ޔޫރޯގެ ތާރީހުން ފަނޑުނުވާނެ ބައެއް ހަނދާންތައް

ޔޫރޯގެ ތާރީހުން ފަނޑުނުވާނެ ބައެއް ހަނދާންތައް

އައްބާސް
2000 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ރަން ގޯލު ޖެހުމަށް ފަހު ފްރާންސްގެ ޓްރެޒެގޭ އުފާފާޅުކުރަނީ

ހުކުރުދުވަހުގެ ރޭ ފެށޭ ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތަކީ ނުވަތަ ޔޫރަޕިއަންޗެމްޕިއަންޝިޕަކީ ވޯލްޑް ކަޕް ނަގާފައި ދެން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފުޓްބޯޅަ އިވެންޓެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ދާ މި މުބާރާތް މިދިޔަ އަހަރު ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މުބާރާތް ފަސްކުރުމަށްފަހު މާދަމާރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު މުބާރާތް ފަށާއިރު ކުރިން ބޭއްވުނު މުބާރާތްތަކުގައި ފެނުނު ހަނދާނުން ފޮހެލަން ދަތި ބައެއް ކަންކަން މި ދަނޑިވަޅުގައި ހިއްސާކޮށްލުން މުހިއްމު ކަމަށް ގަބޫލުކުރެވެ

2016 ގެ ފައިނަލް – ކުޅުންތެރިއެއްތަ ނޫނީ ކޯޗެއްތަ؟

މުބާރާތުގެ ފައިނަލް މެޗަށް ފްރާންސްގެ ޕެރިސްގައި ރަށު ޓީމާއި ދެކޮޅަށް ޕޯޗްގަލްއާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުތްއިރު މާ އާދަޔާ ހިލާފު ކުޅުމެއް އެ ޓީމަށް އެމުބާރާތުގައި ދެއްކިފައެއްނުވެއެވެ. އެކަމަކު ރޮނާލްޑޯ އާއި ޓީމުގެ އުއްމީދަކަށްވީ 2004 ގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި އަމިއްލަ ރަށުގައި ގްރީސް އަތުން ބަލިވި ބަލިވުމުގެ ހިތި ހަނދާންތައް މި ފައިނަލުން ފިލުވައިލުމެވެ. އެހެންނަމަވެސް މެޗު ފެށިގެން ދިޔައީ ރޮނާލްޑޯ އުއްމީދުކުރި ގޮތަކަށް ނޫނެވެ. މެޗުގެ ވަރަށް ކުރީކޮޅުގައި ފްރާންސްގެ ޑިމިޓްރި ޕަޔެޓް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުން ރޮނާލްޑޯ އަށް އަނިޔާވީ އެވެ. އަދި ފަރުވާއަށްފަހު ވެސް ކުޅެން ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. ދަނޑުމަތީގައި ރޮނާލްޑޯ އިށީނދެ އިންއިރު އޭނާއަށް ހަމްދަރުދީ ވެގެންކަމެއް ނޫނީ އުނދަގޫކުރަންކަމެއް، ލޯ ކައިރީގައި އެނބުރުނު ބަޅިނދާއި ރޯނާލްޑޯގެ ލޮލުން ފޭބި ކަރުނަ ޓީވީ ސްކްރީންތަކުން ދެއްކި އިރު އެންމެންވެސް ތިބީ ބަލާށެވެ.

Cristiano Ronaldo: What Could The Portuguese Phenomenon Do After He Hangs  Up His Boots?

2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ދަނޑު ބޭރުގައި ހުރެގެން ރޮނާލްޑޯ ޓީމަށް އިރުޝާދުދެނީ

ކޮންމެއަކަސް ރޮނާލްޑޯ ދަނޑުން ފޭބުމަށްފަހު ބެންޗުގައި އޭނާއަށް ހަމަޖެހިގެން އިށީނދެ އިނދެވުނީ ކުޑައިރުކޮޅަކުއެވެ. ދެން އޭނާ ފެނުނީ މުޅިން ތަފާތު ރޯލަކުންނެވެ. ހާއްސަކޮށް އިތުރު ވަގުތުގެ ފަހުހާފު ފެށުނުތަނާ އެޑަރ ޖެހިގޯލުން ޕޯޗުގަލްއަށް ކުރިލިބުމާއެކު ރޮނާލްޑޯ ވަގުތުން ބަދަލުވީ ކޯޗަކަށެވެ. ބޭރު ރޮނގު ކައިރީގައި ކޮރުޖަހަމުން ދެކޮޅަށް ހިނގަމުން ކުޅުންތެރިންނަށް އިރުޝާދުދެމުން ދިޔައިރު ޓީމުގެ ކޯޗަކީ ފެނާންޑޯ ސަންތޯސް ތޯ ނުވަތަ ރޮނާލްޑޯތޯ ސުވާލު އުފެދުނެވެ. ދަނޑުމަތީގައި ހުއްޓަސް ނުވަތަ ދަނޑުން ބޭރުގައި ހުއްޓަސް ރޮނާލްޑޯ އެދުވަހު ވީ ޕޯޗްގަލް ޓީމުން އެންމެ ބޮޑަށް މަސައްކަތްކުރި އެކަކު ކަމުގައި ބުނެވިދާނެއެވެ.

މިހާތަނަށް ޔޫރޯގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމް – ސްޕެއިން

2012 ގެ ޔޫރޯ ސްޕެއިން ކާމިޔާބުކުރުން ވެގެންދިޔައީ ހުރިހާގޮތަކުންވެސް ވަރަށް ތާރީހީ ކާމިޔާބަކަށެވެ. ފުރަތަމަ ކަމަކަށް އެއީ ތަށި ދިފާއުކުރަން ނިކުތް ޓީމެއް އެކަން ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ. އަދި އެކާމިޔާބު ވެގެންދިޔައީ ބޮޑު ތިން މުބާރާތެއް ކާމިޔާބުކޮށް ހެދި ހެޓްރިކަކަށެވެ. އޭގެ ދެއަހަރު ކުރިން އެމީހުންވަނީ 2010ގައި ވޯލްޑް ކަޕްވެސް ފުރަތަމަ ފަހަރަށް އުފުލާލާފައެވެ. 2012 ގެ ފައިނަލުގައި އެމީހުން އިޓަލީ ބަލިކުރީ މިހާތަނަށް ޔޫރޯ ފައިނަލެއްގެ އެންމެ ތަފާތު ބޮޑު ނަތީޖާއާއި އެކުގައެވެ. 4-0 އިން އިޓަލީ ބަލިކުރިއިރު އެޓީމުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އަންދްރޭ އިނިއެސްޓާގެ މޮޅުކުޅުމެވެ

Wallpaper gold, football, victory, Spain, the final, Cup, football,  Fernando Torres, Spain, Champions, medals, Xavi, final, Iker Casillas, Euro  2012, Euro 2012 images for desktop, section спорт - download

2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމު. ސްޕެއިން އަކީ ޔޫރޯގެ ތަށި ދިފާއުކުރި ހަމައެކަނި ގައުމު

ބަލޮޓެލީ ޖަރުމަނު ކޮޅަށް ޖެހި ދެގޯލް

2012 ގެ ޔޫރޯގައި ޖަރުމަނު ސެމީ ފައިނަލަށް ސަތޭކަ ޕަސެންޓް ކާމިޔާބާއި އެކުގައި އައިއިރު އިޓަލީއަށް އެހިސާބަށް އާދެވުނީ ވެއްޓެމުން ތެދުވަމުންނެވެ. އެހެންނަމަވެސް އިޓަލީގެ ދޮން ކުޅުންތެރިންގެ ޓީމުން ޖާގަ ހޯދި ކަޅުނަސްލަށް ނިސްބަތްވާ މާރިއޯ ބަލޮޓެލީގެ ދެ ގޯލާއެކު ޖަރުމަނު ބަލިކޮށް ފައިނަލުން ޖާގަ ހޯދީ އިޓަލީ އެވެ. މިމެޗުގައި ބަލޮޓެލީ ފުރަތަމަ ގޯލަކީ ބޮލުން ޖެހިގޯލެކެވެ. އޭގެފަހުން ޖަރުމަނު ގޯލެއް ޖަހާ އެއްވަރުކޮށްފައިވަނިކޮށް ބަލޮޓެލީ ދެ ވަނަ ގޯލެއްޖެހި އެވެ. މިގޯލު ދިފާއުކުރުމުގައި މުޅި ދުނިޔެދުށް އެންމެ މޮޅު އެއް ޑިފެންޑަރު ފިލިޕް ލާމަކަށް ވެސް އަދި އެންމެ މޮޅު ގޯލްކީޕަރު މެނުއަލް ނޯޔާ އަކަށްވެސް ކުރެވުނު އެއްވެސް ކަމެއްނެތެވެ. ނޯޔާ ހުރީ ހަމަ ހުރިފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގިފައެވެ. މިގޯލަށްފަހު މާރިއޯ ބަލޮޓެލީ އުފާފާޅު ކުރީ ޓީޝާޓް ދަމައިގަނެ ހުރިފިޔަވަޅުމަތީހުރެ ބޮޑީބިލްޑަރެއްގެ ގޮތަށް ހަށިގަނޑު ފުއްޕާލައިގެންނެވެ. އޭނާގެ މޫނުމަތިން އާދައިގެ މަތިން އެއްވެސް ޝުއޫރެއް ދައްކާލުމެއްނެތިއެވެ. ހާދަހާވާ ތަފާތު ދައްކާލުމެކެވެ.

ޖަރުމަނު ކޮޅަށް ގޯލު ޖެހުމަށް ފަހު ބަލޮޓެލީ އުފާފާޅުކުރަނީ. މިއީ ހަނދާނުން ފިލުވާލަން އުނދަގޫ މެޗެއް

ގުރީކުން ދުނިޔެ ސިއްސުވާލުން – 2004

2004 ގެ ޔޫރޯ އަށް ގްރީސް ނިކުމެ ފުރަތަމަ މެޗުގައި ރަށު ޓީމު ޕޯޗުގަލް ބަލިކުރިއިރު އޭގެކުރިން ބޮޑު މުބާރާތެއްގައި އެމީހުންނަކަށް މެޗެއް ކާމިޔާބުކުރެވިފައެއްނުވެ އެވެ. ފުރަތަމަ ބުރުގައި ދެންކުޅުނު ދެމެޗުގައި ސްޕެއިންއާ އެއްވަރުކޮށް ރަޝިޔާ އަތުން ބަލިވެ ގޯލުގެ ތަފާތުން ކުއާޓާއިން ޖާގަ ހޯދި އެވެ. ކުއާޓާގައި ފްރާންސް އަދި ސެމީގައި ޗެކް ރިޕަބްލިކް ބަލިކޮށް އަދި އެންމެ ފަހުން ފައިނަލްގައި ލުއިސް ފީގޯ، ކްރިސްޓިއާނޯ ރޮނާލްޑޯ، ޑެކޯ އަދި ރުއީ ކޯސްޓާގެ ޕޯޗްގަލް ދެ ވަނަ ފަހަރަށް ބަލިކޮށް ތަށި ހޯދީ މުޅިދުނިޔެ ހައިރާންކޮށްލާފަ އެވެ. މިތިން މެޗުވެސް އެމީހުން ކާމިޔާބުކުރީ 1-0 ންނެވެ. އަދި އެތިން ގޯލަކީވެސް ބޮލުންޖެހި ތިންގޯލެވެ. މި މުބާރާތުގައި ޗެކް ރިޕަބްލިކް ކޮޅަށް ގްރީސް އިން ޖެހިގޯލަކީ ޔޫރޯގެ ތާރީހުގައި ފެނިފައިވާ ހަމައެކަނި ރިހި ގޯލެވެ.

ޓްރެޒެގޭގެ ރަންގޯލް – 2000

2000 ވަނަ އަހަރުގެ ޔޫރޯއަށް ފްރާންސް ނިކުތީ 1998 ގައި ހޯދި ތަށްޓާއެކު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. މުބާރާތުގެ ފައިނަލުގައި އިޓަލީއާއި ދެކޮޅަށް ނުކުމެ ކުޅުނު އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ކުޅެވުނުއިރުވެސް ކުރީގައި އޮތީ 1-0 އިން އިޓަލީއެވެ. އެހެންނަމަވެސް މެޗު ނިމުމުގެ ކުރިން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސިލްވިއަން ވިލްޓޯޑް ޖެހި ލަނޑާއެކު މެޗް އެއްވަރުކޮށް ދެން ފެށުނު އިތުރު ވަގުތުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޑޭވިޑް ޓްރެޒެގޭ ޖެހި ރަން ގޯލާއެކު ތަށި ހޯދީ ފްރާންސުންނެވެ.

ޑެންމާކުގެ ކާމިޔާބީ 1992

ޔޫރޯ 1992 ފެށެން އެންމެ 10 ދުވަހަށްވީއިރު ޑެންމާކް ގައުމީ ޓީމުގެ ކުޅުންތެރިން އައީ ގޭ ސިޓިން ރޫމުން ޔޫރޯ ބަލަން ތައްޔާރުވަމުންނެވެ. އެއީ ޑެންމާކް އެފަހަރު ޔޫރޯއަށް ކޮލިފައިވެފަ ނުވާތީވެ އެވެ. އެކަމަކު ސަރަހައްދުގައި ހަނގުރާމަ ފެށި ޔޫގޮސްލާވިއާއި ދެކޮޅަށް އ.ދ އިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޔޫގޮސްލާވިއާ މުބާރާތުން ބޭރުކޮށް ޑެންމާކަށް އެޖާގަ ދެވުނުއިރު މުބާރާތްފެށެން އޮތީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ. ތެޅިފޮޅެގަނެގެން އަވަސްއަވަހަށް ތައްޔާރުވެގެން ސްވިޑެންއަށް އައިސް އިނގިރޭސިންނާއި އެއްވަރުކޮށް ސްވިޑެން އަތުން ބަލިވެ އެހެންނަމަވެސް މުބާރާތުގެ އެއް ފޭވަރިޓް ކަމުގައިވާ ފްރާންސް ބަލިކޮށް ސެމީ އިން ޖާގަ ހޯދިއެވެ. އަދި ސެމީގައި ތަށި ދިފާއުކުރަން ނިކުތް ޑަޗްޓީމު ޕެނަލްޓީ ޖަހައިގެން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އެވެ. ޕެނަލްޓީގައި ޑަޗްޓީމުގެ މަޝްހޫރު ތަރީ މާކޯ ވެން ބާސްޓަންގެ ޕެނަލްޓީ ޑެންމާކް ކީޕަރު ޕީޓަރ ޝްމައިކަލް ހިފެހެއްޓިއެވެ. ފައިނަލްގައި ޑެންމާކާއި ދެކޮޅަށް ނިކުތީ އޭރުގެ ދުނިޔޭގެ ޗެމްޕިއަން ހުޅަނގު ޖަރުމަނެވެ. ކިމްވިލްފޯޓާއި ޖޯން ޖެންސެން ގެ ގޯލުތަކުން ޖަރުމަނު ބަލިކޮށް ތަށި ހިފައިގެން ޑެންމާކް އެނބުރި ގައުމަށް ދިޔައީ މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ.

1992 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދި ޑެންމާކް ޓީމު. ތަށި ހޯދަން ކުރީ އާދަޔާހިލާފު ދަތުރެއް

މާކޯ ވެންބާސްޓަންގެ ގޯލް – 1988

1988 ގެ ޔޫރޯއަށް ޑަޗްޓީމު އައީ ރުޑް ހުލިޓް، ރޯނާލްޑް ކޫމަން، ފްރޭންކް ރައިކާޑް އަދި މާކޯ ވެން ބާސްޓަން ފަދަ މަޝްހޫރު ތަރިންނާއި އެކުގަ އެވެ. އަނިޔާގެ ސަބަބުން އޭސީ މިލާންގައި މާ އެދެވޭ ކުޅުމެއް ނުދެއްކި ޔޫރޯގެ މުބާރާތައް އައުމުން އޭނާގެ ކުޅެވޭނެ ކަމާމެދު ގިނަބަޔަކު ޝައްކުކުރި އެވެ. އެކަމަކު މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިނގިރޭސިން ކޮޅަށް ހެޓްރިކް ހެދުމަށްފަހު ސެމީގައި ހުޅަނގު ޖަރުމަނު ކޮޅަށްވެސް ވެން ބާސްޓަން ގޯލްޖެހި އެވެ. އަދި ފައިނަލް މެޗްގައި ސޮވިއެޓް ޔުނިއަން ކޮޅަށް ވެން ބާސްޓަން ޖެހި ގޯލަކީ ޔޫރޯގެ ތާރީހާ ބެހޭގޮތުން ވާހަކަދައްކާނަމަ އެގޯލުގެ ވާހަކަ ނުދެކެވި ނުދާނެ ގޯލެކެވެ. މަތިން ހުރަސްކޮށް އައި ވޮލީއެއް ޕެނަލްޓީ އޭރިއާގެ އަރިމަތިން ވަރަށް ހަނި އެންގަލަކުން އެއްފަހަރުން ޖަހައި ކީޕަރު ބޯމަތިން ގޯލަށް ވައްދާލައިގެން ޖެހި ގޯލަކީ އާދަޔާ ހިލާފު މޮޅު ގޯލެއްކަމުގައި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ. މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ތަފާތު އެންގަލްތަކުން ގޯލްތައް ބަލާލެވޭ ގޮތަށް މި ގޯލް ބަލާލެވެން ހުރިނަމަ މިގޯލުގެ އަސްލު މޮޅުކަން ގިނަބަޔަކަށް ހާމަވެގެން ދިޔައީސްކަމުގައި ގަބޫލުކުރެވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *