އާޖެންޓީނާ އިން އުރުގުއޭ ބަލިކޮށް އިތުބާރު ހޯދައިފި
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިއަދު ފަތިހު ކުޅުނު މެޗްގައި އުރުގުއޭގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދައިފި އެވެ. ބްރެޒިލްގެ ވެރިރަށުގައި ކުޅުނު މި މެޗްގައި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އާ ވާދަކޮށް އާޖެންޓީނާ މޮޅުވީ 0-1 އިންނެވެ.
އާޖެންޓީނާ އިން އުރުގުއޭގެ މައްޗަށް ހޯދި ކާމިޔާބާ އެކު އެ ޓީމު މިހާރު އޮތީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ރޭ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗްގައި ބޮލީވިއާ އާ ވާދަކޮށް 0-1 އިން ކުރި ހޯދި ޗިލީ އެވެ. ޗިލީ ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އާޖެންޓީނާގެ ފަހަތުގައި ޗިލީ އޮތީ ހަމައެކަނި އިނގިރޭސި އަލްފަބެޓިކްގެ ތަރުތީބުން އަތުރާލެވިފައި ވުމުންނެވެ. މުބާރާތުގައި މި ދެޓީމް މިހާތަނަށް ވާދަކޮށްފައިވާ އިރު އެ މެޗް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ މިހާތަނަށް މުބާރާތުގައި އަދި އެންމެ މެޗެއް ކުޅެފައިވާ ޕެރަގުއޭ އެވެ.
އާޖެންޓީނާ އާއި އުރުގުއޭ ވާދަކުރި މެޗްގައި އާޖެންޓީނާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނަލް މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ސްޕެއިންގެ ރެއާލް ބެޓިސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ގީޑޯ ރޮޑްރިގޭޒް އެވެ. މިއީ އުމުރުން 27 އަހަރުގެ ރޮޑްރިގޭޒް އާޖެންޓީނާ އަށް މިހާތަނަށް ކާމިޔާބުކޮށްދިން ހަމައެކަނި ގޯލެވެ. މި މެޗްގައި ކެޕްޓަން މެސީ އަށް ގޯލެއް ކާމިޔާބުނުކުރެވުނު ނަމަވެސް މެޗްގެ ފަހު ކޮޅު މެސީ ވަނީ އުރުގުއޭގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފަ އެވެ. އަދި މެޗް ފަށައިގެން ހަތްވަނަ މިނެޓްގައި މެސީ ފޮނުވާލި ބާރު ހަމަލާއެއް އުރުގުއޭގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.މިއީ މުބާރާތުގައި އުރުގުއޭ އިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗްގައި އުރުގުއޭ އަށް އާޖެންޓީނާގެ ޑިފެންސް ލައިންގެ ކުރިމަތީގައި މާބޮޑު ކަމެއް ނުކުރެވުނު އިރު ފުރަތަމަ ހާފްގައި ޕެނަލްޓީއަކަށް އެ ޓީމުންކުރި އެޕީލްވެސް ވަނީ ނާކާމިޔާބުވެފަ އެވެ. މި މެޗްގައި އުރުގުއޭގެ އެންމެ ތަޖުރިބާކާރުން ދެ ފޯވާޑުންކަމަށްވާ އެޑިންސަން ކަވާނީ އާއި ލުއިސް ސުއަރޭޒް އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
Advertisement
Leave a Reply
ސުއަރޭޒް ކުޅެންއަރައި ހުރީ ކޮންއިރަކު އޭ ރަނގަޅަށް ބަލާފައި ހަބަރު ލިޔޭ ހެޔޮނުވާނެ