ޑި ބްރޭނާ ނުލައި ބެލްޖިއަމުން ތަށްޓަށް ކުރާ ދަތުރު މިރޭ ފަށަނީ

Advertisement

ޑި ބްރޭނާ ނުލައި ބެލްޖިއަމުން ތަށްޓަށް ކުރާ ދަތުރު މިރޭ ފަށަނީ

ޢަލީ ޝަހީމް

ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކެވިން ޑި ބްރޭނާ ނުލައި ބެލްޖިއަމުން މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނާނެ އެވެ.

ބެލްޖިއަމް ހިމެނޭ ގްރޫޕް ބީގައި މިރޭ އެޓީމާ ދެކޮޅަށް ނުކުންނާނީ ރަޝިއާ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޑެންމާކާއި ފިންލެންޑެވެ. ޑި ބްރޭނާ އަށް މިރޭގެ މެޗު ގެއްލުނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ އަތުން މެންޗެސްޓަރ ސިޓީ ބަލިވި މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ އެވެ. ސިޓީ ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާގެ މޫނަށާއި ވާތު ލޮލަށް އަނިޔާވުމުން ކުޑަ ސާޖަރީއެއް ވެސް ވަނީ ކޮށްފަ އެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި އޭނާ މާސްކެއް ބޭނުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

ޑި ބްރޭނާ އަކީ ތަރިން ނިސްބަތްވާ ބެލްޖިއަމް ޓީމުގެ މައި ތަނބެވެ. ގައުމީ ޓީމަށް 80 މެޗު ކުޅެދީފައިވާ ޑި ބްރާނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި މިފަހަރުގެ ޔޫރޯ އަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމުގެ ޝަރަފް ބެލްޖިއަމް ހޯދިއިރު ޑި ބްރޭނާގެ ދައުރު ބޮޑެވެ. ޑި ބްރޭނާގެ އިތުރުން ބެލްޖިއަމްގެ މުހިއްމު މިޑްފީލްޑަރު އެކްޒަލް ވިޓްޒެލް އަށް ވެސް އަނިޔާގެ ސަބަބުން މިރޭގެ މެޗު ގެއްލޭނެ އެވެ.

ރަޝިއާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ އެއް ދުވަސް ކުރިން އެޓީމުގެ މިޑްފީލްޑަރު އަންދްރޭ މޮސްޓޮވޯއީ ކޮވިޑަށް ޕޮޒިޓިވްވުމެވެ. އޭނާގެ ބަދަލުގައި ރަޝިއާ އިން މިހާރު ވަނީ ރޯމަން ޔެވްގެންޔޭވް ސްކޮޑުގައި ހިމަނާފަ އެވެ.

މެޗަށް ނުކުންނައިރު ރަޝިއާގެ ޓީމުގެ ފޯވާޑް އަރްތެމް ޒުބާ އަށް މިއީ ހާއްސަ މުބާރާތެކެވެ. ގައުމީ ޓީމަށް އޭނާ 29 ގޯލު ޖަހައިދީފައިވާއިރު މި މުބާރާތުގައި ދެ ލަނޑު ޖަހައިފިނަމަ އެގައުމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް އޭނާ އަށް ލިބޭނެ އެވެ.

2018 ވަނަ އަހަރު އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ބާއްވައި ރަޝިއާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިރޭ ވެސް ބެލްޖިއަމާ ދެކޮޅަށް އެޓީމު އަމިއްލަ ގައުމުގައި ނުކުތުމަކީ ލިބޭ ހިތްވަރެކެވެ.

ދެޓީމުގެ ތަފާސް ހިސާބު

މިއީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި މި ދެޓީމުގެ ހަ ވަނަ ބައްދަލުވުމެވެ. ފުރަތަމަ ފަސް މެޗުގެ ތެރެއިން ދެ މޮޅު ރަޝިއާ އަށް ލިބުނު އިރު ބެލްޖިއަމުން ވަނީ ތިން ފަހަރު ރަޝިއާ ބަލިކޮށްފަ އެވެ. ރަޝިއާ އަށް ބެލްޖިއަމް ބަލިކުރެވުނީ 1970 ވަނަ އަހަރާއި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ޔޫރޯގައި ބެލްޖިއަމަށް އެންމެ ފަހުން ލިބުނު ކާމިޔާބީއަކީ 1980 ވަނަ އަހަރުގެ ފައިނަލަށް ދަތުރުކުރުމެވެ. އެ ފަހަރު އެޓީމު ބަލިވީ ހުޅަނގު ޖަރުމަނު އަތުންނެވެ. އޭގެފަހުން ކުޅުނު އެއްވެސް މުބާރާތެއްގައި އެޓީމަށް ސެމީ ފައިނަލާ ހަމައަށް ވެސް ނުދެވެ އެވެ. ބެލްޖިއަމް ޔޫރޯ އަށް ކޮލިފައިވީ ގްރޫޕް ސްޓޭޖުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމާ އެއްވަރުގެ ރެކޯޑެއް ކޮލިފައިންގައި ދެން ލިބުނީ އިޓަލީ އަށެވެ. 10 މެޗުގައި 40 ގޯލު ޖެހިއިރު ބެލްޖިއަމް ކޮޅަށް ވަނީ އެންމެ 3 ގޯލެވެ.

ޔޫއެސްއެސްއާރުގެ ނަމުގައި އޮތްއިރު ރަޝިއާ އިން ވަނީ 1960 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭގެފަހުން ކުޅުނު ތިން ފައިނަލުގައި ރަޝިއާ ވަނީ ބަލިވެފަ އެވެ. އެއީ 1964 ވަނަ އަހަރާއި 1972 އަދި 1988 ވަނަ އަހަރު އެވެ. ރަޝިއާގެ ނަމުގައި ޔޫރަޕްގެ ފުޓްބޯޅައިގައި ވާދަކުރަން ފެށިފަހުން އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ސެމީ ފައިނަލަށް ދަތުރު ކުރެވުމެވެ. ސެމީގައި ޗެމްޕިއަން ސްޕެއިން އަތުން އެޓީމު ބަލިވީ 3-0 އިންނެވެ.

ރަޝިއާ އާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ. މިއަދު ކުޅޭ ފުރަތަމަ މެޗުގައި ހަވީރު 6 ޖަހާއިރު ވޭލްސް އާއި ސްވިޒަލެންޑް ވާދަކުރާނެ އެވެ. މިރޭ ޑެންމާކާއި ފިންލެންޑް ވާދަކުރާ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *