ތިން ޕެނަލްޓީގެ އެހީގައި ސީރިއާ އިން ރާއްޖެ ބަލިކޮށްފި
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ 4-0 އިން ރާއްޖެ ބަލިކޮށް ސީރިއާ އިން ގްރޫޕް އޭގެ އެއް ވަނަ ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
ބޮޑު މޮޅާ އެކު ސީރިއާ އިން ވަނީ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައި ހަ މެޗުން 18 ޕޮއިންޓް ހޯދާފަ އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ލިބިފައިވާ ޗައިނާ އެވެ. ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިވާ ފިލިޕީންސެވެ. ހަ މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގައި ސީރިއާ މި މަހުގެ ހަތް ވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށް ވޯލްޑް ކަޕް ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.
2018 ވަނަ އަހަރުގެ ރަޝިއާގައި އޮތް ވޯލްޑް ކަޕުން ސީރިއާ އަށް ފުރުސަތު ގެއްލުނީ ޕްލޭއޮފް ގައި ދެ ލެގުގެ އެގްރިގޭޓުން އޮސްޓްރޭލިއާ އަތުން ބަލިވުމުންނެވެ.
އަނެއްކޮޅުން މިރޭ ހޯދި މުހިއްމު މޮޅާ އެކު ސީރިއާ އަށް މިހާރު ވަނީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އޭޝިއަން ކަޕްގެ ސީދާ ޖާގަތައް ލިބެނީ ކޮލިފައިންގެ އަށް ގްރޫޕުން އެއް ވަނަ ކަށަވަރުކުރާ ޓީމުތަކަށާއި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ދެ ވަނަ ލިބޭ ހަތަރު ޓީމަށެވެ. ބާކީ އޮތް ދެ މެޗުން ސީރިއާ ބަލިވިޔަސް ރަނަރަޕް ޓީމުގެ ހައިސިއްޔަތުން ސީރިއާ އަށް އޭޝިއަން ކަޕްގެ ޖާގަ ކަށަވަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިރޭގެ މެޗަކީ މިދިޔަ 18 މަސްތެރޭ ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ރާއްޖޭން އެންމެ ފަހުން ވާދަވެރި މެޗެއްގައި ކުޅުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ކޮލިފައިންގައި އަމިއްލަ ދަނޑުގައި ގުއާމްއާ ދެކޮޅަށެވެ. އޭގެފަހުން ކޮވިޑާ ގުޅިގެން މެޗުތައް ވަނީ ކެންސަލްވެފަ އެވެ. އަދި މިއީ ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގައި ދިވެހި ޓީމުގެ ގޯލު ބެލެހެއްޓީ ކްލަބް ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. ޑިފެންސުގައި ހަރަކާތްތެރިވީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި އަލީ ސަމޫހް (ސަމުއްޓޭ) އަދި އިބްރާހީމް އައިސަމްގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އެވެ. މެދުތެރޭގައި ކުޅުނީ ހުސައިން ނިހާން (ނިހާޓް) އާއި މުހައްމަދު އުމެއިރުގެ އިތުރުން އިމްރާން ނަޝީދު އެވެ. އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކުޅުނުއިރު ކުރި ބެލެހެއްޓީ އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
ދުބާއީގެ ޝަރްޖާހް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ސީރިއާ އިން ލީޑު ނެގުމާ ހަމައަށް ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ކުރީކޮޅު ސީރިއާގެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާއެއް ކީޕަރު ފައިސަލް މަތަކުރިއިރު 19 ވަނަ މިނެޓުގައި ރާއްޖޭން އުފެއްދި ފުރަތަމަ ހަމަލާގައި އުމެއިރު ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑެވެ. އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ސީރިއާގެ ކުޅުންތެރިއަކު ގޯލަ ފޮނުވާލި ބޯޅައެއް ރޮނގުމަތިން އަކްރަމް ވަނީ ސާފުކޮށްލައިފަ އެވެ. މެޗުގައި ސީރިއާގެ ފުރަތަމަ ލަނޑު ޖެހީ މަހުމޫދު އަލް މަވާސް އެވެ. އަރިމަތިން ސީރިއާގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ މަވާސް ގޯލަށް ފޮނުވާލީ އޭރިޔާ ތެރޭ ހުހަށް ހުރެ އެވެ.
މެޗުގައި ބާކީ ތިން ގޯލު ސީރިއާ އިން ޖެހީ ލިބުނު ތިން ޕެނަލްޓީންނެވެ. ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އައިއަސް އުސްމާން އެވެ. މިއީ ރާއްޖޭގެ އަކްރަމް ސީރިއާ ކުޅުންތެރިއަކަށް ފައުލް ކުރުމް ރެފްރީ ދިން ޕެނަލްޓީއެކެވެ. ސަމުއްޓޭ އަތުގައި ޖެހުމުން މި ހާފުގެ އިތުރު ވަގުތުގައި ސީރިއާ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖެހި އަލް މަވާސް އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަލް މަވާސް ހެޓްރިކް ފުރިހަމަކުރީ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބަދަލުކުޅުންތެރިޔާ މުހައްމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ 85 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ސީރިއާގެ މޯޔަދު އަޒާން އަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފަ އެވެ.
މުޅި މެޗުގައި ރާއްޖޭގެ ޓީމަށް ސީރިއާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ. އެކަމަކު ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބާރު ހަމަލާއެއް ސީރިއާގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗުގައި ރާއްޖޭން ސީރިއާގެ ގޯލަށް ތިން ހަމަލާ ފޮނުވާލިއިރު ސީރިއާ އިން ވަނީ ރާއްޖޭގެ ގޯލަށް 27 ހަމަލާ ފޮނުވާލާފަ އެވެ. މެޗުގައި ކީޕަރު ފައިސަލް ގިނަ ހަމަލާތަކެއް ވަނީ ހުއްޓުވާފަ އެވެ.
ޖޫން ހަތް ވަނަ ދުވަހު މި ގްރޫޕްގައި ކުޅޭ ފުރަތަމަ މެޗުގައި ގުއާމް ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. އެދުވަހު ދެން ކުޅޭނީ ޗައިނާ އާއި ފިލިޕީންސެވެ. ރާއްޖޭން ދެން ކުޅޭ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 10 ޖަހާއިރު އެވެ. ފަހު މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
Advertisement
Leave a Reply