ޑްރާމާ އިން ފުރާލި މެޗު ކާމިޔާބުކޮށް ސްޕެއިން ކުއާޓާ ފައިނަލަށް

Advertisement

ޑްރާމާ އިން ފުރާލި މެޗު ކާމިޔާބުކޮށް ސްޕެއިން ކުއާޓާ ފައިނަލަށް

ޢަލީ ޝަހީމް

ފުޓްބޯޅައިގެ ޖޯޝާއި ފޯރި ގެނުވި އާދަޔާހިލާފު މެޗުގައި 3-5 އިން ކްރޮއޭޝިއާ ބަލިކޮށް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މަޝްހޫރު ސްޕެއިން ޖާގަ ހޯދައިފި އެވެ.

ޑެންމާކްގެ ކޯޕެންހޭގަންގައި މިރޭ ކުޅުނު މެޗަކީ މިފަހަރުގެ ޔޫރޯގައި ފެނުނު އެންމެ ހިތްގައިމު މެޗެވެ. މެޗުގައި 8 ގޯލު ފެނިގެން ދިޔައިރު މި މެޗު ވެފައިވަނީ 1960 ވަނަ އަހަރަށް ފަހު ޔޫރޯގެ މެޗެއްގައި އެންމެ ގިނަ ލަނޑު ފެނުނު މެޗަށެވެ. ރެކޯޑަކީ 1960 ވަނަ އަހަރުގެ ޔޫރޯގައި ޔޫގޯސްލާވިއާއިން 5-4 އިން ފްރާންސް ބަލިކުރި މެޗެވެ.

Advertisement

މިރޭގެ މެޗަށް ނުކުތްއިރު ކްރޮއޭޝިއާ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން މުހިއްމު ކުޅުންތެރިޔާ އިވާން ޕެރިސިޗަށް ނުކުޅެވުމެވެ. ޕެރިސިޗަކީ ކްރޮއޭޝިއާ ގްރޫޕް ސްޓޭޖުން ފަހަނައަޅައި ދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.

މެޗު ފަށައިގެން ކުރީކޮޅު ސްޕެއިންގެ ކޮކޭ އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގައި ކްރޮއޭޝިއާ އަށް ލީޑު ލިބުނީ ސްޕެއިންގެ ގޯލުގައި ހުރި އެތުލެޓިކް ބިލްބާއޯގެ ކީޕަރު އުނާއި ސިމޮން އަށް ހެދުނު ބޮޑު ގޯހަކުންނެވެ. ހާފުގެ މެދަކާ ހަމައިން ސްޕެއިން ޒުވާން ކުޅުންތެރިޔާ ޕެޑްރީ ކީޕަރަށް ޖައްސާލި ބޯޅަ ބައި ގޯލަށް ވަނީ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ރަނގަޅަށް ފަޔަށް ނޭރުމުންނެވެ. ޕެޑްރީގެ ބައިގޯލެއްގެ ގޮތުގައި ކަނޑައެޅި މި ލަނޑަކީ މިފަހަރުގެ ޔޫރޯގައި ބައިކޮޅަށް ވަން 9 ވަނަ ލަނޑެވެ. ގޯލު ވަނުމުން މާޔޫސްވެފައި އޮތް ސްޕެއިނަށް އުއްމީދެއް ލިބުނީ ފުރަތަމަ ހާފުގެ ފަހުކޮޅު ޕަބްލޯ ސަރާބިއާ ކާމިޔާބުކޮށްދިން ގޯލުންނެވެ.

Image

މެޗުގެ ދެ ވަނަ ހާފުގައި ވެސް ސްޕެއިނުން ވަނީ ކްރޮއޭޝިއާ އަށް ޕްރެޝަރުކޮށް ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެޓީމުން މެޗުގައި ލީޑު ނެގި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ އެވެ. 77 ވަނަ މިނެޓުގައި ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ ފެރަން ޓޮރޭޒް އެވެ.

ފަސޭހަކަމާ އެކު ސްޕެއިނުން މެޗު ކާމިޔާބު ކުރާނެކަމަށް ހީކުރެވުނު ނަމަވެސް ކްރޮއޭޝިއާއިން ވަނީ މެޗުގެ ފަހު 5 މިނެޓުގައި އާދަޔާހިލާފު ހިތްވަރެއް ނެރެ ނަތީޖާ 3-3 އަށް ބަދަލުކޮށްލާފަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 85 ވަނަ މިނެޓުގައި މިސްލާވް އޯސިޗް ޖެހިއިރު އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޖެހީ މާރިއޯ ޕެސަލިޗް އެވެ.

ކްރޮއޭޝިއާގެ އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔައީ އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ޖެހި ދެ ލަނޑުންނެވެ. މި ހާފުގައި އަލްވާރޯ މޮރާޓާ ފުރަތަމަ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ މިކެލް އޮޔާޒަބަލް އެވެ. މެޗުގައި މޮރާޓާ ޖެހި ގޯލާ އެކު އޭނާ ވަނީ ޔޫރޯގެ ތާރީހުގައި ސްޕެއިނަށް އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ފަސް ލަނޑާއެކު މީގެ ކުރިން އެ ރެކޯޑް އޮތީ ކުރީގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް އަތުގަ އެވެ.

Image

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް ސްޕެއިން ގަދަ 16 އިން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްލޮވޭކިއާ 0-5 އިން ބަލިކޮށްގެންނެވެ. މިރޭ ޖެހި ފަސް ގޯލާ އެކު ސްޕެއިން ވެފައިވަނީ މުބާރާތުގެ ތާރީހުގައި ޖެހިޖެހިގެން ދެ މެޗުގައި ފަސް ގޯލު ޖެހި ހަމައެކަނި ޓީމަށެވެ.

މެޗުން ފާހަގަ ކުރެވުނު އެހެން ރެކޯޑަކަށް ބަލާއިރު 18 އަހަރާއި 215 ދުވަހުގައި ސްޕެއިންގެ ޕެޑްރީ ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2004 ވަނަ އަހަރުގެ ޔޫރޯގައި ވިދާލި އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީގެ އަތުގަ އެވެ.

ރަޝިއާގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ސްޕެއިން ނުކުންނާނީ މިރޭ ދަންވަރު ފްރާންސާއި ސްވިޒަލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *