ގައުމު ރޮއްވާލި ހަފްތާއަށްފަހު ޑެންމާކަށް އުފާވެރިކަން، ގަދަ 16 ޔަގީންކޮށްފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ރަޝިޔާ ކޮޅަށް ހަތަރު ގޯލް ޖެހުމަށްފަހު ޑެންމާކުން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. ރޭގެ މެޗްގެ ކުރިން އެއްވެސް ޕޮއިންޓެއް ނުލިބި އޮތް ޑެންމާކުން ރަޝިޔާގެ މައްޗަށް ހޯދި މޮޅާއެކު ގްރޫޕްގެ ދެވަނަ މަގާމް ކަށަވަރުކޮށް މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފައި މިވަނީ އެ ޓީމްގެ ތަރި ކްރިސްޓިއަން އެރިކްސަން ދަނޑުމަތީގައި ކުޅެން ހުއްޓާ ކުއްލި ގޮތަކަށް ވެއްޓުނު ހާދިސާ ހިނގިތާ ނުވަ ވަނަ އަށް ވީ ދުވަހު އެވެ.
ގްރޫޕްގެ ފުރަތަމަ މެޗްގައި ފިންލެންޑާ ދެކޮޅަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޑެންމާކުން ކުޅުނު މެޗްގައި އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުމާއެކު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވީ ނަމަވެސް އެރިކްސަންއަށް ކުޅެވޭނެ ވަރު ނުވާތީ އޭނާ ހުރީ ގައުމީ ޓީމާއި ދުތރުގަ އެވެ. އެރިކްސަންގެ ހާދިސާ އާއެކު ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗް ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް ދެގަޑިއެއްހާ އިރު ފަހުން ފަށައި މެޗް ފުރިހަމަކުރި އިރު 0-1 އިން ޑެންމާކް ވީ ބައްޔެވެ. ޖެހިގެން އައި މެޗްގައި ގްރޫޕްގެ އެއްވަނަ ރޭ ހޯދި ބެލްޖިއަމް އާ ވާދަކޮށް މެޗްގެ ކުރީކޮޅު ޑެންމާކުން ލީޑް ނެގި ނަމަވެސް ފަހަތުން އަރައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި ކެވިން ޑި ބްރޭނާ ޖެހި ދެ ގޯލާއެކު އެ މެޗުންވެސް ޑެންމާކަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާ އެވެ.
ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަންގައި ރޭ ކުޅުނު މެޗް ޑެންމާކުން ކާމިޔާބުކުރީ 1-4 އިންނެވެ. އެރިކްސަންގެ ހާދިސާ ހިނގި ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ޑެންމާކުންނެވެ. މެޗްގެ 38 ވަނަ މިނެޓްގައި ޑެންމާކަށް ލީޑް ނަގައިދިން ލަނޑު ގޯލްއޭރިޔާ ބޭރުން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރީ އުމުރުން އެންމެ 20 އަހަރުގެ މިކެލް ޑެންސްގާޑެވެ. އޭގެ ފަހުން މެޗްގެ ފަހު ހާފް ފަށައިގެން 15 މިނެޓް ނުވަނީސް ރަޝިޔާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖަރުމަނުގެ އާރިބީ ލައިޕްޒިގަށް ކުޅެމުން އަންނަ ޑެންމާކްގެ ޔޫސުފް ޕޯލްސަން ލަނޑެއް ޖަހައި އެ ޓީމަށް ލީޑް ފުޅާކޮށްދިނެވެ. ދެން ފެނުނީ މެޗްގެ 70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރަޝިޔާ އިން ގޯލެއް ޖަހައި މެޗްގެ ނަތީޖާގެ ފަރަގު ކުޑަކުރި ތަނެވެ.
ގްރޫޕްގެ އަނެއް މެޗްގައި ބެލްޖިއަމުން ފިންލެންޑްގެ މައްޗަށް ކުރި ހޯދުމަށް އެދިއެދި ތިބި ހާލުގައި ކުޅެމުން ދިޔަ ޑެންމާކަށް ދެން ލިބުނީ ދަނޑު ބޭރުން އެމީހުން ހޯދަން ބޭނުންވި ހިތްވަރެވެ. ރަޝިޔާއިން ލަނޑުޖެހިތނާ ޑެންމާކް ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލީ ބެލްޖިއަމުން ފިންލެންޑް ކޮޅަށް ގޯލްޖަހައި ލީޑްނެގި ހަބަރާއެކު އެވެ. އެއާއެކު ކުޅުންތެރިންނަށް ލިބުނު އާ ހިތްވަރާއެކު ޑެންމާކުން މެޗްގެ 79 ވަނަ މިނެޓްގައި ތިން ވަނަ ގޯލް ކާމިޔާބުކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗެލްސީއަށް ކުޅެމުން އަންނަ އެންޑްރިއަސް ކްރިސްޓެންސެން އެވެ. އޭގެ ތިން މިނެޓް ފަހުން މެޗްގެ ނަތީޖާ 1-4 އަށް ބަދަލުކުރީ އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ 24 އަހަރުގެ ޑިފެންޑަރު ޖޯކިމް އެވެ.
ގްރޫޕް ބީގައި ބެލްޖިއަމް އާއި ފިންލަންޑް ވާދަކުރި މެޗް ބެލްޖިއަމުން 0-2 އިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރުކުރި އިރު ފިންލެންޑް އޮތީ ތިންވަނައިގަ އެވެ. ފިންލެންޑަށް މުބާރާތުގައި އިތުރަށް ކުރިއަށްދެވޭނެކަން އެނގޭނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗްތަކެއް ނިމި އެހެން ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމްތަކުގެ ނަތީޖާތައް އެނގުމުންނެވެ.
ރޭގެ މެޗަށްފަހު ޑެންމާކްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
Advertisement
Leave a Reply