13 އަހަރަށްފަހު ނެދަލޭންޑްސް ފުރަތަމަ ފަހަރަށް ނޮކައުޓް ސްޓޭޖަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ އޮސްޓްރިއާ އާ ވާދަކޮށް ކުޅުނު މެޗް ކާމިޔާބުކޮށް ނެދަލޭންޑްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ. މިއީ 2008 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނެދަލޭންޑްސްއަށް ކުރިއަށްދެވުނު ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ފުޓްއބޯޅަ މުބާރާތުންވެސް ފުރުސަތު ނުލިބުނު ނެދޭންޑްސް އިން ރޭގެ މެޗްގައި އޮސްޓްރިއާގެ މައްޗަށް ކުރޮ ހޯދީ 0-2 އިންނެވެ. މި ނަތީޖާއާއެކު ގްރޫޕްގް ފުރަތަމަ މެޗްގައި ޔޫކްރެއިން އަތުން 2-3 އިން މޮޅުވި ނެދަލޭންޑްސްއަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަހު މެޗްގައި ނެދަލޭންޑްސް ބައްދަލުކުރާނީ މުބާރާތުގައި މިހާތަނަށް ދެ މެޗް ކުޅެ ޕޮއިންޓެއް ލިބިފައި ނުވުމުގެ ސަބަބުން ގްރޫޕްގެ ފުލުގައި އޮތް ނޯތު މެސެޑޯނިއާ އެވެ.
ރޭ އަމިއްލަ ގައުމުގައި 12 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ނެދަލޭންޑްސްއިން ކުޅުނު މެޗްގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗްގެ 11 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޮސްޓްރިއާގެ ޑޭވިޑް އަލަބާ ނެދަލޭންޑްސްގެ ކުޅުންތެރިއަކު ވައްޓާލުމާ ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި މެންފިސް ޑިޕާއި އެވެ. މެޗްގައި ނެދަލޭންޑްސް އިން ޖެހި ދެވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޕީއެސްވީ އަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ޑިފެންޑަރު ޑެންޒެލް ޑަންފްރީސް އެވެ.
ރޭ މި ގްރޫޕްގައި ކުޅުނު އަނެއް މެޗްގައި ޔޫކްރެއިން އިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ. ޔޫކްރެއިން އާއި އޮސްޓްރިއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް ނަމަވެސް ގޯލްގެ ތަފާތުން މިވަގުތު ކުރީގައި އޮތީ ޔޫކްރެއިން އެވެ.
Advertisement
Leave a Reply