ހިލޭ ޓްރާންސްފާއެއްގައި ޑިޕާއި ބާސެލޯނާ އަށް

Advertisement

ހިލޭ ޓްރާންސްފާއެއްގައި ޑިޕާއި ބާސެލޯނާ އަށް

ޢަލީ ޝަހީމް

ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ހިލޭ ޓްރާންސްފާއެއްގައި ވަރުގަދަ ބާސެލޯނާއާ ގުޅިއްޖެ އެވެ. ޑިޕާއި ބާސެލޯނާއާ ގުޅުނުކަން އެ ކްލަބުން މިރޭ ވަނީ ރަސްމީކޮށް އާއްމުކޮށްފަ އެވެ.

ބާސެލޯނާގެ ފަރިތަކުރުންތަކާ ޑިޕާއި ގުޅޭނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމުމުންނެވެ. އޭނާ ލިޔޯނާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އެ ކްލަބުގެ އެއްބަސްވުން ޑިޕާއި އާނުކުރީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާ އަށް ފާރަލަމުން ދިއުމާ ގުޅިގެންނެވެ. ބާސެލޯނާ އަށް ޑިޕާއި ބަދަލުވީ އެޓީމުގެ ކޯޗު ރޮނާލްޑޯ ކޫމަންއާ އެކު މަސައްކަތްކުރަން ބޭނުންވުމުންނެވެ. ކޫމަން ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރިއިރު ޑިޕާއި ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

Advertisement

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދާފައިވާއިރު އެންމެ ފަހުން އެޓީމު އޮސްޓްރިއާ އަތުން 2-0 އިން މޮޅުވި މެޗުގައި ޑިޕާއި ވަނީ ޕެނަލްޓީއަކުން ލަނޑު ޖަހައިފަ އެވެ.

ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް 27 އަހަރުގެ ޑިޕާއި ބާސެލޯނާ އަށް ބަދަލުމިވީ ލިޔޯންގައި ހަތަރު ސީޒަން ހޭދަކުރުމަށްފަހު އެވެ. އެ ކްލަބަށް ކުޅެދިން 178 މެޗުގައި ޑިޕާއި ވަނީ 76 ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ޑީޕާއި ވަނީ ލިޔޯނަށް 20 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ލިޔޯނަށް 2017 ވަނަ އަހަރު ޑިޕާއި ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑްގައި ދެ ސީޒަން ހޭދަކުރުމަށް ފަހު އެވެ. ފުރަތަމަ ކްލަބް ޕީއެސްވީ އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާ އެކު ޑިޕާއި ޔުނައިޓެޑަށް ގެންދިޔައީ ލުއި ވެން ހާލްގެ ކޯޗުކަމުގަ އެވެ. އެކަމަކު ހަތް ނަންބަރު ޖާޒީގައި ޑިޕާއި އަށް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ނުދެއްކި އޭނާ ވީ ފްލޮޕަކަށެވެ.

ޑިޕާއި އަކީ ބާސެލޯނާ އިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ހޯދި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމުން ވަނީ މެންޗެސްޓަރ ސިޓީގެ ލެޖެންޑް ސާޖިއޯ އަގުއޭރޯ އާއި އެރިކް ގާސިއާ ހިލޭ އެޓީމަށް ގެނެސްފަ އެވެ. މި ތިންކުޅުންތެރިންގެ އިތުރުން ބާސެލޯނާ އިން ވަނީ ރެއާލް ބެޓިސްގެ ޑިފެންޑަރު އެމަސަން އެޓީމަށް ގަނެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *