވަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޒޯންތަކުގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ “ސެންޓްރަލް” ކޮށެވެ. މެޗުތައް ކުޅޭނެ ދަނޑުތައް ކަނޑައެޅުމަށް ނިންމާފައިވަނީ ބިޑް އުސޫލުންނެވެ. އެކަމަކު ޕްރިމިއާ ލީގަށް ޓީމުތައް ކޮލިފައި ވުމަށްފަހު ލީގު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކޮލިފައިންގެ ބުރުތައް ނިމުމަށް ފަހު ޕްރިމިއާ ލީގުގައި 12 ޓީމެއް ވާދަކުރާނެ އެވެ.

“މި ލީގު ފެއްޓިގެން ދެތިން އަހަރެއް ފަހު ވަރަށް ބޮޑަށް އެކަށީގެންވޭ އަތޮޅުތެރޭގެ ވަރަށް ބައިވަރު ޓީމުތައް ވެސް ލީގުގައި އެކުލެވިގެން ދާނެ ކަމަށް. މިއީ ހަގީގަތުގަ ކުޑަ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. މިއާ އެކީގައި އަދި ވަރަށް ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ. އޭގެތެރޭގައި އަޅުގަނޑުމެން ވަރަށް ބައިވަރު ކޯޗުން ތަމްރީނު ކުރަންޖެހޭ ވަރަށް ބައިވަރު ރެފްރީން މެޗު ކޮމިޝަނަރުން އަންނަން ޖެހޭ. ދަނޑުތައް ބަލަހައްޓާނެ ފަރާތްތަކެއް އަންނަންޖެހޭ. އެގޮތަށް ގޮސް ވަރަށް ބައިވަރު މޭން ޕަވަރ މިއަށް ބޭނުންވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕްލޭންތަކުގެ ތެރޭގައި މި ހުރިހާ ކަމެއް މިހުރީ ޕްލޭން ކުރެވިފައި. އީދު އަދި ޖުލައި 26 ބަންދަށް ފަހު އޮގަސްޓް މަސް ތެރޭ މި މަސައްކަތް ފެށިގެން ދާނެ” މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *