ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބައި ގަރުނު

ރާއްޖޭގެ ފުޓްބޯޅައިގައި ވިކްޓްރީ ސްޕޯޓްސް ކްލަބަކީ އެއް އިރެއްގައި އެންމެ ވަރުގަދަ ނަމެވެ. ދެހާހުގެ އަހަރުތަކުގެ މެދަކާ ހަމައަށް ވިކްޓްރީ އަކީ އެހެން ހުރިހާ ކްލަބަކުން ޖެހިލުންވި ޓީމެކެވެ. އޭރު އެއީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނެވެ. ރަތާ ރީނދުލުގެ ޖޯޒީއަށްޓަކައި ފަހަރުވެރިވި ސަޕޯޓަރުން އޭރު ވަރަށް ގިނަ އެވެ. މާލޭގެ ގަލޮޅަށް ނިސްބަތްވި އެންމެ ޝަރަފްވެރި ފުޓްބޯޅަ ކްލަބަށް މިއަދު ބައި ގަރުނު ފުރުނުއިރު މަންޒަރު މިއޮތީ މުޅިން ބަދަލުވެފަ އެވެ. ކާމިޔާބީގެ ކުލަ ފަނޑުވިތާ ކިތަންމެ ދުވަހެކެވެ. ނުވިތާކަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ކްލަބް ސަސްޕެންޑް ކޮށްފައި އޮންނަތާވެސް އަހަރުވީ އެވެ.
މިއަދަކީ ރާއްޖޭގެ ފުޓްބޯޅައަށް އެތައް ހިދުމަތްތަކެއްކޮށްދިން ވިކްޓްރީ ސްޕޯޓްސް ކްލަބް އުފެދުނުތާ 50 އަހަރު ފުރުނު ދުވަހެވެ. ބައި ގަރުނުވީ ވިކްޓަރީގެ ދިގު ތާރީހުން ފެންނަން ހުރި ކާމިޔާބީތައް ގިނަ އެވެ. ގައުމީ ފުޓްބޯޅަ މުބާރާތް 21 ފަހަރު ކާމިޔާބުކުރި އެވެ. ދިވެހި ލީގު ދެ ފަހަރު އުފުލާލުމުގެ އިތުރުން އެފްއޭ ކަޕް ހަތަރު ފަހަރު ވިކްޓްރީން ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ކަޕް ވިނާސް ކަޕްގެ ހަތަރު ތައްޓާއި، ޕޮމިސްކަޕްގެ އެއް ތަށި ވެސް ވިކްޓްރީގެ ޓްރޮފީ ހަރުގަނޑުން ފެންނަން އެބަ ހުއްޓެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކާމިޔާބީގެ އުސް އަލިތަކަށް ބަލާލާއިރު އެ ކްލަބުގެ ތާރީހުން އެންމެ ކާމިޔާބު ދެ އަހަރުގެ ގޮތުގައި ފާހަގަކުރެވެނީ 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރެވެ. 200 ވަނަ އަހަރު އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގެ އިތުރުން ދިވެހި ލީގާއި، އެފްއޭ ކަޕް ވިކްޓަރީން ކާމިޔާބުކުރި އިރު، ޖެހިގެން އައި އަހަރު ގައުމީ މުބާރާތުގެ ތަށްޓާއި، މާލޭ ލީގުގެ އައްޑަނައިގެ އިތުރުން އެފްއޭ ކަޕް ވިކްޓްރީން އުފުލާލި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވިކްޓްރީން ރަން އަކުރުން ލިޔުނު ކާމިޔާބީ އަކީ ގައުމީ ފުޓްބޯޅަ މުބާރާތް ދެ ފަހަރު މިލްކު ކުރުމެވެ. މިއީ ރާއްޖޭގެ އެހެން އެއްވެސް ކްލަބަކަށް އަދި ހޯދިފައި ނެތް ޝަރަފެކެވެ. ގައުމީ ފުޓްބޯޅަ މުބާރާތް ވިކްޓްރީން އެންމެ ފުރަތަމަ މިލްކުކުރީ 1985 ވަނަ އަހަރު އެވެ. އޭގެ ފަހުން 2002 ވަނަ އަހަރު ވެސް ވިކްޓްރީން ވަނީ އެ ކާމިޔާބީ އަލުން ތަކުރާރުކޮށްފަ އެވެ.
ފުޓްބޯޅަ ހަރަކާތްތަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވިކްޓްރީ އާ ދެކޮޅަށް އެޅި ފިޔަވަޅު މިއަހަރު އޮތް އެފްއޭއެމްގެ އަހަރީ ކޮންގްރެސް ގައި ދަމަހައްޓައިފަ އެވެ.
ވިކްޓްރީ އަށް ދެހާހުގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ކުރިމަތިވަމުން އައި މައްސަލަތަކަށް ހައްލެއް ހޯދައި އެ ކްލަބްކޮޅަށް ޖެހުމުގެ މަސައްކަތް އެކި ފަހަރު މަތިން އެކި ފަރާތްތަކުން އިސްނަގައިގެން ކުރެވޭތޯ މަސައްކަތް ފެށި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް މޮޅު ވާހަކަތަކަކުން ސަޕޯޓަރުންނަށް އުއްމީދުތަކެއް ދިނުން ފިޔަވައި ކުރެވުނު މާ ބޮޑުކަމެއް ފެންނާކަށް ނެތެވެ.
ފުޓްބޯޅައިގެ އިތުރުން ވިކްޓްރީން ވަނީ އެހެން ބައެއް ކުޅިވަރުތަކުގައި ވެސް ވާދަކޮށްފަ އެވެ. އެގޮތުން ވޮލީ އާއި ބާސްކެޓް ބޯޅަ ފަދަ ކުޅިވަރުތައް ފާހަގަކޮށްލެވެ އެވެ. ފުޓްބޯޅަ އާއި އެހެން ކުޅިވަރުތައް ހިމަނައިގެން ވިކްޓްރީން ވަނީ ގާތްގަނޑަކަށް 140 މުބާރާތް ކާމިޔާބުކޮށްފަ އެވެ.
Advertisement


Leave a Reply