ހިތް ހަލާކުވި ސެމީގެ ހަނދާންތަކާއެކު އިންގްލެންޑް މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންގްލެންޑުން މިރޭ ވެމްބްލީ ސްޓޭޑިއަމްގައި މިއަދު ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.
އަމިއްލަ ގައުމުގައި އެތައް ޒަމާނަކަށް ފަހު ޔޫރޯގެ މެޗެއް އިންގްލެންޑުން ކުޅޭއިރު މިއީ ވެސް އެހެން ފަހަރުތަކެކޭ އެއްގޮތަށް އެޓީމުން ތަށްޓަށް އަމާޒުހިފާ މުބާރާތެކެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ ވާދަވެރި މެޗުގެ ކުރިން ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ކެންސަލްވީ ޑެންމާކްގެ ކްރިސްޓިއަން އެރިކްސަނަށް ލިބުނު ގެއްލުމާ ގުޅިގެންނެވެ. އެރިކްސަން އަކީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއާ އެކު ގިނަ އަހަރުތަކެއް ވަންދެން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ތަށި ފަހުގެ ތާރީހެއްގައި ނުލިބި، އިންގްލެންޑަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާ ގައުމެކެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ފައިނަލުގައި އެޓީމު އެންމެ ފަހުން ވާދަކުރީ 1966 ވަނަ އަހަރު އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނަތީޖާތައް ރަނގަޅުކޮށް އިންގްލެންޑް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެދުވަހު ސެމީ ފައިނަލުގައި ހިތްދަތި ގޮތަކަށް 2-1 އިން ބަލިވީ މިއަދު އެޓީމާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާ އަތުންނެވެ.
މެޗަށް ނުކުންނައިރު އިންގްލެންޑުގެ ހެރީ މެގުއާ ވަނީ އަނިޔާއަށް ފަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނޭނެކަމަކަށް ނުބެލެވެ އެވެ. މެއި 9 ވަނަ ދުވަހު މެގުއާގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން ސީޒަނުގެ ބާކީ ބައިގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުތައް އޭނާ އަށް ގެއްލުނެވެ. އޭގެ ތެރޭގައި ޔޫއެފާ ޔޫރޮޕާ ލީގުގައި ވިޔަރެއާލް އަތުން ޔުނައިޓެޑް ބަލިވި މެޗު ވެސް ހިމެނެ އެވެ. މެގުއާގެ އިތުރުން ގޯލްކީޕަރު ޑީން ހެންޑަސަން ވެސް ހުރީ އަނިޔާގަ އެވެ. އަދި، އަނިޔާގެ ސަބަބުން ސީޒަނުގެ ފަހުކޮޅުގެ މެޗުތައް ގެއްލުނު ޖޯޑެން ހެންޑަސަން މިހާރު އަންނަނީ ޓީމާ އެކު ފަރިތަކުރަމުންނެވެ.
ދެޓީމުގެ ތަފާސް ހިސާބު
މީގެ ކުރިން މި ދެގައުމު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފައި ވަނީ އެންމެ ދެ ފަހަރު އެވެ. 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން 4-2 އިން ކްރޮއޭޝިއާ ބަލިކުރިއިރު ކްރޮއޭޝިއާ އިން އިންގްލެންޑް ބަލިކުރީ އެންމެ ފަހުގެ ވޯލްޑް ކަޕްގަ އެވެ.
މިއީ އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 10 ވަނަ ފަހަރެވެ. އިންގްލެންޑް ވެފައިވަނީ އެންމެ ގިނައިން މުބާރާތުގައި ވާދަކޮށް ފައިނަލުގެ ޖާގައެއް ލިބިފައިނުވާ ޓީމަށެވެ. މިދިޔަ ނުވަ މުބާރާތުގައި އެޓީމުން 31 މެޗު ކުޅެފައިވެ އެވެ. އަނެއްކޮޅުން އިންގްލެންޑަށް މިއަދު ލިބޭނެ ހިތްހަމަޖެހުމަކީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވާ ބައިނަލްއަގްވާމީ މުބާރާތެއްގެ މެޗެއްގައި އެގައުމު ބަލިވެފައި ނުވުމެވެ. އެ ދަނޑުގައި ހަތް މެޗުން މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެން އޮތީ މުބާރާތުގެ ފުރަތަމަ މެޗަށް ބަލާއިރު އިންގްލެންޑަށް ލިބޭ ނުތަނަވަސް ކަމެކެވެ. މިހާތަނަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅެއް ލިބިފައެއްނުވެ އެވެ. ފަސް މެޗުން ބަލިވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އިންގްލެންޑާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ޓީމެކެވެ. ފައިނަލުގައި ފްރާންސް އަތުން ބަލިވި ނަމަވެސް އެޓީމަށް ތައުރީފް އޮހުނެވެ. ހާއްސަކޮށް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލޫކާ މޮޑްރިޗަކީ މިފަހަރުގެ މުބާރާތުގައި ވެސް އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.
މިފަހަރުގެ މުބާރާތަކީ ކްރޮއޭޝިއާ އިން ޖެހިޖެހިގެން ޔޫރޯގައި ވާދަކުރާ 5 ވަނަ ފަހަރެވެ. ފަހަކަށް އައިސް ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ބަރާބަރަށް ވާދަކޮށް އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިދިޔަ މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެޓީމު ބަލިވީ ދެ މެޗުންނެވެ. އެއީ 2012 ވަނަ އަހަރު ސްޕެއިންއާ ވާދަކުރި މެޗާއި 2016 ވަނަ އަހަރު ޕޯޗުގަލްއާ ވާދަކުރި މެޗެވެ.
ޔޫރޯގައި އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 6 ޖަހާއިރު އެވެ. މުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި އޮސްޓްރިއާ އާއި ނޯތު މެސަޑޯނިއާ ވާދަކުރާއިރު މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި ޔޫކްރޭން އެވެ.
Advertisement
Leave a Reply