ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ވެންގާ ތާއީދުކޮށްފި

Advertisement

ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން ވެންގާ ތާއީދުކޮށްފި

ޢަލީ ޝަހީމް

ބައިނަލްއަގްވާމީ ފުޓްބޯޅަ ކަލަންޑަރަށް ބޭނުންވަނީ “ކުއަންޓިޓީ” އަށް ވުރެ “ކޮލިޓީ” ކަމަށް ބުނެ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ތާއީދުކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މިހާރު އަންނަނީ އަންހެން އަދި ފިރިހެން ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވާ މުއްދަތު އަވަސްކުރުމަށް ދިރާސާތަކެއް ކުރަމުންނެވެ. ވެންގާގެ ނަޒަރުގައި ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރަށް ބަދަލުކޮށްގެން ކޮންމެ އަހަރަކު ގައުމުތަކުން ކުޅޭ ކޮލިފައިން މެޗުތަކާއި ބައިނަލްއަގްވާމީ މެޗުތަކަށް ދޭ ބްރޭކް ކުޑަކުރެވޭނެ އެވެ.

އާސެނަލާ އެކު ކާމިޔާބު މަސައްކަތްތަކެއް ކުރި ވެންގާ އަކީ މިހާރު ފީފާގެ ގްލޯގަލް ފުޓްބޯލް ޑިވެލޮޕްމެންޓްގެ ޗީފް އެވެ. އަދި މިދިޔަ މަސްތަކުގައި ވެންގާ އަންނަނީ ބައިނަލްއަގްވާމީ ފުޓްބޯޅަ “ރީސްޓްރަކްޗަރ” ކުރަންޖެހޭކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ވެންގާ ބުނީ މިހާރު ބައިނަލްއަގްވާމީ ބްރޭކްތައް ދީގެން މެޗުތައް ކުޅުމަކީ ކުޅުންތެރިންނަށް އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި، އޭގެ ސަބަބުން ކްލަބްތަކަށް ގެއްލުންވާކަމަށެވެ.

“އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ކުދިކުދި ބްރޭކްތަކެއް ދީގެން ބައިނަލްއަގްވާމީ މެޗުތައް ކުޅުމަކީ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތެއް ނޫން. އެ މެޗުތަކަށް ފަހު ކުޅުންތެރިން މެންޓަލީ ތައްޔާރުވާނީ ކިހިނެއް؟” އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ.

ވެންގާގެ ގަބޫލުކުރުމަށް ބާރުދެމުން އޭނާ ބުނީ ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ އަށް ގައުމީ ޓީމުގައި އުޅެނިކޮށް އަނިޔާވުމުން މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ ލެގު ވެސް ގެއްލުނު ކަމަށެވެ. މާޗް މަހު ޕޮލެންޑުގެ ގައުމީ ޓީމާ އެކު އުޅެނިކޮށް އަނިޔާވުމުން ޖެހިގެން އައި މަހުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ މެޗު ލެވަންޑޮސްކީ އަށް ގެއްލުނުއިރު ބަޔާން ޖެހުނީ މުބާރާތުން އަލްވަދާއު ކިޔާށެވެ.

“ލެވަންޑޮސްކީ އަށް ވީ އަހަރެން ބުނިހެން. ޕޮލެންޑުން އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވީ. އެ ހިސާބުން ބަޔާނަށް ޗެމްޕިއަންސް ލީގު ވެސް ނިމުނީ” ވެންގާ ބުންޏެވެ.

ވެންގާ ބުނީ ބައިނަލްއަގްވާމީ މެޗުތައް ކުޅުމަށް އޮކްޓޫބަރު މަސް ހުސްކުރެވިދާނެ ކަމަށެވެ. އެ މުއްދަތުގައި ކޮލިފައިން މެޗުތަކާއި އެކުވެރިކަމުގެ މެޗުތައް ކުޅެވޭނަކަމަށް ވެންގާ ގަބޫލުކުރެ އެވެ. އެގޮތަށް ބަދަލު ގެނެވިއްޖެ ނަމަ ބައިނަލްއަގްވާމީ ބްރޭކްގެ ގޮތުގައި މިހާރު އަހަރަކު ދޭންޖެހޭ 50 ދުވަސް 28 ދުވަހަށް ކުޑަކުރެވި ކޮލިފައިން މެޗުތައް 10 އިން 7 އަށް މަދުކުރެވޭނެކަމަށް ވެންގާ ބުންޏެވެ.

ކޮލިފައިން މެޗުތަކަށް ވުރެ ނޮކައުޓް މެޗުތައް މާ ރަނގަޅު

ވެންގާ ބުނީ ބައިނަލްއަގްވާމީ މެޗުތައް މަދުކޮށްފި ނަމަ ހޫނު މޫސުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ ސީޒަނަށް ތައްޔާރުވާން ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ވެންގާ ބުންޏެވެ.

ވެންގާގެ އަނެއް ވިސްނުމަކީ ކޮލިފައިން މެޗުތައް މަދުކޮށް ނޮކައުޓް (ބަލިވާއިރަށް ކަޓާގޮތަށް) އުސޫލުން މުބާރާތްތައް ކުރިއަށް ގެންދިއުމެވެ. ވެންގާ ބުނީ ފުޓްބޯޅައަށް މި ބަދަލުތައް އެންމެ އަވަހަށް ވެސް ގެނެވޭނީ 2024 ވަނަ އަހަރުގެ ފަހުން ކަމަށެވެ.

“ނޮކައުޓް ގިނަ މެޗުތައް. ކޮލިފައިން މަދު މެޗުތައް. މިއީ ސަޕޯޓަރުން ބޭނުންވާ ގޮތް” ވެންގާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *