ޔޫރޯ 2020: ފަހު ވަގުތު ނެދަލެންޑްސް އިން ޔޫކްރޭން ބަލިކޮށްފި
ޔޫއެފާ ޔޫރޯ 2020 ގައި ރޭ ނެދަލެންޑްސް އިން 2-3 އިން ޔޫކްރޭން ބަލިކޮށްފި އެވެ.
ނެދަލެންޑްސްގެ އަމްސްޓެޑަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ހުރިހާ ލަނޑެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ނެދަލެންޑްސް އިން ދެ ލަނޑު ޖަހާފައިވަނިކޮށް ޔޫކްރޭނުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެކަމަކު ނެދަލެންޑްސް އިން ވަނީ މެޗުގެ ފަހު ވަގުތު އިތުރު ގޯލެއް ޖަހައި މޮޅު ކަށަވަރުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން މޮޅަށް ކުޅުނުއިރު އެޓީމުން އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ޔޫކްރޭންގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މި ހާފުގައި ޔޫކްރޭނުން ބޮޑަށް ކުޅުނީ ޑިފެންސަށް އިސްކަންދީގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި ޖެހީ ގިނީ ވައިނަލްޑަމް އެވެ. ލިވަޕޫލް ދޫކޮށް ދާދިފަހުން ޕީއެސްޖީ އަށް ބަދަލުވި ވައިނަލްޑަމް އަކީ ނެދަލެންޑްސް ޓީމުގެ މިފަހަރުގެ ކެޕްޓަނެވެ. ފުރަތަމަ ލަނޑަށް ފަހު ވެސް ނެދަލެންޑްސް އިން ވަނީ މޮޅަށް ކުޅެ ހަމަލާތައް އިތުރުކޮށްފަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ވައުޓް ވެގްހޯސްޓް އެވެ.
ނެދަލެންޑްސް ފަސޭހައިން މެޗު ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް ގާތްގާތުގައި ދެ ލަނޑު ޖަހައި ޔޫކްރޭނުން 2-2 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. 75 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު އަންދްރޭ ޔާމަލެންކޯ ޖެހިއިރު އެއްވަރުކުރި ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ޖެހީ ރޯމަން ޔަރެމްޗުކް އެވެ. ނެދަލެންޑްސް މެޗުން މޮޅުވި ލަނޑު 85 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ ޑެންޒެއި ޑަމްފްރިސް އެވެ.
ޔޫރޯގައި ރޭ 9 ޖެހިއިރު ކުޅުނު މެޗުގައި އޮސްޓްރިއާ ވަނީ 3-1 އިން ނޯތު މެސެޑޯނިއާ ބަލިކޮށްފަ އެވެ. މިއީ ނޯތު މެސެޑޯނިއާ ޔޫރޯ އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މި ދެޓީމު ވެސް ހިމެނެނީ ނެދަލެންޑްސް އާއި ޔޫކްރޭންއާ އެކު ގްރޫޕް ސީގަ އެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު 6 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލެންޑާއި ޗެކްރި ޕަބްލިކް އެވެ. އޭގެފަހުން ކުޅޭނީ ގްރޫޕް އީގެ ދެ މެޗެވެ. 9 ޖަހާއިރު ޕޮލެންޑާއި ސްލޮވާކިއާ ވާދަކުރާއިރު 12 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ސްޕެއިން އާއި ސްވިޑެން އެވެ.
Advertisement
Leave a Reply