ޗިލީ ބަލިކޮށް ބްރެޒިލް ކޮޕާ އެމެރިކާ ސެމީ ފައިނަލަށް

Advertisement

ޗިލީ ބަލިކޮށް ބްރެޒިލް ކޮޕާ އެމެރިކާ ސެމީ ފައިނަލަށް

ޢަލީ ޝަހީމް

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ރޭ ފަތިހު 0-1 އިން ޗިލީ ބަލިކޮށް ބްރެޒިލް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި އޮންނަ އެސްޓާޑިއޯ ނިލްޓަން ސަންޓޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހޯދި މޮޅާ އެކު ސެމީ ފައިނަލުގައި އަންނަ ހޯމަ ދުވަހު ބްރެޒިލް ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާ އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު 3-3 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ޕެރޫ ކުރި ހޯދީ 3-4 އިންނެވެ.

Advertisement

އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށް ޗިލީން ނުކުތީ ބޮޑަށް ޑިފެންސަށް ވިސްނައި ލިބޭ ފުރުސަތުގައި ބޭނުން ހިފުމަށެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ބޭރުން ދިޔައިރު ނޭމާގެ ހިލޭ ޖެހުމަކުން މާކީނިއޯސް ބޮލުން ފޮނުވާލި ބޯޅަ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ.

ބްރެޒިލް ދެ ވަނަ ހާފަށް ނުކުތީ ފިރްމީނޯގެ ބަދަލުގައި 23 އަހަރުގެ ފޯވާޑް ލޫކަސް ޕަކޭޓާ ޓީމުގައި ހިމަނައިގެންނެވެ. ކުޅެން އެރުމަށްފަހު މިނެޓެއްތެރޭ ޕަކޭޓާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފަ އެވެ. މިއީ ފްރާންސްގެ ލިޔޯނަށް ކުޅޭ ޕަކޭޓާ ބްރެޒިލް ޓީމަށް ކުޅުނު 18 މެޗުގައި ޖެހި ހަތަރު ވަނަ ލަނޑެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި މެޗުގައި ޕަކޭޓާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

Image

ލީޑުގައި އޮވެ ބްރެޒިލަށް މައްސަލަތައް ކުރިމަތިވީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ގެބްރިއަލް ޖީސުސް ޗިލީގެ މެނިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ޖީސުސް އަށް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރަތް ކާޑު ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުވުމުން ބްރެޒިލުން ބޮޑަށް ބެލީ ޗިލީން ގޯލެއް ޖެހިޔަނުދީ ހިފަހައްޓައި ސެމީގެ ޖާގައެއް ކަށަވަރުކުރުމަށެވެ. މެޗުގެ ބާކީ ބައިގައި ޗިލީން އުފެއްދި ހަމަލާތައް ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން މޮރެއާސް ވަނީ ހިފަހައްޓައިފަ އެވެ.

2016 ވަނަ އަހަރު ބްރެޒިލްގެ ކޯޗުކަމާ ޓިޓޭ ހަވާލުވުމަށްފަހު ކުޅުނު 59 މެޗުގެ ތެރެއިން 41 މެޗު އެޓީމުން ވަނީ ގޯލެއް ނުވަދެ ނިންމާލައިފަ އެވެ. ސެމީގައި ބްރެޒިލާ ދެކޮޅަށް ނުކުންނަ ޕެރޫ ވަނީ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި 0-4 އިން ބްރެޒިލް އަތުން ބަލިވެފަ އެވެ.

ކޮޕާ އެމެރިކާ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު ކުޅޭނީ މިރެ އެވެ. ރާއްޖެ ގަޑިން މިރޭ ފަތިހު 3 ޖަހާއިރު ކުޅޭ މެޗުގައި އުރުގުއޭ އާއި ކޮލަމްބިއާ ވާދަކުރާއިރު އާޖެންޓީނާ އާއި އިކުއެޑޯ ވާދަކުރާ ކުއާޓާ ފައިނަލް މެޗު ކުޅޭނީ މާދަމާ ފަތިހު ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *