ޗައިނާއަށް ފުޓްބޯޅައިގައި ކުރިއަށްދެވޭނެ ގޮތް ގައުމީ ޓީމުގެ ކޯޗް ކިޔައިދީފި
އެހެން ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ގައުމީ ޓީމުގައި ހިމަނައިގެން ޗައިނާގެ ފުޓްބޯޅަ ކުރިއެއް ނާރާނެ ކަމަށާއި، އެ ގައުމުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނީ ޗައިނާގެ ގައުމީ ޓީމުން އެ ގައުމަށް އުފަން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެންކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފި އެވެ.
ގްރޫޕް އޭގައި ސީރިއާ އާ ދެކޮޅަށް ރާއްޖެއިން ރޭ ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު މިހެން ބުނެފައިވާ އިރު ޗައިނާ މިވަގުތުވެސް އޮތީ އެއް ވަނައިގައި އޮތް ސީރިއާއަށްވުރެ އަށް ޕޮއިންޓް މަދުން ލިބިގެން ގްރޫޕްގެ ދެވަނައިގަ އެވެ. ޗައިނާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވުމުގެ އިތުރުން ފައިސާ އާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ސަރަހއްދުގެ އެހެން ގައުމުތަކަށްވުރެ ކުރީގައި އޮތަސް އޭޝިއާ ސަރަހައްދުގެ ބޮޑެތި އެހެން ގައުމުތަކާ އަޅާ ބަލާއިރު އެ ގައުމުން ފުޓްބޯޅައިގައި ހޯދައިފައިވާ ކާމިޔާބީތައް މަދެވެ. މިހާތަނަށް ޗައިނާ އިން ވޯލްޑް ކަޕްގައި ކުޅެފައިވަނީ ވެސް އެންމެ ފަހަރަކު އެވެ. 2002 ވަނަ އަހަރު ޖަޕާން އަދި ދެކުނު ކޮރެޔާ ގައި ބޭއްވި މުބާރާތުގައި ޗައިނާއަށް ވާދަކޮށްފައިވާ އިރު އެފަހަރުގެ މުބާރާތުގައި ޗައިނާއަށް އެންމެ ގޯލެއްވެސް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
“ޗައިނާގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ބޭނުންކަމަށް ވަންޏާ ކަންތައްތަކެއް ބަދަލުކުރަން އެބަ ޖެހޭ. އެކަމަކު އެއީ ކޮން ކަންތައްތަކެއްކަން ކިޔައިދޭކަށް އަހަރެން މިވަގުތަކު ނެތިން. އަހަރެންނަކަށް ހިޔެއް ނުވޭ އަހަރެން އެވާހަކަތައް ކިޔައިދިނުން މުހިއްމުހެނެއް. އެކަމަކު އަހަރެންގެ އެބަހުރި ބައެއް ހިޔާލުތައް ޗައިނާގެ ފުޓްބޯޅަ ކުރިއަށްގެންދިއުމާ ގުޅޭގޮތުން.” ރާއްޖޭގެ ގައުމީ ޓީމާ މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލުވި ނެދަލޭންޑްސްގެ ކޫޕްމަން އާ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗާ ގުޅޭގޮތުން ރޭ ނޫސްވެރިއަކު ސުވާލުކުރުމުން ވާހަކަ ފެށީ މިގޮތަށެވެ.
ޗައިނާގެ ފުޓްބޯޅަ ކުރިއަރުވަން ކުރަންޖެހޭ ކަންކަން ކިޔައިދޭން ކޫޕްމަން ބޭނުންނުވާ ކަމަށް ފުރަތަމަ ބުނި ނަމަވެސް ކުރިން ޗައިނާގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާ ކޫޕްމަން އެއްކަމެއް ފާހަގަކުރި އެވެ.
“ފައިސާއަކުން ފުޓްބޯޅައެއް ނުގަނެވޭނެ. އެކަޑަމީތައް ޗައިނާގައި ބައިވަރު އެބަހުރި، ޒުވާން ރަގަޅު ކުޅުންތެރިން ވެސް އެބަތިބި، އެންމެ މުހިއްމު އެއް ކަމަކީ އެ ކުޅުންތެރިންގެ ބޭނުން ރަގަޅަށް ހިފުން. ގައުމީ ޓީމުގެ އެކި މަގާމުތަކުން އެ ކުޅުންތެރިންނަށް ޖާގަ ދިނުން. އޭރަށް މަދު އަހަރުތަކެއްގެ ތެރޭގައި ރަގަޅު ނަތީޖާތަކެއް ނެރެވޭނެ. ޒުވާން ކުޅުންތެރިން ޓީމުގައި ނުހިމަނައި ނުވަތަ ބެންޗްގައި ބައިތިއްބައިގެން ފުޓްބޯޅަ ކުރިއަރުވަން އުނދަގޫވާނެ.” ދެހާހުގެ މެދުތެރޭގައި ޗައިނާގެ ޓީމަކަށް ކޯޗްކޮށްދިން ކޫޕްމަން ބުންޏެވެ.
“އަހަރެން ހަނދާން އެބަހުރި އަހަރެން ޗައިނާގައި މަސައްކަތްކުރި އިރު އަހަރެންގެ ޓީމަށް ކުޅުނު ޒުވާން ތިން ކުޅުންތެރިޔަކަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ކަން. އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެކަންކަން އެބަ ޖެހޭ އަބަދުވެސް ކުރިއަށްދަން. ބްރެޒިލް އާއި އެހެންވެސް އެކަހަލަ ގައުމުތަކުން ކުޅުންތެރިން ގެނައުމަކީ އަހަރެން ދެކޭ ގޮތުގަ ހައްލެއް ނޫން. އަދި އެއީ ޗައިނާގެ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބޭނެ ކަމެއްވެސް ނޫން.” އުމުރުން 65 އަހަރުގެ ކޫޕްމަން އިތުރަށް ބުނެފައިވެ އެވެ.
ރާއްޖޭގެ ކޯޗް ޗައިނާއާ ގުޅޭ ގޮތުން ވާހަކަ ދެއްކި އިރު ރޭ ސީރިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު މެޗް ނިމުނީ 0-4 އިން ރާއްޖެ ބަލިވެގެންނެވެ. ރޭގެ މެޗުގައި ސީރިއާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ސީރިއާ އަށް ވަނީ ތިން ޕެނަލްޓީ ލިބި ތިން ޕެނަލްޓީވެސް ލަނޑަށް ބަދަލުކޮށްފަ އެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗް ބުނެފައިވަނީ މެޗުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީމެޗަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުމެވެ.
“މެޗުން ބަލިވީމަ އަހަރެމެންނަށް ދެއްކޭނެ ބައިވަރު އުޒުރު އެބަހުރި. އަހަރެންނަކަށް ހިޔެއް ނުވޭ އެ ހުރިހާ ކަމެއް އަހަރެންނަށް މިތާ ކިޔައިދެވޭނެހެނެއް. ދިވެހި ލީގު މެދުކަނޑާލައި ފުޓްބޯޅަ ކުޅޭ ދަނޑުތައް ބަންދުކުރިތާ ހަ ހަފްތާ ވީ ފަހުން އަހަރެމެން ދަނޑުމަތީގަ ފަރިތަކުރީ އެންމެ ނުވަ ފަހަރު. އެއީ އެއް ކަންތައް. ދެވަނަ ކަމަކީ އަހަރެމެން މިކަހަލަ މެޗެއް މި ކުޅުނީ ދޮޅު އަހަރު ފަހުން. އަހަރެމެންނަށް އެނގޭ މި މެޗް އުނދަގޫ ވާނެކަން. އެކަން މެޗްގަ ފެނިގެންވެސްދިޔަ ސީރިޔާއިން އަހަރެމެންނަށްވުރެ މާ ރަގަޅަށް ކުޅުނު.” ކުރިން ސައޫދީ އަރަބިއްޔާގެ އިތުރުން އަރޫބާގައިވެސް ކޯޗެއްގެ ގޮތުން މަސައްކަތްކުރި ކޫޕްމަން ރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.
“އަހަރެން ބޭނުމެއް ނޫން ކުޅުންތެރިން ކުށްވެރިކުރާކަށް. ދަނޑުމަތީގެ އެމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރި. އަހަރެމެންނަށް އެނގޭ އަހަރެމެން މިއައީ ކިހާ ހިސާބަކުންކަން. މިއީ އަހަރެންގެ ފުރަތަމަ މެޗް. މިހާރު މުހިއްމީ ދެން އޮތް މެޗަށް ރިކަވާ ވުން. އަހަރެމެންގެ އެއްވެސް ކުޅުންތެރިޔަކަށް ބޮޑު އަނިޔާއެއް ނުވޭ. އަހަރެމެން މާދަމާއިން ފެށިގެން ބުރަކޮށް މަސައްކަތްކުރާނީ ޗައިނާ މެޗަށް ތައްޔާރުވާން.” ކޫޕްމަން ބުނެފައިވެ އެވެ.
ގްރޫޕް އޭގައި ޗައިނާ އާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ފަހު މެޗްގައި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
Advertisement
Leave a Reply