ބޮޑު ތަފާތަކުން ޕެރޫ ބަލިކޮށް ބްރެޒިލް ހާސްކަމެއް ނެތި ކުރިއަށް

Advertisement

ބޮޑު ތަފާތަކުން ޕެރޫ ބަލިކޮށް ބްރެޒިލް ހާސްކަމެއް ނެތި ކުރިއަށް

ޢަބްދުﷲ އަޝްރަފް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގް ގްރޫޕް ބީ ގައި ޕެރޫ އާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ. މިއަދު ފަތިހު ބްރޒިލްގައި ކުޅުނު މި މެޗްގައި ޕެރޫގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-4 އިންނެވެ.

ޕެރޫގެ މައްޗަށް ބްރެޒިލުން ހޯދި މޮޅާއެކު އެ ޓީމް މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. އެ ޓީމުން ވަނީ މުބާރާތް ހުޅުވި މެޗްގައި ވެނެޒުއޭލާ އާ ވާދަކޮށް ތިން ގޯލް ޖަހައިގެން މޮޅުވެފަ އެވެ. ރޭ މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗްގައި ވެނެޒުއޭލާ އާއި ކޮލަމްބިއާ ބައްދަލުކޮށްފައިވާ އިރު އެ މެޗް ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. ފަސް ޓީމް ހިމެނޭ މި ގްރޫޕްގެ ދެވަނައިގައި އޮތީ  ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައިވާ ކޮލަމްބިއާ އެވެ. ދެ މެޗް ކުޅެގެން ލިބުނު އެއް ޕޮއިންޓާ އެކު ވެނެޒުއޭލާ ތިންވަނައިގައި އޮތް އިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފަހަތުގައި އޮތް ޕެރޫ އާއި އެކުއެޑޯ އިން އަދި މި މުބާރާތުގައި ކުޅެފައިވަނީ އެންމެ މެޗެކެވެ.

މުބާރާތުގައި ބްރެޒިލުން ކުޅުނު ދެވަނަ މެޗްގައި އެ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 12 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު އެލެކްސް ސަންޑްރޯ އެވެ. އޭގެ ފަހުން ބްރެޒިލަށް ދެވަނަ ލަނޑެއް ކާމިޔާބުކުރެވޭ ވަރުވީ މެޗްގެ ފަހު ހާފުގެ ވެސް 20 މިނެޓް ކުޅުނު ފަހުންނެވެ. މެޗްގައި ބްރެޒިލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖެހީ ފުރަތަމަ މެޗްގައިވެސް ބްރެޒިލަށް ގޯލެއް ކާމިޔާބުކޮށްދިން އެ ޓީމްގެ ތަރި ނޭމާ އެވެ.

މިއަދު ފަތިހު ކުޅުނު މެޗްގައި ބްރެޒިލުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކުރީ މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ފްލެމެންގޯއަށް ކުޅެމުން އަންނަ 32 އަހަރުގެ މިޑްފީލްޑަރު އެވަޓޮން ރިބޭރޯ ކާމިޔާބުކުރި އިރު މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ފަހު ލަނޑު ޖަހައިދީފައިވަނީ އެވަޓަންއަށް ކުޅެމުން އަންނަ ފޯވާޑް ރިޗާލިސަން އެވެ.

ކޮޕަ އެމެރިކާ މުބާރާތުގައި މިރޭވެސް ދެ މެޗް ކުޅޭނެ އެވެ. ރާއްޖޭގެ ގަޑިން މެންދަމު 2 ޖަހާއިރު ކުޅޭ މެޗްގައި ޗިލީ އާއި ބޮލީވިއާ ބައްދަލުކުރާއިރު ފަތިހު 5 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އާއި އާޖެންޓީނާ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *