ޔޫރޯގެ މުހިއްމު ހަނދާންތަކާއި މެސީގެ އާދަޔާހިލާފު ރެކޯޑް

ވޯލްޑް ކަޕްގެ ފައިނަލް ނަގާފައި ދެން ފުޓްބޯޅައިގެ ދުނިޔޭގައި ކުޅެވޭނެ އެންމެ ވަރުގަދަ ދެ ފައިނަލް ކަމަށްވާ ކޮޕާ އެމެރިކާ އާއި ޔޫރޯގެ ފައިނަލް ގެ ދެމެދުގައިވީ އެންމެ 17 ވަރަކަށް ގަޑިއިރެވެ. މިއިން ޒަމާނަކުވެސް ނޫނީ ދުވަހަކުވެސް މިފަދަ ދެމެޗެއް މިހާ ގާތްގާތުގައި ބަލާލުމުގެ ފުރުސަތު އެކަކަށްވެސް ލިބުނުކަމެއްނޭނގެ އެވެ. ކޮންމެއަކަސް ފުޓްބޯޅައަށް މަރުދޭ ދިވެހިންނަށް މިދިޔަ އާދީއްތަ ދުވަސް ފެށިގެން އަދި ނިމިގެންވެސް މިދިޔައީ ހަނދާނުން ފިލުވައިނުލެވޭނެފަދަ ގޮތަކަށެވެ. މި ދެ މުބާރާތުގެ ހަނދާންތައް އެކިމީހުން ކުރާނީ އެކި ސަބަބުތަކާއި ހެދި އެވެ. އޭގެތެރެއިން ޔޫރޯ 2020 ގައި ފާހަގަކުރެވޭ ބައެއް ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.
މިފަހަރުގެ ޔޫރޯގެ ފައިނަލްގައި އިނގިރޭސި ޓީމު ބަލިވުމާއެކު ތަށްޓެއްގައި އަތްލުމަށް އިނގިރޭސި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހެރީ ކޭން ކުރަމުންދާ އިންތިޒާރު އަނެއްކާވެސް ދިގުލައިގެން ދިޔައީ އެވެ. ނިމިދިޔަ ސީޒަނުގައި ކޭން ތަށްޓަކާއި އެންމެ ގާތަށް ޖެހިލީ އިނގިރޭސި ލީގު ކަޕް ފައިނަލްގައި ވާދަކޮށްގެންނެވެ. އެހެންނަމަވެސް މެންޗެސްޓާ ސިޓީ އަތުން ބަލިވީ އެވެ. އޭގެ 2 ސީޒަންކުރިން 19-2018 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލްގައި ބަލިވީ ލިވަޕޫލް އަތުންނެވެ. ނިމިދިޔަ ޔޫރޯގައި ކޭން އަކީ އޭނާގެ ކުޅުން މުބާރާތުގެ އެކި ހިސާބުގައި އެކި ގޮތަށް ފެނިގެން ދިޔަ ކުޅުންތެރިއެކެވެ. ފުރަތަމަ ބުރުގެ 3 މެޗްގައި ގޯލެއް ނުޖެހި ފާޑުކިޔުން އަމާޒުވެފައި އޮއްވާ ކޭން ވަނީ ދެ ވަނަ ބުރުން ފެށިގެން ފައިނަލާއި ހަމައަށް އައިއިރު ކޮންމެ މެޗެއްގައި ގޯލް ޖަހައި ރަން ބޫޓް ހާސިލްކުރުމާއި ދާދިގާތަށް ވާސިލްވެފަ އެވެ. އެހެންނަމަވެސް ރަންބޫޓް ހޯދުމުގެ އުއްމީދުގައި ފައިނަލް މެޗަށް ނިކުތް ކޭން އަށް އެމެޗްގައި ގޯލަށް އެންމެ ޝޮޓެއް ވެސް ނުނެގޭތާ އެންމެ ހަމަލާއެއްވެސް ނުއުފެއްދުނެވެ. މިއީ ކޭން ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 61 މެޗުގެ ތެރެއިން މިގޮތަށް ދިމާވި ދެ ވަނަ މެޗެވެ. މީގެ ކުރިން މިހެން ދިމާވީ 2018 ގައި ސްވިޒަލެންޑާއި ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ކުޅުނު މެޗެއްގަ އެވެ. މިމެޗުގައި އިނގިރޭސި ޓީމަށް މުޅިއެކުވެސް އުފެއްދުނީ އެންމެ 3 ހަމަލާ އެވެ. މިއަށްވުރެ މަދުން ޔޫރޯ ފައިނަލެއްގައި ހަމަލާ އުފެއްދީ 2004 ގެ ފައިނަލްގައި ގްރީސް އެވެ. އެކަމަކު ގްރީސް ވަނީ އެމެޗްގައި ޕޯޗުގަލް ބަލިކޮށް ތަށި ހޯދާފަ އެވެ.

ޔޫރޯ ފައިނަލް މެޗުން ބަލިވުމުން ކޭން ދެރަވެފައި. ދުނިޔޭގެ ފެންވަރުގެ މި ފޯވާޑަށް އަދި ތައްޓެއް ނުލިބޭ
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއާން ލުއީޖީ ޑޮންނަރުއްމާ އަކީ 1996 ގައި މި އެވޯޑް ދޭންފެށިފަހުން މި އެވޯޑް ގެންދިޔަ ފުރަތަމަ ގޯލްކީޕަރެވެ. މީގެ ކުރިން ގޯލްކީޕަރަކަށް މިފަދަ ޝަރަފެއް ލިބިފައިވަނީ 2002 ގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ ގޯލް ބެލެހެއްޓީ އޮލިވާ ކާން އަށެވެ. އިޓަލީގެ ކީޕަރު ޑޮންނަރުއްމާގެ ކުޅަދާނަކަމާއެކު އިޓަލީ ވެގެން ގޮސްފައިވަނީ ޔޫރޯގެ އެއް މުބާރާތުގައި އެއް ޕެނަލްޓީ ޝޫޓްއައުޓަށްވުރެ ގިނަ ޝޫޓްއައުޓް ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. މިޓީމުވަނީ ސެމީގައި ސްޕެއިންގެ މައްޗަށް ވެސް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދާފަ އެވެ. ޑޮންނަރުއްމާ ވަނީ މިހާތަނަށް އޭނާގެ ޓީމާއެކު ކުރިމަތިލީ ފަސް ޕެނަލްޓީ ޝޫޓްއައުޓް ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ އޭސީ މިލާނާ އެކު 3 އަދި އިޓަލީ ޓީމާއެކު ދޭކެވެ. މި ފަހަރުގެ ޔޫރޯ ފައިނަލަކީ ޕެނަލްޓީއިން ނަތީޖާ ކަނޑައެޅިގެން ދިޔަ ދެ ވަނަ މުބާރާތެވެ. މީގެ ކުރިން ޕެނަލްޓީ ޖަހައިގެން ޗެމްޕިއަން ކަނޑައެޅުނީ 1976 ގެ މުބާރާތުގަ އެވެ. ހުޅަނގު ޖަރުމަނުގެ މައްޗަށް ޗެކޮސްލަވާކިއާ (މިހާރުގެ ޗެކް ރިޕަބްލިކާއި ސްލޮވާކިއާ) ކުރިހޯދިއިރު ތަށި ޔަގީންވި ޕެނަލްޓީ ޖެހީ އެންޓޮނިން ޕަނެންކާ އެވެ. ޕަނެންކާ ޕެނަލްޓީ ޖެހީ މަޑުމަޑުން ގޯލްގެ މެދާ ދިމާލަށް ބޯޅަ ޗިޕް ކޮށްލައިގެންނެވެ. މި ގޯލާއެކު މިގޮތަށް ޖަހާ ޕެނަލްޓީ އަށް ޕަނެންކާ އޭ ކިޔަން ފެށުނެވެ. މިގޮތަށް ޖަހާ ޕެނަލްޓީ ހިފެހެއްޓުމަކީ އަރިމައްޗަކަށް ހަރަކާތެއް ނުކޮށް ހުންނަ ކީޕަރަށް ދާދި ފަސޭހަ ކަމެކެވެ. އެހެންނަމަވެސް އާއްމުގޮތެއްގައި ޕެނަލްޓީ ޖަހާއިރު ކީޕަރު ގޯލްގެ ކޮންމެވެސް އެއްފަރާތަކަށް ހަރަކާތްކުރާތީ އެބޯޅަ ގޯލަށް ވަންނަނީ އެވެ. މިހާތަނަށް އައިއިރު ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ޒަލަޓަން އިބްރަހިމޮވިޗް، ތިއެރީ އޮންރީ، ޒިނެދިން ޒިދާން ފަދަ އެތައް ތަރިންނެއް ވަނީ ޕަނެންކާއިން ގޯލް ޖަހާފަ އެވެ. ޕަނެންކާ ޕެނަލްޓީ ނާކާމިޔާބު ވެފައިވާ ތަރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ، ސާޖިއޯ ރާމޯސް، ރަހީމް ސްޓާލިން، ފްރޭންކް ރިބެރީ ފަދަ ތަރިން ހިމެނެ އެވެ.

ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިޓަލީގެ ގޯލްކީޕަރު ޑޮންނަރުއްމާ. ކީޕަރުންނަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތްތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބެނީ މަދު ފަހަރަކު
މިއީ ޔޫރޯ ނުވަތަ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެކަކަށްވުރެ ގިނަ ޑިފެންޑަރުން ގޯލްޖެހި ހަމައެކަނި ފައިނަލްމެޗެވެ. މިމެޗުގައި ފުރަތަމަ ގޯލްޖެހީ މެޗުގެ 2 ވަނަ މިނެޓްގައި އިނގިރޭސި ޓީމުގެ ޑިފެންޑަރު ލޫކް ޝޯ އެވެ. މިގޯލަކީ މިހާތަނަށް ޔޫރޯ ފައިނަލެއްގައި ފެނުނު އެންމެ އަވަސް ގޯލެވެ. އަދި މިއީ ޝޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އިޓަލީން އެއްވަރުކުރީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ ގޯލަކުންނެވެ. އިޓަލީން ބޮޑު މުބާރާތެއްގެ ފައިނަލްގައި އެންމެ ފަހުން ޖެހި ދެގޯލް ވެސް ޖެހީ ޑިފެންޑަރުންނެވެ. ބޮނޫޗީގެ ގޯލުގެ ކުރިން ދެން އެންމެ ގާތުން ފައިނަލް މެޗެއްގައި ފެނުނު އިޓަލީ ގޯލަކީ 2006 ގެ ވޯލްޑް ކަޕްގައި ފްރާންސް ކޮޅަށް ޑިފެންޑަރު މާކޯ މަޓަރާޒީ ޖެހި ގޯލެވެ. އެމެޗުގައި މަޓަރާޒީގެ މޭގައި ފްރާންސްގެ ތަރި ޒިދާން ބޮލުން ޖެހުމުން ރަތްކާޑަކާ އެކު ޒިދާން ދަނޑުން ފޮނުވާލި ފޮނުވާލުމަކީ އެމުބާރާތުން އެންމެ ގިނަބަޔަކު ހަނދާން ހުންނާނެ ހާދިސާ އެވެ.
މއީ އިޓަލީން ބޮޑު މުބާރާތެއްގެ ތަށި ހޯދި 6 ވަނަ ފަހަރެވެ. އެއީ 4 ވޯލްޑް ކަޕާއި 2 ޔޫރޯ އެވެ. ޔޫރަޕްގައި އިޓަލީ އަށް ވުރެ މިގޮތުން ކުރީގައި އުޅެނީ 7 ތަށި ހޯދާފައިވާ ޖަރުމަނެވެ. އިޓަލީން މިފަހަރު ތަށި ހޯދިއިރު ފުރަތަމަ ތަށި ހޯދިފަހުން މިހާރު 53 އަހަރުވީ އެވެ. މިއީ އެއްޓީމަކުން މިހާ ދިގު މެދުކެނޑުމަކަށްފަހު ތަށި ހޯދި ފުރަތަމަ ފަހަރެވެ. އިޓަލީން މިމުބާރާތުގައި 13 ގޯލް ޖަހާފައިވާއިރު މިއީ އެޓީމުން ވޯލްޑް ކަޕް ނުވަތަ ޔޫރޯގައި އެންމެ ގިނަ ގޯލް ޖެހި ފަހަރެވެ. އިޓަލީން މިހާރުވަނީ ބަލިނުވެ 34 މެޗު ހަމަކޮށްފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު 2 ގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެއްޖެނަމަ އެޓީމަށް ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ބްރެޒިލް އަދި ސްޕެއިންއާ އަރާ ހަމަކުރެވޭނެ އެވެ. އިޓަލީ އަތުން ފައިނަލްގައި ބަލިވި އިނގިރޭސި ޓީމު ވެފައިވަނީ ޕެނަލްޓީގައި ވަރަށް ނާކާމިޔާބު ޓީމަކަށެވެ. މިހާތަނަށް ޕެނަލްޓީއާ އެޓީމު ކުރިމަތިލީ 9 ފަހަރުގެ ތެރެއިން ކާމިޔާބު ވެފައިވަނީ އެންމެ 2 ފަހަރު އެވެ. މިރެކޯޑަކީ 3 ފަހަރަށްވުރެ މަދުނޫން އަދަދަކަށް ޕެނަލްޓީއާއި ކުރިމަތިލީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށް ރެކޯޑެވެ.

ޕެނަލްޓީގައި އިންގްލެންޑް ބަލިކުުރުމަށް ފަހު އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ. އިޓަލީ ވެފައިވަނީ ޔޫރޯ މުބާރާތެއްގައި ދެ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރި ހަމައެކަނި ގައުމަށް
މި މުބާރާތުގެ ފައިނަލް މެޗަށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި 19 އަހަރާއި 309 ދުވަސްވީ ބުކާޔޯ ސަކާ ނިކުތުމާއެކު އޭނާ ވެފައިވަނީ ޔޫރޯ ފައިނަލްގައި ކުޅުނު ހަތަރު ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ސަކާ އަށް ވުރެ ހަގު އުމުރުގައި ކުޅެ ރެކޯޑް ހަދާފައިވަނީ 2016 ގައި ރެނާޓޯ ސަންޗޭޒް، 2004 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި 1972 ގައި އެނަޓޮލިޔޭ ބައިޑަޗްނީ އެވެ. އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ (34އަހަރާއި 71 ދުވަސް) ވަނީ ޔޫރޯ ފައިނަލްގައި ގޯލްޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފަ އެވެ. މީގެ ކުރިން މިރެކޯޑް އޮންނަނީ 1976 ގެ ފައިނަލްގައި 30 އަހަރާއި 103 ދުވަހުގެ އުމުރުގައި ގޯލްޖެހި ޖަރުމަނުގެ ބާންޑް ހޮޒެންބީންގެ އަތުގަ އެވެ. މިމުބާރާތް ކާމިޔާބުކޮށްގެން އިޓަލީގެ އަދި ޗެލްސީގެ ޖޯޖީނިއޯ އާއި އެމަސަން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޯގެ ތަށި އެއް އަހަރެއްގައި އުފުލާލި ތަރިންގެ ކްލަބަށް ވަދެފަ އެވެ. މިކްލަބުގައި ދެން ހިމެނެނީ 1964 ގައި އިންޓަ މިލާން އާއި ސްޕެއިންގެ ލުއިސް ސުއަރޭޒާއި 1988 ގައި ޕީއެސްވީ އެއިންދޯވެން އަދި ނެދަލެންޑްސްގެ ހާންސް ވޭން ބުރޫކެލެން، ރޮނާލްޑް ކޫމަން، ބެރީ ވޭން އޭރެލް، ގެރާލްޑް ވެނެންބާގާއި 2008 ގައި ޗެލްސީ އާއި ސްޕެއިންގެ ފެނާންޑޯ ޓޮރޭސް، ހުއާން މާޓާ އާއި 2016 ގައި ޕޯޗުގަލް އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕޭ އެވެ.

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ. ޔޫރޯގައި އެންމެ ހަތަރު މެޗު ކުޅުނަސް ރަން ބޫޓު ހޯދައި އިތުރު ގިނަ ރެކޯޑްތަކެއް ހެދި
މިމުބާރާތުގެ ރަން ބޫޓް ހާސިލްކުރީ 5 ގޯލާއި 1 އެސިސްޓާ އެކު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ 1980 ގައި މި މުބާރާތުގެ ގްރޫޕް ސްޓޭޖް ތައާރަފްކުރިފަހުން ނޮކްއައުޓް މެޗެއް ކާމިޔާބުނުވެ ކަޓައިގެން ދިޔަ ޓީމެއްގެ ކުޅުންތެރިއަކަށް ރަން ބޫޓް ލިބުނު ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ އަކީ މިކަހަލަ ބޮޑު މުބާރާތެއްގެ ރަން ބޫޓް ހޯދި ޕޯޗުގަލްގެ 2 ވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން ރަން ބޫޓް ހޯދާފައިވާ ޕޯޗުގަލްގެ ހަމައެކަނި ކުޅުންތެރިއަކީ 1966 ގެ ވޯލްޑް ކަޕްގައި 9 ގޯލް ޖެހި މަޝްހޫރު ޔުސޭބިއޯ އެވެ. ޔޫރޯ 2020 ގެ ރަންބޫޓް ހޯދުމާ އެކު ރޮނާލްޑޯ ވަނީ ޔޫރޯގެ ގިނަ ރެކޯޑްތަކެއް މިފަހަރު ހަދާފަ އެވެ. އޭގެތެރޭގައި އެންމެ ގިނަ ޔޫރޯގައި ކުޅުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކާމިޔާބުކުރުމުގެ ރެކޯޑް ހިމެނެ އެވެ. އަދި ޔޫރޯގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑާއި ކޮލިފައިންގަ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހިމެނެ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާގެ ރެކޯޑާއި ރޮނާލްޑޯ މިވަނީ އަރާ ހަމަކޮށްފަ އެވެ. ގިނަ ރެކޯޑްތަކެއް ހެދިކަމުގައިވިޔަސް ދެ ވަނަ ބުރާއި ހަމައިން ޕޯޗުގަލް އާއި އެކު ރޮނާލްޑޯ ރަށަށް ދާންޖެހުމުން ވެސް ކަންނޭނގެ އެވެ. ޔޫއެފާއިން އެކުލަވާލި ޔޫރޯ 2020ގެ ޑްރީމް ޓީމްގައި ރޮނާލްޑޯ ނުހިމެނެ އެވެ. ރޮނާލްޑޯގެ ބަދަލުގައި ފޯވާޑް ލައިނުން މިޓީމުގައި ޖާގަ ދީފައިވަނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަށާއި އިޓަލީގެ ފެޑެރީކޯ ކިއޭސާއަށާއި އިނގިރޭސިވިލާތުގެ ރަހީމް ސްޓާލިން އަށެވެ. ގޯލްކީޕަރަކީ އިޓަލީގެ ޑޮންނަރުއްމާ އެވެ. ޑިފެންޑަރުންނަކީ ކައިލް ވޯކާ، ހެރީ މެގުއާ (އިނގިރޭސިވިލާތް)، ލިއޮނާޑޯ ބޮނޫޗީ، ލިއޮނާޑޯ ސްޕިނަޒޯލާ (އިޓަލީ) އެވެ. މެދުތެރޭގައި ތިބީ ޖޯޒީނިއޯ (އިޓަލީ) ޕިއޭ އެމިލް ހޮއިބިއޭ (ޑެންމާކް) އަދި ސްޕެއިންގެ ޒުވާންކުޅުންތެރިޔާ ޕެޑްރީ އެވެ. މިޓީމުން އިނގިރޭސިވިލާތުގެ ލޫކް ޝޯ އަށާއި ޗެކްރި ޕަބްލިކްގެ ޕެޓްރިކް ޝިކް އަށް ޖާގައެއް ދީފައިނެތުމަކީ ބައެއްމީހުން ދެކޭގޮތުގައި މައްސަލައެކެވެ.
ޔޫރޯ 2020ގެ ތަރިންގެ ކުޅުމާއި އަޅާބަލާއިރު ކޮޕާ އެމެރިކާ 2021ގެ ތަރި މެސީ ހުރީ ކޮންހިސާބަކު؟
28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރިއިރު މިއީ އުމުރުން 34ގެ މެސީގެ ފުރަތަމަ ސީނިއާ ބައިނަލްއަގްވާމީ ތަށްޓެވެ. ބަދުނަސީބު ތިން ފައިނަލަކަށް ފަހު ގައުމީ ޓީމުން ރިޓަޔާކޮށް އެއަށްފަހު އެނބުރި އައުމަށްފަހު މި އަހަރުގެ މުބާރާތުގައި މެސީ ކުޅުނީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. ފައިނަލް މެޗުން މޮޅުވެ ބްރެޒިލްގެ މަޝްހޫރު މަކަރާނާ ސްޓޭޑިއަމްގައި ޖެހިޖެހިގެން ދެމެޗުން ބްރެޒިލް ބަލިކުރުމުގެ ޝަރަފު ހޯދި ހަމައެކަނި ޓީމަށް އާޖެންޓީނާ ވެގެންދިޔައިރު މިއީ ކޮޕާ އެމެރިކާގައި މެސީއާއި ނޭމާގެ ފުރަތަމަ ކުރިމަތިލުމެވެ. މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ ޝަރަފު މެސީ ހޯދިއިރު ތަފާސް ހިސާބުތަކަށް ބަލާއިރު ޔޫރޯގެ ތަރިންނަށްވުރެ ހުރިހާ ގޮތަކުންހެން މެސީ އުޅޭތަން ފެންނަނީ ކުރީގަ އެވެ. ދެމުބާރާތުގައި ވެސް ކުޅުނު މެޗުތަކުގެ އަދަދަށް ބަލާއިރު ފައިނަލަށް އައިޓީމުތައް ވަނީ 7 މެޗު ކުޅެފަ އެވެ. އެއީ ޔޫރޯގައި ގުރޫޕް ސްޓޭޖްގެ 3 މެޗާއި ނޮކްއައުޓް 4 މެޗެވެ. ކޮޕާ އެމެރިކާގައި ގްރޫޕް ސްޓޭޖްގެ 4 މެޗާއި ނޮކްއައުޓް 3 މެޗެވެ.

މެސީ ކޮޕާ އެމެރިކާގެ އެވޯޑެއް ހިފައިގެން ދަނީ. މުބާރާތް ކާމިޔާބުކޮށް އޭނާ ވާދަކުރި ހުރިހާ މަގާމެއް ހާސިލްކުރި
އެންމެ ގިނަ ގޯލް
ޔޫރޯ ގައި ކްރިސްޓިއާނޯ ރޮނާލްޑޯ(ޕޯޗުގަލް) އާއި ޕެޓްރިކް ޝިކް (ޗެކް ރިޕަބްލިކް) ކޮންމެ ކުޅުންތެރިއަކު 5 ގޯލް ޖެހިއިރު މެސީ (އާޖެންޓީނާ) ވަނީ 4 ގޯލް ޖަހައި ކޮޕާ އެމެރިކާގެ ޓޮޕް ސްކޯރަރ ގެ މަގާމު ހޯދާފަ އެވެ.
އެންމެގިނަ އެސިސްޓް
ޔޫރޯ ގައި އެންމެ ގިނަ އެސިސްޓް ހަދާފައިވަނީ 4 އެސިސްޓް ހެދި ސްވިޒަލެންޑްގެ ސްޓީވަން ޒޫބާ އެވެ. ކޮޕާ އެމެރިކާގައި މެސީ ވަނީ 5 އެސިސްޓް ހަދާފަ އެވެ.
ޝޫޓިން ސްކޯ
މި ސްކޯ އަކީ ކުޅުންތެރިޔާއަށް ފޯރުކޮށްދެވޭ އެސިސްޓް، އެހީ ނުވަތަ ތަނަވަސްކޮށްދެވޭ ފުރުސަތާއި އަޅާބަލާއިރު ހަދާ ޝޮޓްގެ ފެންވަރަށް ބަލައިގެން ދެވޭ ސްކޯއެކެވެ. ޔޫރޯ ގައި އެންމެ މަތިން މި ސްކޯ ލިބިފައިވަނީ 1.25 އާއެކު ސްވިޒަލެންޑްގެ ޒެރްދަން ޝަގީރީ އަށެވެ. މެސީ ވަނީ މި ސްކޯގައި 1.35 ހޯދާފަ އެވެ.
ހިލޭޖެހުމުން ޖަހާ ގޯލް
މިފަހަރުގެ މުޅި ޔޫރޯގައި ވެސް ސީދާ ހިލޭޖެހުމަކުން ގޯލެއް ޖެހިފައިވަނީ އެންމެ ފަހަރަކު އެވެ. މި ގޯލު ޖަހާފައިވަނީ ސެމީ ފައިނަލުގައި އިނގިރޭސިންގެ ކޮޅަށް ޑެންމާކުގެ މިކޭލް ޑަމްސްގާޑެވެ. މިއީ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑްގެ ގޯލަށް މިމުބާރާތުގައި ވަތް ފުރަތަމަ ގޯލެވެ. މި ގޯލާއެކު 21 އަހަރުގެ ޑަމްސްގާޑް ވެފައިވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވޯލްޑް ކަޕް ނުވަތަ ޔޫރޯގައި ހިލޭޖެހުމަކުން ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ކޮޕާ އެމެރިކާގައި މެސީ ވަނީ ހިލޭ ޖެހުމުން ދެ ގޯލް ޖަހާފަ އެވެ. އެއީ ފުރަތަމަ މެޗުގައި ޗިލީ ކޮޅަށް އަދި ކުއާޓާ ފައިނަލްގައި އިކުއެޑޯ ކޮޅަށެވެ. ހިލޭޖެހުމުން ޖަހާ ގޯލުގައި މެސީ ވަނީ 58 ގޯލާއެކު މިހާރު ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލާ މިހާރު ކުޅޭ ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ އަށް އަރައިފަ އެވެ.

ކޮޕާ އެމެރިކާގައި ހިލޭ ޖެހުމަކުން މެސީ ގޯލު ޖަހަނީ. މިފަހަރު މެސީ ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެއް
އެންމެ ގިނަ ތުރޫ ޕާސް
މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ ތުރޫ ޕާސް ދީފައިވަނީ 9 ޕާސް ދިން އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އާއި ފްރާންސްގެ ޕައުލް ޕޮގްބާއެވެ. ކޮޕާ އެމެރިކާގައި މެސީ ދިން ތުރޫ ޕާހުގެ އަދަދަކީ ވެސް 9 އެކެވެ.
އެންމެ ގިނަ ހަމަލާގެ ފުރުސަތު
ޔޫރޯ ގައި ހަމަލާ އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ 14 ފުރުސަތު އުފެއްދި އިޓަލީގެ މާކޯ ވެރާޓީ އެވެ. ކޮޕާ އެމެރިކާގައި މިފަދަ 21 ފުރުސަތު މެސީ އުފައްދާފައިވެ އެވެ. އަދި ހަމަ މިއަދަދަށް ބްރެޒިލްގެ ނޭމާ ވެސް ވަނީ ފުރުސަތު އުފައްދާފަ އެވެ.
އެންމެ ގިނަ ޝޮޓް
ޔޫރޯގައި އެންމެ ގިނަ ޝޮޓް ހަދާފައިވަނީ 21 ޝޮޓް ހެދި ސްޕެއިންގެ ޑެނީ އޮލްމޯ އެވެ. ކޮޕާ އެމެރިކާގައި މެސީ ވަނީ 28 ޝޮޓް ހަދާފަ އެވެ. އޮލްމޯ އަށް ގޯލެއް ޖެހިފައި ނުވާއިރު މެސީވަނީ 28 ޝޮޓްގެ %15 ގޯލަށް ބަދަލުކޮށްލާފަ އެވެ.
އަމާޒަށް އެންމެ ގިނަ ޝޮޓް
ޔޫރޯގައި އަމާޒަށް އެންމެ ގިނަ ޝޮޓް ހަދާފައިވަނީ 9 ޝޮޓް ހެދި ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކާއި ސްޕެއިންގެ އަލްވާރޯ މޮރާޓާ އެވެ. ކޮޕާ އެމެރިކާގައި މެސީ ވަނީ އަމާޒަށް 11 ޝޮޓް ފޮނުވާލާފަ އެވެ.
މި ހިސާބުތަކަށް ބަލާލުމުން އެނގެނީ އުމުރުން 34 އަހަރުވިޔަސް މެސީގެ ކުޅުމަށް އޭނާގެ ހުނަރަށް މަޑުޖެހުމެއް ނާންނަކަމެވެ. މިއަހަރުގެ ބެލެންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ކިޔޫގައި ވެސް އެންމެ ކުރީގައި ހުރީ މެސީ ކަމެކެވެ. ރެކޯޑް 7 ވަނަ ބެލެންޑިއޯ އަށް މެސީ އިންތިޒާރުކުރަމުންދާއިރު އޭނާގެ އަމާޒު މިހާރު ހުންނާނީ 2022ގެ ގަތަރު ވޯލްޑް ކަޕަށް ކަމާއި މެދު ޝައްކެއްނެތެވެ. ނިންމާލަމުން މުޅިން ތަފާތު އިއްތިފާގަކަށް ބަލާލާނަމެވެ. ރޮނާލްޑޯ އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ތަށި ކާމިޔާބު ކުރީ 10 ޖުލައި 2016 ގައެވެ. އޭގެ ބަރާބަރު 5 އަހަރު ފަހުން މެސީ އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ތަށި ކާމިޔާބު ކުރީ ވެސް 10 ޖުލައިގަ އެވެ.
Advertisement


Leave a Reply