ކޮވިޑުން ރަގަޅުވެ ދަގަނޑޭ މާދަމާ އަލުން ގައުމީ ޓީމާ ގުޅެނީ
ވޯލްޑް ކަޕާއި، އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗްތައް ކުޅެން ރާއްޖޭގެ ގައުމީ ޓީމާއެކު ދުބާއީ އަށް ގޮސްހުރި އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވެ ހަފްތާއެއްހާ ދުވަހު ޓީމާއި އެކަހެރިވެގެން ހުރުމަށްފަހު މިއަދު ހެދި ޓެސްޓް ނެގެޓިވް ވުމާ ގުޅިގެން މާދަމާ އަލުން ޓީމާ ގުޅެން ތައްޔާރުވެއްޖެ އެވެ.
ކުރިން ޗައިނާގައި ކުޅެން ހަމަޖެއްސި މެޗްތައް ކުޅުމަށްޓަކައި މިދިޔަ އާދީއްތަ ދުވަހު ޗައިނާއަށް ފުރާ ގޮތަށް ހަމަޖެހިފައިވަނިކޮށް ޓީމަށް ފުރޭގޮތް ނުވީ، ޓީމް ފުރުމުގެ ކުރިން ހެދި ޓެސްޓްތަކުން ދަގަނޑޭ އާއި އަލީ ޝާމިސް (ތޮއްޕެ) ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެނމްނެވެ. ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ އިތުރުން ޗައިނާ އަށް ދިއުމަށްޓަކައި ދުބާއީ އަށް ގޮސް ތިބި ގްރާޕްގެ އެހެން ދެ ޓީމެއް ކަމަށްވާ ފިލިޕީންސް އާއި ސީރިއާގެ ގައުމީ ޓީމުގެ ބައެެއް ކުޅުންތެރިންވެސް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ޗައިނާއަށް ދަތުރުކުރެވޭ ގޮތް ނުވުމާއެކު އެންމެ ފަހުން ގްރޫޕްގެ މެޗްތައް ދުބާއީ އަށް ބަދަލުކުރީ އެވެ.
ގައުމީ ޓީމު ދުބާއޭ އަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕްކޮށްފައިވަނިކޮށްވެސް ދަގަނޑޭ އަށް ޓީމާއި ދުރަށް ދާންޖެހުނެވެ. ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އައިސޮލޭޓްވާން ޖެހުނު ނަމަވެސް ދުބާއީ އަށް ޓީމާއެކު ފުރޭގޮތްވީ އޭރު ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ރާއްޖޭގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހައިދިނުމުގެ އިތުރުން ރާއްޖެއަށް ބައިނަލް އަގްވާމީ ފުޓްބޯޅަ މުބާރާތަކުން އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ދަގަނޑޭ އަށް ކޮވިޑްގެ ސަބަބުން ޓީމާ ދުވަސްކޮޅަކަށް ވަކިވާން ޖެހުނު އިރު މިރެއަކީ ރާއްޖެއިން ގްރޫޕްގެ އެއްވަނައިގައި އޮތް ސީރިއާ އާ ދެކޮޅަށް ނުކުންނަ މެޗް ކުޅޭ ރެ އެވެ. ދަގަނޑޭ އަކީ ރާއްޖެއިން މި ކޮލިފައިން ބުރުގައި ސީރިއާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ދުބާއީ ގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 1-2 އިންނެވެ.
Advertisement
Leave a Reply