އަނިޔާއިން ރަގަޅުވެ މެގުއާ ގައުމީ ހިދުމަތަށް

ސީޒަންގެ ފަހުކޮޅު ކުރިމަތިވި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު މެންޗެސްޓަ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ޔޫރޯ އަށް ތައްޔާރުވަމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވާން ފަށައިފި އެވެ.
އުމުރުން 28 އަހަރުގެ މެގުއާ ޓީމާ ގުޅުމާއެކު އިއްޔެ އިނގިރޭސި ޓީމުން ބޭއްވި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ޓީމުގައި ހިމެނޭ 26 ކުޅުންތެރިން ހަމައަށް ތިބެގެންނެވެ. މިރޭ ފަށާ ޔޫރޯ މުބާރާތުގައި އިންގްލެންޑުން ކުޅެންޖެހޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ކްރޮއޭޝިއާ އާއެވެ. އެންމެ ފަހުން ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އިނގިރޭސީންގެ މައްޗަށް ކުރި ހޯދި ކްރޮއޭޝިއާ އާ އިންގްލެންޑް ބައްދަލުކުރާ މެޗް އޮންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.
އަނިޔާގެ ސަބަބުން ޔުނައިޓެޑުން ލީގުގައި ކުޅުނު އެންމެ ފަހު ހަތަރު މެޗް މެގުއާ އަށް ގެއްލުނު އިރު ޔުނައިޓެޑް މޮޅުވެފައިވަނީ އޭގެ ތެރެއިން އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗްގެ ތެރެއިން ދެ މެޗުން ބަލިވެ އަނެއް މެޗް ވީ އެއްވަރެވެ. އޭގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލްގައި ވިޔަރެއާލާ ދެކޮޅަށް ޔުނައިޓެޑުން ކުޅެ ބަލިވި މެޗްގައިވެސް މެގުއާ ކުޅެފައެއް ނުވެ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އިންގްލެންޑްގެ ކޯޗް ގެރެތު ސައުތުގޭޓް ބުނެފައިވަނީ މުބާރާތުގެ ކުރިން މެގުއާ އަށް ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް އިންގްލެންޑުން މުބާރާތަށް ތައްޔާރުވުމަށްޓަކައި އޮސްޓްރިއާ އަދި ރޫމޭނިއާ އާ ދެކޮޅަށް ކުޅުނު މެޗްގައިވެސް މެގުއާ ކުޅެފައި ނުވާތީ އާދީއްތަ ދުވަހު ކްރޮއޭޝިއާ ދެކޮޅަށް ކުޅޭ މެޗްގައި މެގުއާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. ސައުތުގޭޓް ބުނި ގޮތުގައި އަނިޔާގައި ހުރި ނަމަވެސް ގައުމީ ޓީމުގައި މެގުއާ ހިމެނި ހިމެނުން އެއީ އޭނާ ނިންމި ރަގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
“އަހަރެންނަށް ފެންނަ ގޮތުގައި މެގުއާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާގެ ކިބައިން ވަރަށް ރަގަޅު ލީޑަޝިޕއެއް އަންނަނީ ފެންނަމުން. އަހަރެމެން ބޭނުންވަނީ އޭނަގެ އެ ހުރި ލީޑަޝިޕް ކޮލިޓީގެ ފައިދާ ޓީމަށް ހޯދުން.” ސައުތުގޭޓް ބުނެފައިވެ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ހިމެނެނީ ގްރޫޕް ޑީ ގަ އެވެ. މި ގްރޫޕްގައި އިންގްލެންޑާ ވާދަކުރާނީ ކްރޮއޭޝިއާގެ އިތުރުން ސްކޮޓްލެންޑާއި، ޗެކް ރިޕަބްލިކެވެ.
Advertisement


Leave a Reply