ޔޫރޯ ފައިނަލް މެޗްގެ ރެފްރީއަކަށް މިލިއަނަރެއް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑާއި، އިޓަލީ ވާދަކުރާ މެޗްގެ ރެފްރީއަކަށް ނެދަލޭންޑްސްގެ މިލިއަނަރެއް ކަމަށްވާ ބުޔޯން ކުއިޕާސް ހަމަޖައްސައިފި އެވެ. އުމުރުން 48 އަހަރުގެ ކުއިޕާސް ވަނީ މި މުބާރާތުގެ ތިން މެޗެއްގައި މިހާތަނަށް ރެފްރީކަން ކޮށްފަ އެވެ.
ކުއިޕާސް މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުން ރެފްރީކަންކޮށްފައިވާ މެޗަކީ ކުއާޓާ ފައިނަލްގައި ޑެންމާކާއި ޗެކް ރިޕަބްލިކް ވާދަކުރި މެޗެވެ. މުބާރާތުގައި ތިން މެޗެއްގައި ރެގްރީކަން ކުރުމުގެ އިތުރުން ގްރޫޕް ސްޓޭޖްގައި ކްރޮއޭޝިއާ އަތުން 0-1 އިން އިންގްލެންޑް މޮޅުވި މެޗްގައި ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައިވެސް ކުއިޕާސް ވަނީ މަސައްކަތްކޮށްފަ އެވެ.
ބައިނަލްއަގްވާމީ ރެފްރީއެއްގެ ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ކުއިޕާސް އަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތުގެ ފައިނަލްގައި އިންސާފްކުރާނެ ނެދަލޭންޑްސްގެ ފުރަތަމަ ރެފްރީ އެވެ. ކުއިޕާސް ވަނީ މީގެ ކުރިން ޔޫއެފާއިން ބާއްވަމުން އަންނަ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ހަތް ފައިނަލެއްގައި ރެފްރީކަން ކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗްގައި ކުއިޕާސް ރެފްރީކަންކޮށްފައިވާއިރު 2012 އަދި 2018 ވަނަ އަހަރު އޮތް ޔޫރޮޕާ ލީގުގެ ފައިނަލްގައިވެސް އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.
2002 ވަނަ އަހަރު ރެފްރީއެއްގެ ގޮތުގައި ޕްރޮފެޝަނަލް ކެރިއަރު ފެށި ކުއިޕާސް އަންނަނީ ނެދަލޭންޑްސް އާއި ބެލްޖިއަމްގައި ސުޕަމާކެޓް ޗެއިން އެއްވެސް ހިންގަމުންނެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލްކުރުމަށްފަހު ޖަމްބޯ ކުއިޕާސްގެ ނަމުގައި ކުއިޕާސް ހިންގަމުން އަންނަ ސުޕަމާކެޓް ވިޔަފާރީގެ އަގު 11 މިލިއަން ޕައުންޑްގައި ހުރި ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލުން 2006 ވަނަ އަހަރު ވަނީ ހާމަކޮށްފަ އެވެ. ކުއިޕާސް ހިންގަމުން އަންނަ ވިޔަފާރީ އަކީ ނެދަލޭންޑްސްގައި ހިންގަމުން އަންނަ އެންމެ މަޝްހޫރު ސުޕަމާކެޓް ވިޔަފާރީގެ ތެރޭގައި ހިމެނޭ ވިޔަފާރިއެކެވެ.
އަމިއްލަ ވިޔަފާރިން ލިބޭ ފައިދާއިން ކުއިޕާސް އަށް ހަމަޖެހިލައިގެން ދިރިއުޅުން ވޭތުކުރެވެން އޮތް ނަމަވެސް ރެފްރީކަން ކުރުމުގެ މަސައްކަތުން ރިޓާޔަ ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެ އެވެ. ވިޔަފާރީގައި ކުރިއެރުންތައް ހޯދަމުން އަންނަ ބާރު މިނުގައި ކުއިޕާސް އެ އަންނަނީ ރެފްރީކަން ކުރުމުގައިވެސް ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ޖެހެމުންނެވެ. އާދީއެތަ ދުވަހުގެ ރޭ އޮންނަ ޔޫރޯ ފައިނަލްގެ ރެފްރީކަން ކުރަން ކުއިޕާސްއަށް ފުރުސަތު ލިބުމަކީ އޭގެ ހެއްކެކެވެ.
ކުއިޕާސް މީގެ ކުރިންވެސް ވަނީ އިންގްލެންޑާއި އިޓަލީ ބޮޑު މުބާރާތެއްގައި ވާދަކުރި މެޗެއްގެ ރެފްރީކަންކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ގެ ވޯލްޑް ކަޕްގައި ކުއިޕާސް ރެފްރީކަން ކުރި އިޓަލީ އާއި އިންގްލެންޑްގެ މެޗް 1-2 އިން ކާމިޔާބުކުރީ އިޓަލީންނެވެ.
Advertisement
Leave a Reply