ފަހަތުން އަރައި ޑެންމާކް ބަލިކޮށް ބެލްޖިއަމް އަނެއް ބުރަށް

Advertisement

ފަހަތުން އަރައި ޑެންމާކް ބަލިކޮށް ބެލްޖިއަމް އަނެއް ބުރަށް

ޢަލީ ޝަހީމް

ފަހަތުން އަރައި 2-1 އިން ޑެންމާކް ބަލިކޮށް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ބެލްޖިއަމުން ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބެލްޖިއަމުން ވަނީ 3-0 އިން ރަޝިއާ ބަލިކޮށްފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި 6 ޕޮއިންޓާ އެކު ބެލްޖިއަމް އޮތްއިރު ދެ ވަނައިގައި އޮތް ފިންލެންޑާއި ތިން ވަނައިގައި އޮތް ރަޝިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ބަލިވެ ޑެންމާކަށް މިހާރު ވަނީ މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ޑެންމާކްގައި ކުޅުނު މެޗުގައި ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ކްރިސްޓިއަން އެރިކްސަނަށް އިހުތިރާމް އަދާކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިން ބެލްޖިއަމް ކުޅުންތެރިން ސޮއިކޮށްފައިވާ އެރިކްސަންގެ ޖާޒީއެއް ޑެންމާކަށް ހަދިޔާކުރިއިރު އެރިކްސަނަށް ހިތްވަރުދިނުމުގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ކުޑަ ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލި އެވެ. އެރިކްސަން ދަނޑުމައްޗަށް ވެއްޓި އަވަސް ފަރުވާދިނީ ފިންލެންޑް އަތުން އެޓީމު ބަލިވި މެޗުގަ އެވެ.

Image

މިރޭގެ މެޗުގެ ފަށައިގެން ދެ މިނެޓު ނުވަނީސް ފޯވާޑް ޔޫސުފް ޕޮލްސަންގެ ގޯލުން ޑެންމާކުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 99 ވަނަ ސިކުންތުގައި ޖެހި ގޯލާ އެކު ޕޮލްސަން ވެފައިވަނީ ޔޫރޯގެ ތާރީހުގައި ދެ ވަނަ އަށް އެންމެ އަވަސް ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް އޮތީ 2004 ވަނަ އަހަރުގެ ޔޫރޯގައި 65 ވަނަ ސިކުންތުގައި ގްރީސް ކޮޅަށް ގޯލު ޖެހި ރަޝިއާގެ ޑިމިޓްރީ ކްރިޗެންކޯ އަތުގަ އެވެ.

ލީޑު ނެގުމަށްފަހު ވެސް ޑެންމާކުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ބެލްޖިއަމްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ބެލްޖިއަމަށް ފުރަތަމަ ހާފުގައި އެދެވޭ ކުޅުމެއް ނުދެއްކުނުއިރު ޑެންމާކްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވައެއްނުލެވުނެވެ. އެކަމަކު ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ހިމަނައިގެން ދެ ވަނަ ހާފު ފަށައި ބެލްޖިއަމުން ވަނީ މުޅި މެޗު އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. އަނިޔާގެ ސަބަބުން ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑި ބްރޭނާ ކުޅެފައެއްނުވެ އެވެ.

ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑް އެވެ. ޑި ބްރޭނާގެ ވިސްނުންތެރިކަމާ އެކު ދިން ބޯޅަ ހަޒާޑް ގޯލަށް ވައްދާލީ ހުހަށް ހުރެ އެވެ. ބެލްޖިއަމް ލީޑު ނެގި ލަނޑު އެޑެން ހަޒާޑްގެ އެހީތެރިކަމާ އެކު މެޗުގެ 70 ވަނަ މިނެޓުގައި ޖެހީ ޑި ބްރޭނާ އެވެ.

ޔޫރޯގައި މިއަދު ހަވީރު ޔޫކްރޭން ވަނީ 2-1 އިން ނޯތު މެސެޑޯނިއާ ބަލިކޮށް ގަދަ 16 އަށް ދިއުމުގެ އުއްމީދު އާކޮށްފަ އެވެ. މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް އާއި އޮސްޓްރިއާ ވާދަކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *