އޮޕަރޭޝަނަށް ފަހު ޑި ބްރޭނާ ގައުމީ ޓީމާ ގުޅެނީ

Advertisement

އޮޕަރޭޝަނަށް ފަހު ޑި ބްރޭނާ ގައުމީ ޓީމާ ގުޅެނީ

ޢަލީ ޝަހީމް

ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މޫނަށް އަނިޔާވި މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އޮޕަރޭޝަނެއް ކުރުމަށް ފަހު ޔޫރޯ މުބާރާތް ފެށުމުގެ ކުރިން ބެލްޖިއަމްގެ ޓީމާ ގުޅެން ތައްޔާރުވެއްޖެ އެވެ.

ޗެލްސީ އަތުން 1-0 އިން ބަލިވި ފައިނަލުގެ ދެ ވަނަ ހާފުގައި އަނިޔާވެގެން ޑި ބްރާނާ ވަނީ ބާލައިފަ އެވެ. ޑި ބްރޭނާގެ ނޭފަތާއި ވާތު ލޮލަށް އަނިޔާވީ ޗެލްސީގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއާ އެކު ބޯޅަ ހޯދަން އެރި ވަގުތު އެވެ.

Advertisement

ޔޫރޯ މުބާރާތަށް ނުކުންނައިރު ޑި ބްރޭނާ އަކީ ބެލްޖިއަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މުބާރާތުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 12 ވަނަ ދުވަހު ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ. ޖޫން 17 ވަނަ ދުވަހު ޑެންމާކާ ދެކޮޅަށް ނުކުންނައިރު ޖޫން 21 ވަނަ ދުވަހު ބެލްޖިއަމް ކުޅޭނީ މުބާރާތުގައި އަލަށް ވާދަކުރާ ފިންލެންޑާ އެވެ.

“އޮޕަރޭޝަނަށް ނެގީ 20 ވަރަކަށް މިނެޓު. ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ވަރަށް ބޭނުންވާ ގޮތަށް” ޑި ބްރޭނާގެ އޮޕަރޭޝަނަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުންޏެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ބެލްޖިއަމަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ރޭންކިންގެ އެއް ވަނައިގައި އޮތް ގައުމެވެ.

ކޯޗު ބުނީ ޑި ބްރޭނާގެ ރިކަވަރީ އަށް ގިނަ ދުވަސްތަކެއް ނުނަގާ ކަމަށާއި، އެއީ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“މެޑިކަލް ސްޓާފުން ތިބީ ޑި ބްރޭނާގެ އޮޕަރޭޝަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ހޯމަ ދުވަހު ޑި ބްރޭނާ ޓީމާ ގުޅޭނެ” ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން އަމާޒު ހިފާފައިވާ ބެލްޖިއަމްގެ ކޯޗު ބުންޏެވެ.

ޔޫރޯގެ ކުރިން ބެލްޖިއަމް ކުޅޭ ރަހްމަތްތެރިކަމުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *