ޔޫރޯގެ ތާރީހް ބުނެދެނީ ޗެމްޕިއަނަކަށް ވާނީ މިފަހަރު ފްރާންސް ކަމަށް

Advertisement

ޔޫރޯގެ ތާރީހް ބުނެދެނީ ޗެމްޕިއަނަކަށް ވާނީ މިފަހަރު ފްރާންސް ކަމަށް

ޢަބްދުﷲ އަޝްރަފް

2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ބިންދާލި ކޮވިޑްގެ ބިޔަ ރާޅާއެކު އެ އަހަރު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އެއް އަހަރު ދުވަހުގެ އިތުރު އިންތިޒާރަކަށް ފަހު މިރޭ ފަށާއިރު އެންމެ ބޮޑު ބަހުސަކަށް ޔަގީނުންވެސް ވާނީ މުބާރާތް ކާމިޔާބުކުރާނީ ކޮން ޓީމެއް ކަން ލަފާކުރުމުގެ ބަހުސެވެ. މުބާރާތުގައި ޔޫރަޕްގެ 24 ގައުމަކުން ވާދަކުރާއިރު ތަށްޓާއެކު އެނބުރި ގައުމަށް ދެވޭނީ އެންމެ ޓީމަކަށެވެ. އެކަމަކު އެއީ ކޮން ޓީމެއް ކަން ބުނަން އެނގޭ ހެއްޔެވެ؟

އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތް ކާމިޔާބުކުރި ޕޯޗްގަލްއަށް ތަށި ދިފާއުކުރެވިދާނެ ހެއްޔެވެ؟ ޖަރުމަނު ނުވަތަ ސްޕެއިންއަށް ހަތަރު ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް ރިކޯޑް ހެދިދާނެ ހެއްޔެވެ؟ ގްރީސް އިން 2004 ވަނަ އަހަރު ދުނިޔެ ސިއްސުވާލި ގޮތަށް މިފަހަރު އެފަދަ ކަމެއް ޓީމަކަށް ކުރެވިދާނެ ހެއްޔެވެ؟ މިހިރީ ހައްތާވެސް ސުވާލެވެ.

ތިރީގައި މިވަނީ ކުރިން ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ކަން ހިގާފައިވާ ގޮތާއި، އެއާ ގުޅޭ ތަފާސް ހިސާބުތަކަށް ރިއާޔަތްކުރުމަށްފަހު  ބީބީސީ ސްޕޯޓްސް ޓީމްގެ ފަރާތުން، މުބާރާތް ކާމިޔާބުކޮށް ޖުލައި މަހުގެ 11 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް ގައި ތަށި އުފުލާލާނެ ކަމަށް ބެލެވޭ ޓީމެއް ލަފާކޮށް އެކަން ކޮށްފައިވާ ގޮތުގެ ތަފްސީލެވެ. ބީބީސީ ސްޕޯޓްސް ޓީމްގެ ފަރާތުން އެދިފައިވަނީ މިކަން އެހާ ސީރިއަސްކޮށް ނުނެގުމަށެވެ.

އޮޓަމެޓިކުން ކޮލިފައިވި ގައުމުތައް

ފުރަތަމަ ފަށާނީ ވަރަށް އާދައިގެ އަދި އެންމެންނަށް އެނގޭ ކަމަކުންނެވެ.

1996 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމުތައް ހޮވުމަށް ބޭއްވި ކޮލިފިކޭޝަން މެޗުތަކަކީ ފުރަތަމަ ފަހަރަށް ޕްލޭ އޮފް މެޗެއް ކުޅޭ ގޮތަށް ކުރިއަށްގެންދެވުނު މެޗްތަކެވެ. އިންގްލެންޑްގައި އޮތް ޔޫރޯ 96 ގެ ކޮލިފިކޭޝަނުން ފެށިގެން މިހާތަނަށް އައިއިރު ޕްލޭ އޮފް ކުޅެގެން މުބާރާތަށް އައި އެއްވެސް ޓީމަކަށް އެ މުބާރާތެއްގެ ތަށި ހޯދިފައެއް ނުވެ އެވެ.

މި ހަމައިން ބަލައިގެން މުބާރާތުގައި މިފަހަރު ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާކީ މި ވަނީ ޕްލޭ އޮފް ކުޅެގެން މުބާރާތަށް އައި ހަތަރު ޓީމެވެ.  އޭގެ ތެރޭގައި ހިމެނެނީ ސްކޮޓްލެންޑާއި، ސްލޮވާކިއާގެ އިތުރުން ހަންގޭރީ އާއި ނޯތު މެސެޑޯނިއާ އެވެ.

ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދުން

އަނެއްކާވެސް 1996 އިން ފެށިގެން ފާހަގަވާން އޮތް ކަމެއްގެ ވާހަކަ އެވެ. 96 ވަނަ އަހަރު އޮތް މުބާރާތަކީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އަދަދު 08 އިން 16 އަށް ބަދަލުކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުން ފެށިގެން ކޮލިފިކޭޝަންގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ގްރޫޕްގެ އެއްވަނަ އަދި ދެވަނައަށް މުބާރާތުން  ޖާގަ ލިބޭގޮތަށް އޮންނަ އިރު 96 ގެ ފަހުން ކޮންމެ މުބާރާތެއްވެސް ކާމިޔާބުކޮށްފައިވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނަ ހޯދައިގެން މުބާރާތަށް އައި ޓީމެކެވެ. މި އުސޫލުން ބަލާނަމަ މިފަހަރުގެ ޔޫރޯ ކާމިޔާބުކުރުން އެންމެ ގާތީ ކޮލިފައިން މެޗްތަކަށް ބަހާލި ދިހަ ގްރޫޕުން ކުރެ ކޮންމެ ގްރޫޕަކުންވެސް އެއް ވަނަ ޓީމްގެ ގޮތުގައި ކޮލިފައިވި ޓީމްތަކުގެ ތެރެއިން ޓީމެކެވެ. އެހެން ކަމަށްވުމާއެކު ލިސްޓްގައި ދެން ބާކީ އޮންނާނީ ގްރޫޕްގެ އެއް ވަނަ ހޯދައިގެން މުބާރާތަށް އައި ދިހަ ޓީމެވެ. މިއާއެކު ޗެމްޕިއަން ޕޯޗްގަލް އާއި 1988 ވަނަ އަހަރު ތަށި ހޯދި ނެދަލޭންޑްސް އަދި 1992 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ޑެންމާކް ތަށްޓާ ދުރަށް ލާން އެބަ މަޖްބޫރުވެ އެވެ.

ރަގަޅު ގޮތަކީ މުބާރާތް ބާއްވާ ގައުމަށް ނުވުން

1980 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި 10 މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމްތަކަށް ބަލާލާއިރު މުބާރާތް ބޭއްވި ގައުމުން ތަށި އުފުލާލައިފައި ވަނީ އެންމެ ފަހަރަކު އެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ތަށި ހޯދި ހަމައެކަނި ގައުމަކީ މިޝެލް ޕްލެޓީނީގެ މޮޅު ކުޅުމާއެކު 1984 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތް ކާމިޔާބުކުރި ފްރާންސް އެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ އެންމެ ގައުމެއްގަ އެއް ނޫނެވެ. މިފަހަރުގެ މުބާރާތް 11 ގައުމެއްގައި ބާއްވާއިރު މުބާރާތް ބާއްވާ ގައުމަށް ތަށި ލިބުމުގެ ފުރުސަތު ކުޑަކަމަށް ނިންމައިފި ނަމަ ގްރޫޕްގެ އެއް ވަނަ ހޯދައިގެން މުބާރާތަށް ކޮލިފައިވި ޓީމްތަކުގެ ތެރެއިން އިތުރު ގައުމުތަކެއް އަނެއްކާވެސް ލިސްޓުން އެބަ އުނިވެ އެވެ. އޭގެ ތެރޭގައި މިފަހަރު މުބާރާތް ހޯސްޓްކުރާ ގައުމުތަކުގެ ތެރެއިން މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިން އާއި ޖަރުމަނަށް ތަށި ލިބުމުގެ ފުރުސަތު ކުޑަކަމަށް ނިންމަން އެބަ ޖެހެ އެވެ. ހަމަ އެ ގޮތަށް 1966 ގެ ވޯލްޑް ކަޕަށް ފަހު ބޮޑު މުބާރާތެއްގެ ތަށީގައި އަތްލުމުގެ ފުރުސަތު ލިބިފައި ނުވާ އިންގްލެންޑް ވެސް މި މަޅީގައި އެބަ ބެދެ އެވެ.

މީގެ ކުރިން ބޭއްވި މުބާރާތެއްގެ ފައިނަލްގައި ވާދަކުރުން

އެންމެ ފަހުން ބޭއްވުނު ޔޫރޯގެ ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ތަށި އުފުލާލައިފައިވަނީ އޭގެ ކުރިން މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ ޓީމަކުންނެވެ. މި ޓްރެންޑުން ފޫވައްޓާލުމަށްފަހު ތަށި ހޯދި ހަމައެކަނި ޓީމަކީ ގްރީސް އެވެ. އެކަމަކު އެއީ އެންމެންވެސް ގަބޫލުކުރާ ގޮތުގައި ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އަޖައިބެވެ. މި ކްރައިޓީރިއާ އަށް ރިއާޔަތްކޮށް ޓީމްތައް ބާކީ ކުރަން ބަލާއިރު ދެން ބާކީ ވަނީ ކްރޮއޭޝިއާ ޕޮލެންޑް އަދި ސްވިޒަލޭންޑްގެ އިތުރުން ޔޫކްރެއިން އެވެ. މިއާއެކު ދެން ލިސްޓްގައި ބާކީ އޮންނާނީ ދެ ގައުމެވެ. އެއީ މުބާރާތުގެ އެންމެ ވަރުގަދަ ދެ ފޭވަރިޓުންގެ ގޮތުގައިވެސް ފާހަގަކުރެވޭ ފްރާންސް އާއި ބެލްޖިއަމް އެވެ.

ޗެމްޕިއަންސް ލީގުގައި ގިނަ ކުޅުންތެރިން ކުޅުން

ޗެމްޕިއަންކަން ހޯދާނެ ޓީމެއް ލަފާކުރުމުގައި މިހާރު މިއޮތީ އެންމެ ފަހު މަރުހަލާއާ ހަމައަށް އައިސްފަ އެވެ. މި މަސައްކަތް ނިންމައި ޓީމެއް ކަނޑައެލުމުގެ ގޮތުން މި ފަހަރު މި ނަގަނީ ވަރުގަދަ ކްރައިޓީރިއާ އެކެވެ. 21 ވަނަ ގަރުނުގައި މިހާތަނަށް ބޭއްވި ބޮޑު 10 މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމުތަކަށް ބަލާއިރު އެ މުބާރާތެއްގެ ކުރިން އޮންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ ކުޅުންތެރިން އެންމެ ގިނައިން ތިބި ފަސް ގައުމު ހިމެނޭކަން ފާހަގަކުރެވެ އެވެ. މި ކްރައިޓީރިއާ އަށް ބަލާއިރު މިހާރު ލިސްޓްގައި ބާކީ އޮތް ދެ ގައުމުގެ ތެރެއިން ކުރި ލިބެނީ ފްރާންސަށެވެ. އެހެންކަމުން މުބާރާތުގެ ތާރީހްގައި ކަން ހިނގަމުން އަންނަ ގޮތަށް ރިއާޔަތްކޮށް މިކުރެވުނު ސައިންޓިފިކް ހަމައެއް ނެތް ދިރާސާއިން މިފަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ގައުމަކީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *