މެސީ ފަހަތަށް ޖައްސާލުމަށްފަހު ޗެތުރީ ލަނޑު ލިސްޓުގެ ދެވަނަ އަށް އަރައިފި

Advertisement

މެސީ ފަހަތަށް ޖައްސާލުމަށްފަހު ޗެތުރީ ލަނޑު ލިސްޓުގެ ދެވަނަ އަށް އަރައިފި

ޢަބްދުﷲ އަޝްރަފް

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ކުޅެމުން އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިންގެ ލިސްޓުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކުރި ހޯދައިފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަފަހަރު ހޯދާފައިވާ އާޖެންޓީނާގެ މެސީ އަށްވުރެ ކުރިއަށް އުމުރުން 36 އަހަރުގެ ޗެތުރީ އެރީ ރޭ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ގްރޫޕް އީ ގައި ބަންގްލަދޭޝް އާ ވާދަކޮށް އިންޑިއާ އިން ކުރި ހޯދި މެޗުގައި އޭނާ ޖެހި ދެ ގޯލާ އެކު އެވެ. ބަންގްލަދޭޝް އަތުން އިންޑިއާ ރޭ މޮޅުވެފައިވަނީ 0-2 އިންނެވެ.

ބަންގްލަދޭޝް ކޮޅަށް ރޭ ޗެތުރީ ވައްދާލި ދެ ގޯލާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު 74 އަށް އެރީ އެވެ.  މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކާމިޔާބުކޮށްދީފައިވާ ގޯލްގެ އަދަދަކީ 72 އެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިން ހިމެނޭ ލިސްޓުގައި ޗެތުރީ މިހާރު އޮތީ  ދެވަނައިގަ އެވެ. މެސީގެ މިވަގުތުގެ މަގާމަކީ ހަތަރެކެވެ. 73 ގޯލް ކާމިޔާބުކޮށްގެން ތިންވަނައިގައި އޮތީ ޔޫއޭއީގެ އަލީ މަހްބޫތެވެ.

ލަނޑު ލިސްޓްގެ އެންމެ ކުރީގައި ބޮޑު ތަފާތަކާއެކު އޮތީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ގައުމީ ޓީމަށް 103 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ މަގާމަށް ނުރައްކަލެއް ނެތް ނަމަވެސް ޗެތުރީ އާއި މަހްބޫތު އަދި މެސީގެ މަގާމް މި ހަފްތާގެ ތެރޭގައިވެސް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މާދަމާ ރޭ ބްރެޒިލުން ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއޭ އާ ދެކޮޅަށް ނުކުންނައިރު  ޔޫއޭއީން އަންނަ ހުކުރު ދުވަހު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި އިންޑޮނޭޝިއާ އާ ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ވޯލްޑްކަޕް ކޮލިފިކޭޝަންގެ  މިހާރު ކުޅެމުން އަންނަ ބުރުގައި އިންޑިއާ އަށް ދެން އޮތީ ބާކީ އެންމެ މެޗެކެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *