ހަށިގަނޑުގެ އާދޭސް އަޑުއަހައި ފެޑެރާ ފްރެންޗް އޯޕަނުން ވަކިވެއްޖެ

އަމިއްލަ ހަށިގަނޑަށް ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވެގެން ހުރުމަށްޓަކައި ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ވަކިވެއްޖެ އެވެ. މިހާތަނަށް ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ފްރެންޗް އޯޕަނުން ވަކިވެފައި މިވަނީ މުބާރާތުގެ ހަތަރު ވަނަ ބުރުން އޭނާ ޖާގަ ހޯދިތާ އެއް ދުވަސް ފަހުންނެވެ.
“ދެ ސާޖަރީ އެއް ހަދައި އޭގެ ފަހުން އެއް އަހަރުގެ ރިހެބިލިޓޭޝަން ޕްރޮގްރާމަކަށްފަހު ކުޅޭއިރު އަހަރެންނަށް ހީވަނީ އަހަރެންގެ ހަށިގަނޑު ބުނާ ވާހަކަވެސް އަޑު އަހަންޖެހޭނެހެން. އަހަރެން އެބަ ޖެހޭ އެހާ އަވަސްވެ ނުގަންނަން ރިކަވަރީ މުއްދަތުގެ ތެރޭގަ. ” މުބާރާތުން ވަކިވިކަން ހާމަކުރަމުން އުމުރުން 39 އަހަރުގެ ފެޑެރާ ބުންޏެވެ.
ރޭގެ ވަގުތެއްގައި ފްރެންޗް އޯޕަނުން ވަކިވި ކަން ފެޑެރާ އިއުލާންކުރި އިރު ހަތަރު ވަނަ ބުރުގައި އިޓަލީގެ މަތިއޯ ބެރެޓިނީ އާ މިއަދު ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
“އަހަރެންގެ ޓީމާ މަޝްވަރާކުރުމަށްފަހު އަހަރެން މި ނިންމީ ފްރެންޗް އޯޕަނުން ވަކިވާން. މުބާރާތުގެ ތިން މެޗެއް ކުޅެ އެ މެޗްތަކުން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަލުން ކުޅުމުގެ ތެރެއަށް އާދެވުމަށްވަރު ވަކި ބޮޑަށް އަހަރެން އުފާވާ ކަމެއް ނެތް.” ފްރެންޗް އޯޕަން އިންތިޒާމްކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ފެޑެރާ ބުނެފައިވެ އެވެ.
2009 އަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށްފައިވާ ފެޑެރާ ކަކުލުގެ ދެ ސާޖަރީއެއް ހެދީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ފްރެންޗް އޯޕަން މުބާރާތުގައި ވާދަކުރުމުގެ ކުރިން ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ކްލޭ ކޯޓްގައި ކުޅޭ މުބާރާތްތަކަށްވުރެ ވިނަ ކޯޓްގައި ކުޅޭ މުބާރާތްތަކުގައި ގިނައިން ކާމިޔާބު ހޯދައިފައިވާ ފެޑެރާ ބޮޑަށް ތައްޔާރުވަމުން އަންނަނީ ބެލެވޭ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތަށެވެ.
Advertisement


Leave a Reply