ދުނިޔޭގެ އެއްވަނަ ބަލިކޮށް އިޓަލީން ސްޕެއިންއާ ކުރިމަތިލައިފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެވަނަ މެޗްގައި ދުނިޔޭގެ އެއްވަނައިގައި އޮތް ބެލްޖިއަމާ ވާދަކޮށް މޮޅުވެ އިޓަލީން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. މުބާރާތުގައި މިހާތަނަށް ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ އިޓަލީއަށް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރަންޖެހޭނީ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗްގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް އަތުން މޮޅުވި ސްޕެއިން އާއެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނުނު ރޭގެ މެޗްގައި ބެލްޖިއަމްގެ މައްޗަށް އިޓަލީން ކުރި ހޯދީ 1-2 އިންނެވެ. ރޭގެ މެޗަކީ އިޓަލީން ޖެހިޖެހިގެން މޮޅުވެ 13 ވަނަ މެޗެވެ. އަދި، ރޭގެ މެޗާއެކު އެ ޓީމުން ވަނީ ބަލިނުވެ 32 މެޗް ހަމަކޮށްފަ އެވެ.
ރޭގެ މެޗްގައި ގރނުނު ފެނުނު ހުރިހާ ގޯލެއްވެސް ފެނިފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ދެ ގޯލްވެސް ކާމިޔާބުކުރީ އިޓަލީންނެވެ. އެއީ މޮޅު ދެ ގޯލެވެ. ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ބެލްޖިއަމްގެ ތިން ޑިފެންޑަރެއްގެ ގާތުން ދެމިގަތުމަށްފަހު ގޯލަށް ވައްދާލީ އިންޓަ މިލާނަށް ކުޅެމުން އަންނަ 24 އަހަރުގެ މިޑްފީލްޑަރު ނިކޮލޯ ބަރޭލާ އެވެ. ދެވަނަ ލަނޑު ދަނޑުގެ މެދަކާ ހަމައިން ލިބުނު ބޯޅައެއް ހިހައިގެން ގޮސް އޭރިއާގެ ބޭރުން ޖަހައި ގޯލަށް ވައްދާލައިގެން ކާމިޔާބުކުރީ ނަޕޯލީއަށް ކުޅެމުން އަންނަ ތަޖުރިބާކާރި ފޯވާޑް ލޮރެންޒޯ އިންސިނިއޭ އެވެ.
ޖަރުމަނުގެ މިެއުނިކް އެރީނާގައި ރޭ ކުޅުނު މެޗްގައި އިޓަލީން ލީޑް ނެގުމުގެ ކުރިންވެސް އެ ޓީމްގެ ލިއޮނާޑޯ ބޮނޫޗީ ބެލްޖިއަމްގެ ގޯލަށް ބޯޅައެއް ވައްދާލި އެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައިފައިވަނީ އެ ހަމަލާ އުފެއްދުމުގައި ބައިވެރިވި އިޓަލީގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމުގައި ހުރި ކަމަށެވެ. މެޗްގައި ބެލްޖިއަމުން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފް ނިމެނިކޮށް ކާމިޔާބުކުރީ މިދިޔަ ސީޒަންގައި އިޓަލީގައި މޮޅު ކުޅުމެއް ދެއްކި ރޮމޭލޫ ލުކާކޫ އެވެ.
ބެލްޖިއަމް އާއި އިޓަލީ ވާދަކުރި މެޗްގެ ދެވަނަ ހާފުވެސްވީ ނޭވާ ހިފަހައްޓާލަން ޖެހުނު ހާފަކަށެވެ. އެކަމަކު ނަތީޖާ އަށް ބަދަލު ނައީ ދެ ޓީމަށްވެސް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުންނެވެ.
އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފުރުސަތު ނުލިބުނު އިޓަލީއަށް ރޭގެ ކާމިޔާބީ އާއެކު މުބާރތާތް ކާމިޔާބުކުރުމަށް އިތުރު ހިތްވަރެއް ލިބުނުއިރު އެ ޓީމަށް ރޭ ކުރިމަތިވި އެންމެ ބޮޑު ނުތަނަަވަސްކަމަކަށްވީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާ އަށް އަނިޔާވެގެން މެޗްގެ ފަހުކޮޅު ސްޓްރެޗާގައި ބާލަން ޖެހުމެވެރ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައިން ބެލްޖިއަމަށް ޖެހިޖެހިގެން ވަކިވާންޖެހުނު ދެވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ސެމީއަށް ނުގޮސް ބެލްޖިއަމް ކެޓީ ކުއާޓާގައި ވޭލްސް އަތުން ބަލިވުމުންނެވެ.
Advertisement
Leave a Reply