ސެމީ ފައިނަލަށް ބްރެޒިލް ނުކުންނައިރު ޓީޓޭ ރެކޯޑަކާ ހަމަކުރަނީ

ސެމީ ފައިނަލަށް ބްރެޒިލް ނުކުންނައިރު ޓީޓޭ ރެކޯޑަކާ ހަމަކުރަނީ

ޢަލީ ޝަހީމް

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލުން މިރޭ ފަތިހު ޕެރޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

އަމިއްލަ ގައުމުގައި މުބާރާތުގެ ތަށި ދިފާއުކުރަން ނުކުންނައިރު 2019 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލް މޮޅުވީ ޕެރޫއާ ވާދަކޮށެވެ. 2016 ވަނަ އަހަރު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވެ ޓީޓޭ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުން ބްރެޒިލް ބަލިވެފައި ނުވާއިރު އޭގެތެރެއިން 9 މެޗު ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޓީޓޭގެ ކޯޗުކަމުގައި ބްރެޒިލް އަދި ބަލިވެފައެއްނުވެ އެވެ. ސެމީގައި ޕެރޫ ބަލިކޮށްގެން ޓީޓޭ އަށް ހާއްސަ ރެކޯޑަކާ އަރާ ހަމަކުރެވޭނެ އެވެ. އެއީ މުބާރާތުގެ ތާރީހުގައި ޓީމަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ. ޓީޓޭގެ ކޯޗުކަމުގައި މި މުބާރާތުގައި ބްރެޒިލް އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިވެފައިނުވާއިރު މި ރެކޯޑް އޮތީ މި މުބާރާތުގައި ބަލިނުވެ 12 މެޗު ހަމަކޮށްފައިވާ ބްރެޒިލްގެ ކުރީގެ ކޯޗު މާރިއޯ ޒަގަލޯ އަތުގަ އެވެ.

2019 ވަނަ އަހަރުގެ ފައިނަލުގެ އިތުރުން ބްރެޒިލުން ވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ޕެރޫ ބަލިކޮށްފަ އެވެ. މެޗުގެ ކުރިން ޓީޓޭ ބުނީ ކުރީގެ ނަތީޖާތަކުން މި މެޗުގައި ވާނެގޮތް އަންދާޒާ ނުކުރެވޭނެ ކަމަށެވެ.

“ކުރީގެ ނަތީޖާތަކުން މެޗު ޕްރެޑިކްޓެއް ނުކުރެވޭނެ. މިއީ ޕްލޭއޮފް މެޗެއް. ބްރެޒިލް ވެސް ޕެރޫ ވެސް ނުކުންނާނީ މޮޅުވެގެން ފައިނަލަށް ދާން” 60 އަހަރުގެ ޓީޓޭ ބުންޏެވެ.

މިއީ ކޮޕާ އެމެރިކާ 9 ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލުން ޕެރޫއާ ދެކޮޅަށް ނުކުންނަ ވާދަވެރި 20 ވަނަ މެޗެވެ. މީގެ ތެރެއިން 15 މެޗުން ބްރެޒިލް މޮޅުވިއިރު ދެ މެޗު އެއްވަރުވެ ޕެރޫ މޮޅުވީ އެންމެ ދެ މެޗުންނެވެ. އެންމެ ފަހުން ޕެރޫ އިން ބްރެޒިލް ބަލިކުރީ 1975 ވަނަ އަހަރު ބްރެޒިލްގައި އޮތް ކޮޕާ އެމެރިކާގަ އެވެ. 3-1 އިން އެމެޗުން ބްރެޒިލް ބަލިވިއިރު އޭގެފަހުން އަމިއްލަ ދަނޑުގައި މި މުބާރާތުގެ އެއްވެސް މެޗަކުން ބްރެޒިލް ބަލިވެފައެއްނުވެ އެވެ.

މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ބްރެޒިލުން އަންނަނީ ރަނގަޅު އެޓޭކިން ގޭމެއް ކުޅެމުންނެވެ. 11 ލަނޑާ އެކު މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ އެޓީމުންނެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު އެންމެ ފަހުން ދެއްކި ރަތް ކާޑާ އެކު ފޯވާޑް ގެބްރިއަލް ޖީސުސް ހުރީ ސަސްޕެންޝަނުގަ އެވެ.

ޓީޓޭގެ ކޯޗުކަމުގައި ބްރެޒިލް މިހާތަނަށް ކުޅުނު 59 މެޗުގެ ތެރެއިން 41 މެޗު ނިމުނީ ލަނޑެއް ނުވަދެ އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އާޖެންޓީނާ ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. ބްރެޒިލާއި ޕެރޫ ވާދަކުރާ ސެމީ ފައިނަލް ފުރަތަމަ މެޗު މިރޭ ފަތިހު ރާއްޖެ ގަޑިން 4 ޖަހާއިރު ފަށާއިރު އާޖެންޓީނާ އާއި ކޮލަމްބިއާ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެ ފަތިހު ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *