އިންގްލެންޑަށް ސްކޮޓްލެންޑް ބަލިނުކުރެވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ކުޅުނު ދެވަނަ މެޗްގައި އިންގްލެންޑަށް ސްކޮޓްލެންޑްގެ މައްޗަށް ކުރި ހޯދޭގޮތް ނުވުމުން ގްރޫޕްގެ ޓީމްތަކުގެ މެދުގައި ގަދަ 16 އިން ޖާގަ ހޯދުމަށް އޮތް ވާދަވެރިކަން ބޮޑުވެއްޖެ އެވެ. ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑާއި ސްކޮޓްލެންޑް ކުޅުނު މެޗް ރޭ ނިމުނީ 0-0 އން އެއްވަރުވެގެންނެވެ.
1996 ވަނަ އަހަރު އިިންގްލެންޑްގައި އޮތް ޔޫރޯގެ ފަހުން ބޮޑު މުބާރާތެއްގައި އިންގްލެންޑާއި ސްކޮޓްލެންޑް ވާދަކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމާއެކު ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމަކަށްވެސް މުބާރާތުގެ ނޮކައުޓް ސްޓޭޖަށް ދިއުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފަ އެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ގްރޫޕްގެ ފަހު މެޗްތައް ކުޅެން ހަމަޖެހިފައިވާ އިރު ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ގޯލްގެ ތަފާތުން މިވަގުތު އޮތީ ޗެކް ރިޕަބްލިކެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބެގެން ދެވަނައިގައި އިންގްލެންޑް އޮތް އިރު ގްރޫޕްގެ ފަހު ދެ މެޗްގެ ތެރެއިން އެއް މެޗްގައި ވާދަކުރަން ހަމަޖެހިފައި އޮތީވެސް އިންގްލެންޑާއި، ޗެކް ރިޕަބްލިކެވެ. އަނެއް މެޗްގައި ވާދަކުރާނީ އެއް ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އާއި ފުލުގައި ހަމަ އެ ދަދަށް ޕޮއިންޓް ލިބިފައި އޮތް ސްކޮޓްލެންޑެވެ.
22 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު އިންގްލެންޑާއި ސްކޮޓްލެންޑް ވާދަކުރި މެޗްގައި ދެ ޓީމަށް ވެސް ގޯލްޖަހަން ރަގަޅު ފުރުސަތުތައް ލިބުނެވެ. އޭގެ ތެރެއިން އިންގްލެންޑަށް ލިބުނު އެއް ފުރުސަތުގައި މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ޑިފެންޑަރު ޖޯން ސްޓޯންސް ފޮނުވާލުމުން ޖެހުނީ ގޯލްގެ ދަނޑީގަ އެވެ. ސްކޮޓްލެންޑަށް މެޗްގައި ލަނޑު ޖަހަން ލިބުނު ރަގަޅު ދެ ފުރުސަތެއްގެ ތެރެއިން އެއް ފުރުސަތުގައި އެ ޓީމްގެ ސްޓެފަން އޯ ޑޮނެލް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ހުށިޔާރުކަމާއެކު މަތަކުރި އިރު އިރު އެހެން ފުރުސަތެއްގައި ސްކޮޓްލެންޑްގެ ލިންޑަން ޑައިކްސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިންގްލެންޑްގެ ރީސް ޖޭމްސް ވަނީ ގޯލް ރަގުމަތިން ކަހަލަ ގޮތަކަށް ދިފާއުކޮށްފަ އެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު ފުރަތަމަ މެޗްވެސް ނިމުނީ އެއްވަރުވެގެންނެވެ. ޗެކް ރިޕަޕްލިކާއި ކްރޮއޭޝިއާ ވާދަކުރި މި މެޗް 1-1 އިން އެއްވަރުވެގެން ނިމުނު އިރު ކްރޮއޭޝިއާ އިން މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓްގައި ޗެކް ރިޕަބްލިކުން ލަނޑެއް ޖަހައިފައިވަނިކޮށް މެޗްގެ ފަހު ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
Advertisement


Leave a Reply