ބްރެޒިލް އިން ފަހަތުން އަރައި ކޮލަމްބިއާ ބަލިކޮށްފި

Advertisement

ބްރެޒިލް އިން ފަހަތުން އަރައި ކޮލަމްބިއާ ބަލިކޮށްފި

ފަހުމިނެޓް

ކޮޕާ އެމެރިކާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފަހަތުން އަރައި ކޮލަމްބިއާ ބަލިކޮށްފި އެވެ. ބްރެޒިލް އިން ކޮލަމްބިއާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ފަތިހު 5 ޖެހިއިރު ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު ކޮލަމްބިއާއަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ލުއިސް ޑިއާޒް އެވެ. މެޗުގެ 10 ވަނަ މިނިޓުގައި ހުއާން ކުއަޑްރާޑޯ ކަނާތްފަރާތު އަރިމަތިން ނަގައިދިން ހުރަހަކުން ޑިއާޒް މި ލަނޑު ޖެހީ ބައިސިކަލް ކިކަކުންނެވެ.

ފުރަތަމަ ހާފުގައި ބްރެޒިލް އަށް ނަތީޖާ ހަމަހަމަ ކުރަން މާ ރަގަޅު ފުރުސަތެއް ނުލިބުނު ނަމަވެސް ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ނަގާލާފަ އެވެ. ކީޕަރު ކައިރިން ނައްޓާފައި ނޭމާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ބްރެޒިލް އިން ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނިޓުގަ އެވެ. ރެނަން ލޯޑީ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެތެރެއަށް ވައްދާލައި ބްރެޒިލް އަށް ނަތީޖާ އެްވަރު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އެވެ. މި ލަނޑާއެކު ކޮލަމްބިއާ ކުޅުންތެރިން ވަނީ، ބްރެޒިލް އިން އެޓޭކް ބިލްޑް ކުރިއިރުރެފްރީ ގައިގައި ބޯޅަ ޖެހުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފަ އެވެ.

ބްރެޒިލް އިން ތިން ޕޮއިންޓް ކަށަވަރުކުރީ 90 މިނިޓު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ 10 މިނިޓުގެ ވެސް ފަހު ވަގުތުއެވެ. ނޭމާ ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ވައްދާލީ މިޑްފީލްޑަރ ކަސެމީރޯ އެވެ.

ރޭ ކުޅުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އިކުއެޑޯ އާއި ޕެރޫ އެވެ. އެމެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ގުރޫޕް ބީއެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ހޯދި 9 ޕޮއިންޓާއެކު އެވެ. ގުރޫޕް ސްޓޭޖުގެ 4 މެޗު ވެސް ފުރިހަމަކޮށް ކޮލަމްބިއާ ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކު އެވެ. މި ގުރޫޕުގެ ބާކީ ދެމެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރެވެ. އެއް މެޗުގައި ބްރެޒިލް އަދި އިކުއެޑޯ ވާދަކުރާއިރު އަނެއް މެޗުގައި ބައްދަލުކުރާނީ ވެނިޒުއޭލާ އާއި ޕެރޫ އެވެ. ޕެރޫއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު އިކުއެޑޯ އަދި ވެނިޒުއޭލާއަށް ވެސް އަދި ލިބުނީ 2 ޕޮއިންޓެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގުރޫޕް އޭގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ބޮލީވިއާ އާއި އުރުގުއޭ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗިލީ އާއި ޕެރަގުއޭ އެވެ. މުބާރާތުގައި ކުރިއަށް ދާން ބޮލީވިއާއަށް މިރޭގެ މެޗަކީ މުހިއްމު މެޗެކެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެގެން އެޓީމު މިވަގުތު އޮތީ ގުރޫޕުގެ ފުލުގަ އެވެ. މިހާތަނަށް ކުޅުނު ދެމެޗުން އުރުގުއޭ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ޕެރަގުއޭ ކުޅުނު ދެމެޗުން 3 ޕޮއިންޓް ހޯދާފައި ވާއިރު، ތިން މެޗުން ހޯދި 7 ޕޮއިންޓާއެކު އާޖެންޓީނާ އޮތީ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ ތިން މެޗުން 5 ޕޮއިންޓް ހޯދާފައިވާ ޗިލީ އެވެ.

ޖުމްލަ ދިހަ ޓީމާއެކު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ކުއާޓާ އަށް ހޮވޭނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *