ރަސްގެފާނު ބަލިކޮށް ޖޮކޮވިޗް ފްރެންޗް އޯޕަންގެ ފައިނަލަށް

ފްރެންޗް އޯޕަން ޓެނިސް މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކޮށް ސާބިއާގެ ނޮވާކް ޖޮކޮވިޗް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. ރޭ ޕެރިހުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގައި މިދިޔަ ހަތަރު އަހަރުވެސް ފްރެންޗް އޯޕަން ކާމިޔާބުކުރި ނަޑާލްގެ މައްޗަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ކުރި ހޯ.ދީ، 6-3، 3-6، 6-7، އަދި 2-6 އިންނެވެ.
މިހާތަނަށް ފްރެންޗް އޯޕަން 14 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް މުބާރާތުން ރޭ ކެޓުމާއެކު އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ހަދައިފައިވާ ރެކޯޑް މުގުރާލަން ކުރަމުން އަންނަ މަސައްކަތް މިވަގުތަށް ނާކާމިޔާބުވީ އެވެ. އަދި، އަނެއްކޮޅުން މިހާތަނަށް 18 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުމުން ފެޑެރާ އާއި ނަޑާލްގެ އަތުގައި މިވަގުތު އޮތް ރެކޯޑާ އަރާ ހަމަކުރަން އެންމެ ތަށްޓެއްގެ މިންވަރާ ގާތަށް އައުމުގެ ފުރުސަތު ލިބުނީ އެވެ.
މިއީ ފްރެންޗް އޯޕަންގެ މުޅި ތާރީހުގައިވެސް ނަޑާލް ކުޅުނު 108 މެޗުގެ ތެރެއިން އޭނާ ބަލިވި ތިންވަނަ ފަހަރެވެ. ނަޑާލްގެ މައްޗަށް ރޭ ތާރީހީ ފައިނަލަކަށްފަހު ކުރި ހޯދި އުމުރުން 34 އަހަރުގެ ޖޮކޮވިޗް މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އަރަމުން އަންނަ ގްރީސްގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ސްޓެފާނީ ސިޓްސިޕާސް އާއެވެ. އުމުރުން 22 އަހަރުގެ ސިޓްސިޕާސް އަށް އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލުން ޖާގަ ލިބުނީ މުބާރާތުގެ ހަވަނަ ސީޑް ޖަރުމަނުގެ އެލެގްޒެންޑާ ޒްވެރޭވް އަތުން ސެމީގައި ރޭ މޮޅ:ުވުމުންނެވެ.
“މިއީ އަބަދުވެސް ހަނޑާނުގައި ހަރުލައި ހުންނާނެ ކަހަލަ މެޗެެއް. މިއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ތިން މެޗްގެ ތެރޭގައި ހިމެނޭނެ މެޗެއް. ” މެޗަށްފަހު ވާހަކަދައްކަމުން މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތްވެސް ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.
ޖުމްލަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ރޭ އުމުރުން 35 އަހަރުގެ ނަޑާލް އާއި ދެކޮޅަށް ޖޮކޮވިޗް ކުޅުނު މެޗް ނިމިފައިވަނީ ހަތަރު ގަޑިއިރަށްވުރެވެސް ގިނަ އިރުވީ ފަހުންނެވެ. މެޗްގެ ތިން ވަނަ ސއޓަށް އެކަނިވެސް އެއް ގަޑި އިރާ 38 މިނެޓް ހިނގި އެވެ. ފްރާންސްގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ރޭގަނޑު 11 ގެ ފަހުން އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް ނަމަވެސް ރޭގެ މެޗު ބަލަން ވަދަ ތިބި ފަރާތްތަކަށް މެޗް ނިމެންދެން ތިބެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ވަނީ މެޗް ހިނގަމުންދަނިކޮށް ހުއްދަ ދީފަ އެވެ. އެހެން ރޭ ތަކުގައި މެޗް ނުނިމުނު ކަމުގައިވިޔަސް 11 ޖެހުމުގެ ކުރިން ކޯޓަށް ވަދެ ތިބޭ ފަރާތްތަކުން ކޯޓުން ނިގުމެ ގެއަށް ދާން ދަތުރު ފަށަން ޖެހެ އެވެ.
“މި ކޯޓްގަ ނަޑާލް ބަލިކުރަން ބޭނުން ކަމަށް ވަންޏާ ޖެހޭނެ އެ ކުޅުންތެރިޔެއްގެ އެންމެ މޮޅު ކުޅުން ދައްކަން. މިރޭ އަހަރެންގެ ފަރާތުން މި ފެނުނީ އަހަރެންގެ އެންމެ މޮޅު ކުޅުން. ” ޖޮކޮވިޗް ބުންޏެވެ.
ރޭގެ މެޗުން ޖޮކޮވިޗް މޮޅުވުމާއެކު ނަޑާލް އާއި އޭނާ މިހާތަނަށް ބައްދަލުކުރި މެޗްތަކުގެ ނަތީޖާ އިންވެސް ކުރި ލިބުނީ އެވެ. މިހާތަނަށް މި ދެ ކުޅުންތެރިންގެ މެދުގައި 58 މެޗް ކުޅެފައިވާ އިރު އޭގެ ތެރެއިން 30 މެޗް ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފަ އެވެ.
Advertisement


Leave a Reply