ކޮންމެ ނަތީޖާއެއް ނުކުތަސް ޝަކުވާ ކުރާނެ ޖާގައެއް ނެތް: ގައުމީ ކޯޗު

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޝަކުވާކުރާނެ ޖާގައެއް ނެތްކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.
ކޫޕްމަން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ހަވާލުވުމަށް ފަހު ވާދަވެރި މެޗެއްގައި ޓީމަށް އިރުޝާދުދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަކީ ގާތްގަނޑަކަށް 18 މަސްދުވަހަށް ފަހު ގައުމީ ޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. ކޮލިފައިންގެ އެ މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ. ކޮލިފައިންގައި ބާކީ ދެ މެޗު އޮތްއިރު ދުބާއީގައި މިރޭ ޗައިނާއާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އަދިވެސް އޮތީ އުނދަގޫ ހާލަތެއްގަ އެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ ބާކީ މެޗުތައް ބޭނުންކުރާނީ މުސްތަގްބަލްގެ ފައުންޑޭޝަނެއްގެ ގޮތުގައި ކަމަށާއި ނަތީޖާއަކުން ކުރާނެ ޝަކުވާއެއް ނެތްކަމަށެވެ.
“ހަގީގަތާ ކުރިމަތިލާން ޖެހޭނެ. ޗައިނާއަކީ ބޮޑު ގައުމެއް. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ގަބޫލުކުރަން ޖެހޭނީ” މެޗާ ގުޅޭގޮތުން ކޫޕްމަން ބުންޏެވެ.

ގައުމީ ކެޕްޓަން އަކްރަމް. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއެއެމް
މިފަހަރުގެ ކޮލިފައިން އަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. ސްކޮޑުގައި ހިމެނުނު ހަތް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެގެން ސީރިއާ ދެކޮޅަށް ކުޅެން އޮތް މެޗު ގެއްލުނެވެ. ދުބާއީގެ ކޭމްޕަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ގައުމީ ޓީމު އެގައުމަށް ފުރީ ޕޮޒިޓިވްވެފައި ތިބި މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު ގައުމީ ކޯޗަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑުން ރަނގަޅުވެ ގައުމީ ޓީމާ ގުޅިފައިވުމެވެ. އެކަމަކު ކޯޗު ބުނީ އެ ދެކުޅުންތެރިންނަށް ކުއްލިއަކަށް މެޗެއް ކުޅެން އުނދަގޫވާނެ ކަމަށެވެ.
ކޯޗު ބުނީ ޓީމަށް ކުރިއެރުންތަކެއް ލިބުނުނަމަވެސް އަދި އޮތީ ދާންބޭނުންވާ ހިސާބާ ގާތުގައި ވެސް ނޫންކަމަށެވެ. އަދި މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު މެޗުތައް ކުޅެން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ކޫޕްމަން ބުންޏެވެ.
“އަހަރެމެން ބޭނުންވާ ހިސާބާ ގާތުގައެއް ވެސް ނޫން މިހާރު މިތިބީ. އެކަމަކު ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ޗައިނާ ކަހަލަ ބޮޑު ގައުމަކާ ދެކޮޅަށް ނުކުންނައިރު އަހަރެން ބުނާނީ މިއީ ފަސޭހަ ކަމަކަށް ނުވާނޭ” މީގެ ކުރިން ޗައިނާގެ ގުއަންޒޫ ސިޓީގައި ކޯޗެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރި 65 އަހަރުގެ ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްގައި. މިރޭ ޗައިނާއާ ދެކޮޅަށް ނުކުންނާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
އޭޝިއާ ސަރަހައްދުގެ ގްރޫޕް އޭގެ އެއް ވަނަ ޖާގަ 21 ޕޮއިންޓާ އެކު ކަށަވަރުކޮށް ސީރިއާ މިހާރު ވަނީ އޭޝިއަން ކަޕަށް ކޮލިފައިވެ ވޯލްޑް ކަޕް ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. އެޓީމުން އެއް ވަނަ ކަށަވަރުކުރީ މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި ސީރިއާ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމުން ވަނީ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުގައި ފިލިޕީންސް ބަލިކޮށްފަ އެވެ. ޗައިނާގެ ފަހަތުން ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަތަރު ވަނައިގައި ރާއްޖެ އޮތީ ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭއިރު މި ގްރޫޕުން ރާއްޖެ ނިންމާލާ ހިސާބު މުހިއްމުވާނެ އެވެ. މިހާރު ރާއްޖެ އޮތް ހާލަތުން އޭޝިއަން ކަޕްގެ ކޮލިފައިންގެ ޕްލޭއޮފްގައި ވާދަކުރަން ޖެހިދާނެ އެވެ. އެކަމަކު ބާކީ ދެ މެޗުން ޕޮއިންޓް ހޯދައިފި ނަމަ ކޮލިފައިންގެ ސީދާ ޖާގައެއް ރާއްޖެ އަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. ޗައިނާ މެޗަށް ފަހު ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
ކޮލިފައިންގެ ފުރަތަމަ ލެގްގައި ގަލޮޅު ދަނޑުގައި ޗައިނާއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 5-0 އިން ބަލިވެފަ އެވެ. މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ރޭގަނޑު 10:00 ގަ އެވެ.
Advertisement


Leave a Reply