ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރޭ ފަށަނީ، ކަޓާނީ ކޮންބައެއް؟

Advertisement

ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރޭ ފަށަނީ، ކަޓާނީ ކޮންބައެއް؟

އައްބާސް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ފޯރިއާއެކު ކުރިއަށް ދާއިރު ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކުންވެސް ކުޅޭ އެންމެ ފަހުމެޗްތައް މިރޭ ފެށޭނެއެވެ. ޔޫރޯގެ އެހެން މުބާރާތްތަކުގައިވެސް ކަންކުރަމުން އައި އުސޫލުން ކޮންމެ ގުރޫޕެއްގެ ވެސް ފަހު ދެމެޗް ކުޅޭނީ އެއްވަގުތެއްގައެވެ. ފުރަތަމަ ބުރުގެ ފަހު ދެމެޗާއި ހަމައަށް އައިއިރު ބައެއް ޓީމުތަކުން ތިބީ  ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށް ދެވަނަބުރުގައި  އިދިކޮޅުން ނިކުންނާނެ ޓީމެއްގެ އިންތިޒާރުގައެވެ. އަނެއްބައި ޓީމުތަކުން ތިބީ ދެވަނަ ބުރުން ފުރުސަތު ގެއްލިފައިވާތީ ފޮށިތަންމަތި ބަނދެގެން ގްރޫޕްގެ ފަހު މެޗް ކުޅުމަށްފަހު ރަށަށް ދާން ތައްޔާރުވެގެންނެވެ. ބައެއް ޓީމުތަކުން ގުރޫޕުގެ ފަހު މެޗް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަހޯދުމުގެ އުއްމީދުގައި ތިބިއިރު ބާކީ ތިބި ޓީމުތަކުން އިންތިޒާރުކުރަމުން އަންނަނީ ފަހު މެޗުން މޮޅުވެ އެހެން ޓީމުތަކުން ކުޅޭ މެޗްތަކުގެ ނަތީޖާ އެމީހުންނަށް ފައިދާވާގޮތަށް ނިކުމެގެން ދެވަނަ ބުރުން ޖާގަ ލިބުމަށެވެ.

މި މުބާރާތުގައި ދެވަނަ ބުރު ނުވަތަ ނޮކައުޓް ސްޓޭޖުން ޖާގަ ލިބޭނީ ހަ ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެޓީމަށާއި ކޮންމެ ގުރޫޕަކުންވެސް ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމަށެވެ. ޓީމުތަކަށް އެއްވަރަށް ޕޮއިންޓް ލިބޭ ހާލަތުގައި ދެން އެންމެ ފުރަތަމަ ބަލާނީ ހެޑް ޓު ހެޑް ނަތީޖާއަށެވެ. އެއީ އެއްވަރުވާ ދެޓީމު ވާދަކޮށްފައި ވާނަމަ އެމެޗުގެ ނަތީޖާއަށެވެ. ފައިދާ ގޯލަށް ބަލާނީ އެއަށް ފަހުއެވެ. މިހާ ހިސާބުން ދެވަނަ ބުރުން ޖާގަ ހޯދުމުގައި ޓީމުތަކަށް އޮތް ފުރުސަތުތަކަށް ބަލާލަމާ ހިނގާށެވެ.

ގްރޫޕް އޭ

ކުރިއަށް އޮތް ދެމެޗް: އިޓަލީ – ވޭލްސް، ސްވިޒަލޭންޑް – ތުރުކީ (ޖޫން 20)

މި ގްރޫޕުން އިޓަލީ ވަނީ ދެވަނަ ބުރަށް ކޮލިފައި ވެފައެވެ. އެމީހުންނަށް ވޭލްސް މެޗް އެއްވަރުކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނަ ހޯދޭނެއެވެ. ވޭލްސް އަށް ދެވަނަބުރަށް ދާން ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން އެމެޗް އެއްވަރުވެއްޖެނަމަ އިޓަލީއާއެކު ވޭލްސްވެސް  ދެވަނަ ބުރަށް ދާނެއެވެ. އަދި އެ މެޗުން ވޭލްސް ބަލިވިއަސް މިހާރުވެސް ހަތަރު ޕޮއިންޓް ލިބިފައިވާތީ ތިންވަނައިގައި އޮވެގެންވެސް ވޭލްސްއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އިޓަލީ މެޗުން ވޭލްސް މޮޅުވެއްޖެނަމަ ގުރޫޕުގެ އެއްވަނަ އެޓީމަށް ލިބޭނެއެވެ. ސްވިޒަލެންޑަށް ދެވަނަ ބުރުން ކިރިޔާވެސް ފުރުސަތު އޮތީ ފަހު މެޗްގައި ތުރުކީ ބަލިކޮށްގެންނެވެ. އޭރުން އެޓީމަށް ހަތަރު ޕޮއިންޓް ލިބޭނެއެވެ. ތުރުކީއަށް ދެވަނަ ބުރުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ ދެން އޮތް މެޗް ކާމިޔާބުކޮށްގެންވެސް އެމީހުންނަށް ހަމަވާނީ 3 ޕޮއިންޓެވެ. އެކަމަކު އެހެން ގްރޫޕްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ތިން ޕޮއިންޓަކީވެސް ދެވަނަ ބުރަށް ދިއުމަށް ފުދޭ މިންވަރަކަށް ފަހަރެއްގައި ވެދާނެއެވެ.

ގްރޫޕް ބީ

ކުރިއަށް އޮތް ދެމެޗް: ފިންލެންޑް – ބެލްޖިއަމް، ރަޝިޔާ – ޑެންމާކް (ޖޫން 21)

މި ގްރޫޕުން ބެލްޖިއަމް މިހާރު ދެވަނަ ބުރު ޔަގީންކޮށްފައިވާއިރު ފިންލެންޑް މެޗުން ޕޮއިންޓެއް ހޯދައިގެން ގްރޫޕުގެ އެއްވަނައަށް އެރޭނެއެވެ. ފިންލެންޑް އެމެޗުން މޮޅުވެ އެހެން މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ފިންލެންޑަށް ގްރޫޕުގެ އެއްވަނަ ލިބުމަކީ އެކަށީގެންވާކަމެކެވެ. ރަޝިޔާ ޑެންމާކު ބަލިކޮށްފިނަމަ ރަޝިޔާއަށް ދެވަނަ ބުރު ކަށަވަރުވާނެއެވެ. އެމެޗު އެއްވަރުވެ ފިންލެންޑަށް ބެލްޖިއަމް ބަލިނުކުރެވިއްޖެނަމަވެސް ރަޝީޔާ ކޮލިފައިވާނެއެވެ. އަދި ކުރިއަށް އޮތް މެޗުން އެކެއް ސުމެއް ފިޔަވައި އެއް ގޯލުގެ ތަފާތުން ރަޝިޔާ ބަލިވިޔަސް އަނެއް މެޗުގެ ނަތީޖާ ނިކުންނަގޮތަކުން އެމީހުންނަށް ދެވަނަބުރަށް ދެވިދާނެއެވެ. ރަޝިޔާއަށް ގްރޫޕުގެ އެއްވަނަ ލިބޭނެ ގޮތެއް ދެން ނެތެވެ. ފިންލެންޑުން ބެލްޖިއަމް ބަލިކޮށްފިނަމަ އެމީހުންނަށް ގްރޫޕުގެ އެއްވަނަ ނުވަތަ ދެވަނަ ލިބޭނެއެވެ. އެމެޗު އެއްވަރުވެ ރަޝިޔާ ޑެންމާކު އަތުން ބަލިވިޔަސް ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރުން  ފިންލެންޑަށް ފުރުސަތު ލިބޭނެއެވެ. ފިންލެންޑު ފަހުމެޗުން ބަލިވިޔަސް އެހެންމެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ފިންލެންޑަށް ތިން ޕޮއިންޓާއެކު ދެވަނަ ބުރަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. ޑެންމާކަށް ކިރިޔާވެސް ފުރުސަތެއް އޮތީ ރަޝިޔާ ބަލިކޮށްގެންނެވެ. އެހެންނަމަވެސް ޑެންމާކު މޮޅުވެ ބެލްޖިއަމް އަތުން ފިންލެންޑް ބަލިވެއްޖެނަމަ ތިން ޕޮއިންޓާއެކުވެސް ގްރޫޕުގެ ދެވަނަ ހޯދުމުގެ ފުރުސަތު އެންމެ ފަހިކޮށް އޮތީ ޑެންމާކަށެވެ. ޑެންމާކް މޮޅުވެ ފިންލެންޑް ފަހު މެޗުން ބަލިނުވެއްޖެނަމަ ޑެންމާކަށް ދެން ޖެހޭނީ ތިންވަނައިގައިވާ އެންމެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭތޯ ބަލާށެވެ. ޑެންމާކް މޮޅުވެ ފިންލެންޑް ބަލިވާ ހާލަތުގައި ޑެންމާކާއި ފިންލެންޑް އަދި ރަޝިޔާއަށްވެސް ލިބޭނީ ތިން ޕޮއިންޓެވެ. އެހާލަތުގައި އެޓީމްތައް ވާދަކުރި މެޗުތަކުގެ ސްކޯ ލައިން  ވަރަށް މުހިއްމުވާނެއެވެ. ފަހަރެއްގައި ވާގޮތަކުން ހުރިހާގޮތަކުން އެއްވަރުވެ އަހުލާގީ ރެކޯޑުތަކަށް ބަލައިގެންވެސް އެތިން ޓީމު ތަރުތީބު ކުރަންޖެހިދާނެއެވެ. އެގޮތުންވެސް އެއްވަރުވެއްޖެނަމަ ޔޫރޯ 2020ގެ ކޮލިފައިންގެ ރޭންކިންގ އަށް ބަލަން ވެސް ޖެހިދާނެއެވެ. އެހާލަތުގައި ކުރި ލިބޭނީ ޑެންމާކަށެވެ.

ގްރޫޕް ސީ

ކުރިއަށް އޮތް ދެމެޗް: ނޯތު މެސެޑޯނިޔާ – ނެދަލެންޑްސް ، ޔޫކުރޭން – އޮސްޓްރިއާ (ޖޫން 21)

މިގްރޫޕުން ނެދަލެންޑްސް މިހާރު ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ. އެއީ ޕޮއިންޓްގެ ގޮތުން އެމީހުންނާއި އަރާ ހަމަކުރެވެން އޮތް ދެޓީމުވެސް އެ މީހުން އަތުން ބަލިވެފައިވާތީ އެވެ. ޔޫކުރޭން އޮސްޓްރިއާ އަތުން ބަލިނުވެއްޖެނަމަ އެމީހުން ދެވަނަ ބުރަށް ދާނެއެވެ. ބަލިވެއްޖެނަމަ ދެން ޖެހޭނީ ތިން ޕޮއިންޓަކީ ފުދޭ މިންވަރެއްތޯ ބަލަން ތިބޭށެވެ. އޮސްޓްރިއާއަށް ގްރޫޕުގެ ދެވަނަ ހޯދަން ބޭނުންނަމަ ޔޫކުރޭން ބަލިކުރަން ޖެހޭނެ އެވެ. އެކަމަކު އެއްވަރުވިނަމަވެސް ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ބަލިވެއްޖެނަމަ ދެން ޖެހޭނީ އެހެން ޓީމުތަކުގެ ނަތީޖާ އެގެންދެން މަޑުކުރާށެވެ. ނޯތު މެސެޑޯނިއާ މިހާރުވަނީ ދެވަނަ ބުރަށް ނުގޮސް ކަޓާފައެވެ.

 ގްރޫޕް ޑީ

ކުރިއަށް އޮތް ދެމެޗް: ކްރޮއޭޝިއާ – ސްކޮޓްލެންޑް ، ޗެކްރިޕަބްލިކް – އިނގިރޭސިވިލާތް (22 ޖޫން)

ޗެކް ރިޕަބްލިކް އިނގިރޭސިން އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ގްރޫޕުގެ އެއްވަނައިގައި ދެވަނަބުރަށް ދާނެއެވެ. ބަލިވިޔަސް ތިންވަނައަށް ވުރެ ދަށަކަށް ނުދާނެ އެވެ. އެހެންކަމުން ޗެކް ރިޕަބްލިކަށް ދެވަނަ ބުރު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ގްރޫޕުގެ އެއްވަނަ ހޯދަން ބޭނުންނަމަ އިނގިރޭސިންނަށް ޖެހޭނީ ޗެކް ޓީމު ބަލިކުރާށެވެ. އެމެޗުން ބަލިވިނަމަވެސް މިހާރު ވެސް އެ ޓީމަށް ހަތަރު ޕޮއިންޓް ހަމަވެފައިވުމާއެކު ދެވަނަ ބުރުގެ ފުރުސަތު  އިނގިރޭސިންނަށްވެސް ވަރަށް ބޮޑެވެ. ކްރޮއޭޝިއާއަށް އޮތީ ސްކޮޓްލެންޑް ބަލިކުރުމެވެ. އޭރުން އެމީހުންނަށްވެސް ހަތަރު ޕޮއިންޓް ހަމަވާނެއެވެ. ހަމަ އެގޮތަށް ސްކޮޓްލެންޑުން ކްރޮއޭޝިޔާ ބަލިކޮށްފިނަމަ ކްރޮއޭޝިޔާއަށް ފުރުސަތު ގެއްލި ސްކޮޓްލެންޑަށް ދެވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށްހެން ހުޅުވިގެންދާނެއެވެ.

ގްރޫޕް އީ

ކުރިއަށް އޮތް ދެމެޗް: ސްލޮވާކިއާ – ސްޕެއިން ،  ސްވިޑުން – ޕޮލެންޑް (ޖޫން 23)

ސްވިޑުން އަށް ޕޮލެންޑް މެޗް އެއްވަރުކޮށްލައިގެންވެސް ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގައި އޮވެ ދެވަނަ ބުރަށް ދެވޭނެއެވެ. އަދި ސްވިޑުން ބަލިވި ނަމަވެސް 1-0ގެ ސްކޯއިން ފިޔަވައި އެއްގޯލު ތަފާތެއް އަންނަ އެހެން ސްކޯއަކުން ބަލިވެ ގްރޫޕުގެ އަނެއް މެޗު އެއްވަރުވެގެން ނިމިއްޖެނަމަ ސްވިޑުން ކޮލިފައިވާނެއެވެ. ސްވިޑުން އިން ޕޮލެންޑް ބަލިކޮށްފިނަމަ ނުވަތަ ދެމެޗުވެސް އެއްވަރުވެއްޖެނަމަ ސްވިޑުން އަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. ސްވިޑުން އަށް މިހާރުވެސް ހަތަރު ޕޮއިންޓް ލިބިފައިވުމާއެކު ތިންވަނައިގައި އޮވެގެންވެސް ދެވަނަ ބުރަށް ދެވުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑެވެ. ސްލޮވާކިއާއިން ސްޕެއިން ބަލިކޮށް އަދި ސްވިޑުން އަށް މޮޅު ނުވެވިއްޖެނަމަ ސްލޮވާކިއާއަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. ސްލޮވާކިއާ ކުރިއަށް އޮތް މެޗް އެއްވަރުކޮށްފިނަމަ ހަތަރު ޕޮއިންޓް ލިބޭނެއެވެ. އޭރުންވެސް އެޓީމު ދެވަނަ ބުރަށް ނުގޮސް ކެޓުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ. ސްލޮވާކިއާ ބަލިވިނަމަވެސް ޕޮލެންޑް މޮޅުނުވެއްޖެނަމަ ސްލޮވާކިއާއަށް ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދިއުމުގެ ފުރުސަތުވެސް  ފަހަރެއްގައި ލިބިދާނެއެވެ. ސްޕެއިނަށް އޮތީ ސްލޮވާކިއާ ބަލިކުރުމެވެ. އޭރުން ސްވިޑުންގެ މެޗުން އެމީހުން ބަލިވެއްޖެނަމަ ސްޕެއިނަށް އެއްވަނަ ލިބޭނެއެވެ. ސްވިޑުންއާ ޕޮލެންޑް އެއްވަރުވެއްޖެނަމަ ގޯލުގެ ތަފާތުންވެސް ފަހަރެއްގައި ސްޕެއިނަށް އެއްވަނަ ލިބިދާނެއެވެ. ސްޕެއިން ފަހުމެޗުން އެއްވަރުވެއްޖެނަމަ ތިންވަނައިގައި އޮވެ ފަހަރެއްގައި ދެވަނަ ބުރަށް ދެވިދާނެއެވެ. އެކަމަކު އެހާލަތުގައި ސްވިޑުން އަތުން ޕޮލެންޑު މޮޅުވެއްޖެނަމަ ސްޕެއިން ގްރޫޕުގެ ފުލަށްދާނެއެވެ. ފަހުމެޗުން ސްޕެއިން ބަލިވެއްޖެނަމަވެސް އެމީހުން ކަޓާނެއެވެ.

 

ގްރޫޕް އެފް

 ކުރިއަށް އޮތް ދެމެޗް: ޖަރުމަނު – ހަންގޭރީ ، ޕޯޗްގަލް – ފްރާންސް (ޖޫން 23)

ފްރާންސުން ޕޯޗްގަލް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. އެކަމަކު ޕޯޗްގަލްއާ އެއްވަރުވިޔަސް އެޓީމު ކޮލިފައިވާނެއެވެ. އެމެޗުން ބަލިވިޔަސް ގުރޫޕުގެ އަނެއް މެޗު އެއްވަރުވެއްޖެނަމަ ދެވަނަ ބުރަށް ދާނެއެވެ. މިހާރުވެސް ހަތަރު ޕޮއިންޓް ލިބިފައިވުމާއެކު ފްރާންސް ދެވަނަ ބުރަށް ނުގޮސް ކެޓުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ޖަރުމަނު މޮޅުނުވެއްޖެނަމަ އެއް ޕޮއިންޓް ހޯދައިގެންވެސް ފްރާންސަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. ޖަރުމަނު ހަންގޭރީ ބަލިކޮށްފިނަމަ އެޓީމުވެސް ދެވަނަބުރަށް ދާނެއެވެ. ޕޯޗްގަލް މޮޅުނުވެއްޖެނަމަ ޖަރުމަނަށް އެއްވަނައިގައި ނުވަތަ ދެވަނައިގައި އޮތުމަށް އެއް ޕޮއިންޓްވެސް ފުދޭނެއެވެ. ޖަރުމަނު އެމެޗުން ބަލިވެއްޖެނަމަ ދެން ފުރުސަތު އޮންނާނީ ޕޯޗްގަލް ބަލިވެ ތިން ވަނައިގެ ގަދަ 4 ޓީމުގެ ތެރޭގައި ހިމެނިއްޖެނަމައެވެ. ފަހު މެޗުގައި ފްރާންސާއި ދެކޮޅަށް ނިކުންނައިރު އމެޗުން މޮޅުވެގެން ދެވަނަބުރަށް އެޓީމަށް ދެވޭނެއެވެ. ޖަރުމަނު ބަލިވެއްޖެނަމަ ޕޯޗްގަލް އަށް ފްރާންސް މެޗު އެއްވަރުކޮށްގެންވެސް ދެވަނަ ބުރަށް ދެވިދާނެއެވެ. އެކަމަކު އެޓީމު ބަލިވެ ހަންގޭރީ މޮޅުވެއްޖެނަމަ ޕޯޗްގަލް ކަޓާނެއެވެ. ޕޯޗްގަލް ބަލިވެ ހަންގޭރީވެސް ބަލިވެއްޖެނަމަ ތިންވަނައިގައި އޮވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހަރެއްގައި ޕޯޗްގަލްއަށް ލިބިދާނެއެވެ. ހަންގޭރީއަށް ކުރިއަށް ދިއުމަށް ޖަރުމަނު ބަލިކުރަން މަޖުބޫރެވެ. މިހާލަތުގައި ޕޯޗްގަލް ބަލިވެއްޖެނަމަ ހަންގޭރީ ދެވަނަބުރަށް ދާނެއެވެ. ޕޯޗްގަލް މޮޅުވެއްޖެނަމަ ފްރާންސަށްވުރެ ގޯލްގެ ތަފާތު ރަނގަޅުކުރަން ހަންގޭރީއަށް މުހިއްމެވެ. އެކަމަކު އެހާލަތުގައި ހަންގޭރީއަށް ހަތަރު ޕޮއިންޓް ހަމަވާތީ ގުރޫޕުގެ ތިންވަނާގައި އޮވެގެންވެސް ދެވަނަބުރަށް ދެވިދާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *