އެރިކްސަންގެ ހާލު ރަނގަޅު، މެޗު އަލުން ފަށަނީ
ްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ވެއްޓުމުން މެދުކަނޑާލި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލެންޑާއި ޑެންމާކް ވާދަކުރާ މެޗު މިރޭ ކުރިއަށްގެންދަން ޔޫއެފާއިން ނިންމައިފި އެވެ.
ޔޫއެފާއިން ދެންމެ އާއްމުކުރި ބަޔާނެއްގައި ބުނީ ދެޓީމުގެ ކުޅުންތެރިންގެ ރިކުއެސްޓްތަކަށް ބެލުމަށްފަހު މެޗު ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. ޔޫއެފާއިން ބުނީ އެންމެ ފުރަތަމަ ކުޅޭނީ ފުރަތަމަ ހާފުގެ ނުނިމި އިން ހަތަރު މިނެޓު ކަމަށާއި، އެއަށްފަހު ފަސް މިނެޓުގެ ބްރޭކެއް ދެޓީމަށް ދޭނެ ކަމަށެވެ. އޭގެފަހުން ދެ ވަނަ ހާފުގެ ކުޅުން ފަށަން ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.
އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ ގާތްގަނޑަކަށް 40 ވަރަކަށް މިނެޓު ކުޅުނު ފަހުންނެވެ. އެކަނި ހުރެފައި ދުއްވައިގަތް ވަގުތު އެރިކްސަން ވެއްޓުނުއިރު އޭނާގެ ކައިރީގައި އެވަގުތު ބައެއް ކުޅުންތެރިން ތިއްބެވެ. އަދި އޭނާ ވެއްޓެމުން ދިޔަ ވަގުތު ޑެންމާކުގެ ކުޅުންތެރިއަކު އެއްލި ބޯޅަ އެރިކްސަންގެ ގައިގައި ޖެހޭ މަންޒަރު ފެނެ އެވެ.
އިންޓަ މިލާނަށް ކުޅޭ އެރިކްސަން އަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އެރިކްސަން ވެއްޓުމުން މެޑިކަލް ޓީމުން ވަގުތުން ދަނޑަށް އަރައި އޭނާއަށް ކުއްލި ފަރުވާ ދޭންފެށި އެވެ.
ދެން ފެނުނީ ޑެންމާކްގެ ހުރިހާ ކުޅުންތެރިން ވެއްޓިފައި އޮތް އެރިކްސަން ފަށާލައިގެން ތިބި މަންޒަރެވެ. އެކުޅުންތެރިން ގިސްލަ ގިސްލާފައި ރޮމުންދިޔަ މަންޒަރު ފެނުނުއިރު ފިންލެންޑުގެ ކުޅުންތެރިން ދަނޑުގެ އެކި ހިސާބުތަކުގައި ތިބީ ހުއްޓިފަ އެވެ.
ދެޓީމުގެ ސަޕޯޓަރުން ރޯ މަންޒަރުތައް ޓީވީ ފުޓޭޖްތަކުން ފެނުނުއިރު ރެފްރީންގެ ޓީމާއި ދެޓީމުގެ ކޯޗުންގެ ޓީމު ވެސް ތިބީ ގަނޑުވެފަ އެވެ. އެންމެންގެ ލޮލުން ކަރުނަ ފާއްދާލިއިރު މިއީ ފަހަކަށް އައިސް ފުޓްބޯޅައިން ފެނުނު އެންމެ ހިތާމަވެރި މަންޒަރެވެ.
އެރިކްސެން ދަނޑުން ބޭލުމަށްފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޔޫއެފާއިން ބުނީ އެރިކްސެންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ހޮސްޕިޓަލުގައި އިތުރު ފަރުވާދެމުންގެންދާ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން އެރިކްސަން މިހާރު ހަރަކާތްކުރެ އެވެ.
މި މެޗު އަލުން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 11:30 ގަ އެވެ.
Advertisement
Leave a Reply