އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑްކޮށްފި

Advertisement

އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑްކޮށްފި

ޢަލީ ޝަހީމް
ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކްލަބް އީގަލްސްގެ ނާއިމް ބޯޅަ ހޯދަން މަސައްކަތްކުރަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕުގެ މެޗުތައް ކުޅުމަށް ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް އެކި ފަހަރުމަތިން ވަނީ ފަސްވެފަ އެވެ. އޭއެފްސީ އިން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ ހޯސްޓް ކުރާނެ ގައުމެއް ހަމަނުޖެހިއްޖެ ނަމަ މެޗުތައް ކެންސަލްކުރަން ޖެހިދާނެ ކަމަށެވެ. އިއްޔެ އޭއެފްސީން މިހެން ބުނުމުން ރާއްޖޭން ވަނީ ސަރުކާރުގެ މަޝްވަރާއާ އެކު މެޗުތައް ބާއްވަން ބިޑްކޮށްފަ އެވެ. އެއަށްފަހު ބަންގްލަދޭޝް އިން ވެސް އިއްޔެ ބިޑްކުރިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މި މުބާރާތުގެ މެޗުތައް ކުޅެން އެންމެ ފަހުން ކުރި ދެ ބިޑް ވެސް ކާމިޔާބުކުރީ ރާއްޖޭންނެވެ.

ދެކުނު އޭޝިއާގެ ގްރޫޕުން ޖާގަ މިހާރު ކަށަވަރުކޮށްފައިވަނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ރާއްޖޭގެ މާޒިޔާ އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ އެއް ލެގުގެ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް އެންމެ ފަހުން ކުޅެން ޝެޑިއުލްކުރީ މިދިޔަ މެއި މަހު އެވެ. އެކަމަކު ރާއްޖޭގައި މެޗުތައް ނުކުޅެން ނިންމައި އެހެން ތާރީހަކަށް ފަސްކުރީ އީގަލްސްއާ ދެކޮޅަށް ކުޅެން ރާއްޖެ އައި ބެންގަލޫރުގެ ކުޅުންތެރިން ރާއްޖެ އާއި އޭއެފްސީގެ ކޮވިޑް ޕްރޮޓޯކްލާ ހިލާފުވުމުންނެވެ. އޭރު މާލޭގެ ޖެން ހޮޓެލްގައި ތިބެފައި ބެންގަލޫރުގެ ކުޅުންތެރިން މާލެތެރެއަށް ނުކުމެ އުޅޭ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެހިސާބުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވީ ޕްރޮޓޮކޯލްއާ ހިލާފުވުމުން ބެންގަލޫރު ޓީމު ރާއްޖެ ދޫކޮށް ދިއުމަށެވެ. އޭއެފްސީ މެޗުތަކަށް މެއި މަހު ރާއްޖޭން ތައްޔާރުވަމުން ދިޔައިރު އާއްމުން ދިޔައީ މެޗުތައް ރާއްޖޭގައި ކުޅުން ރައްކާތެރި ނޫންކަމަށް ބުރެ ޕްރެޝަރު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގެ ޑާކާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި އެ ސިޓީގައި އޮންނަ ބަންގުބަންދު ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތަކެއް ކުރާތީ އެގައުމުން ބިޑްކުރީ އޭއެފްސީ ކަޕްގެ މެޗުތައް ސިލްހެޓް ސިޓީގައި ކުޅުމަށެވެ. އީގަލްސް އާއި ބެންގަލޫރުގެ ޕްލޭއޮފް މެޗު ކުޅެން މިހާރު ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ނިންމާފައިވަނީ އޮގަސްޓް 18 އިން 24 އަށެވެ.

މެޗުތަކަށް ދެ ގައުމަކުން ބިޑްކުރިއިރު އިންޑިއާ އިން ބިޑްކުރިކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑް މި ކުރީ މުބާރާތް ކުރިއަށް ގެންދަން ކުރިން މަސައްކަތްކޮށް ބިޑް ކުރުމަށް އޮތް ތަރުހީބު ކުޑަވެފައި އޮއްވަ އެވެ. ރާއްޖޭން އަލުން ބިޑްކުރިއިރު މިހާރު މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *