މިއީ އާ ކުޅުންތެރިން ތަފާތު ދައްކަންވީ ވަގުތު: ކޫޕްމަން

Advertisement

މިއީ އާ ކުޅުންތެރިން ތަފާތު ދައްކަންވީ ވަގުތު: ކޫޕްމަން

ޢަލީ ޝަހީމް
ރާއްޖޭގެ ކުޅުންތެރިން ދުބާއީގައި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ. މިރޭ ސީރިއާއާ ދެކޮޅަށް ނުކުންނާނެ. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ސީރިއާ އަކީ ގްރޫޕްގެ އެއް ވަނަ ޓީމުކަމަށާއި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ދިމާވެފައިވާ އުނދަގޫ ހާލަތުގައި މިއީ އާ ކުޅުންތެރިން ތަފާތު ދައްކަންވީ ވަގުތުކަމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.

2022 ގަތަރު ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ގަތަރާއި، ޗައިނާ، ފިލިޕީންސް އަދި ގުއާމްއާ އެކު ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. މިދިޔަ އަހަރު ކޮވިޑާ ގުޅިގެން މެޗުތައް ފަސްކުރުމަށް ފަހު ގްރޫޕްގެ ބާކީ މެޗުތައް ސެންޓްރްލައިޒްކޮށް ކުރިއަށްގެންދަން ނިންމީ ޗައިނާގަ އެވެ. އެކަމަކު ފިލިޕީންސާ، ސީރިއާ އަދި ރާއްޖެއަށް ޗައިނާ އަށް އެތެރެ ނުވެވުމުން މެޗުތައް ދުބާއީގައި ކުޅެން ނިންމީ އެވެ.

މިރޭ ސީރިއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ މެޗުން ޕޮއިންޓެއް ވެސް ހޯދިދާނެ ކަމަށާއި، މޮޅެއް ވެސް ހޯދިދާނެ ކަމަށެވެ. ގަދައަޅާ މަސައްކަތްކޮށްފި ނަމަ ފުޓްބޯޅަ ދުނިޔެ ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ވެސް ނެރެވިދާނެކަމަށް ކޫޕްމަން ބުންޏެވެ.

“އަހަރެން ކަރުދާހުގައި ޕްލޭން ހަދައިގެން ޕްރެކްޓިސްގައި މަސައްކަތްކުރާނަން މެޗަށް ތައްޔާރުވާން. ޓީމު މަސައްކަތްކުރަންވީ ރަނގަޅު ފެންވަރުގެ ފުޓްބޯޅައެއް ކުޅެ ދަނޑުމަތީގައި ތަފާތު ދައްކަން” މެޗާ ގުޅޭގޮތުން ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކޯޗިން ޓީމު ހަރަކާތްތެރިވަނީ. ސީރިއާއާ ދެކޮޅަށް ނުކުންނައިރު ގައުމީ ޓީމަށް އޮތް ގޮންޖެހުން ބޮޑު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

އުމުރުން 65 އަހަރުގެ ތަޖުރިބާކާރު ކޯޗު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ ގައުމީ ޓީމު ގޮވައިގެން ވާދަވެރި މެޗަކަށް މި ނުކުންނަނީ މަގާމާ ހަވާލުވިތާ 495 ދުވަސް ފަހުންނެވެ. މިދިޔަ އަހަރު މެޗުތައް ޝެޑިއުލް ކުރިއިރު ކޫޕްމަން ދިޔައީ ރަނގަޅު ޓީމެއް އެކުލަވާލައި މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. އެކަމަކު ކޮވިޑާ އެކު ތައްޔާރީތަކަށް ހުރަސްއެޅި އެންމެ ފަހުން މެޗުތައް ކެންސަލްވީ އެވެ.

ކޫޕްމަން ބުނީ މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ތިބީ މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރަށް ކަމަށާއި މިވަގުތު ޓީމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު މުހިއްމީ އެވާހަކަތައް ނުދައްކައި މަސައްކަތްކުރުން ކަމަށް ކޯޗު ބުންޏެވެ.

“މިހެން ދިމާވާ އުނދަގޫ ވަގުތުގައި އަބަދުވެސް އާ ކުޅުންތެރިން ތެދުވަން ޖެހޭނެ” ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އިޝާރާތްކޮށް ކޫޕްމަން ބުންޏެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުން ފަސް މެޗުން މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. އަމިއްލަ ގައުމުގައި މިދިޔަ ހަފްތާ 7-0 އިން ގުއާމް ބަލިކޮށް 10 ޕޮއިންޓާ އެކު ޗައިނާ އޮތީ ދެ ވަނައިގަ އެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު ފިލިޕީންސް އޮތްއިރު ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިޗަނީ ހަ ޕޮއިންޓެވެ. ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ރާއްޖެއަށް ބާކީ އޮތީ ސީރިއާ އާއި ޗައިނާ އަދި ފިލިޕީންސާ ވާދަކުރާ މެޗެވެ. ސީރިއާއާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ. މިރޭގެ މެޗަކީ ކުރިން ގަލޮޅު ދަނޑުގައި ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗެކެވެ.

މުހިއްމު މެޗަކަށް ނުކުންނައިރު ކޮވިޑަށް ޕޮޒިޓިވްވެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ވަނީ ބާކީވެފަ އެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގެ ޖެން ހޮޓެލްގައި ގައުމީ ޓީމް ކޭމްޕްކުރިއިރު ކޮވިޑަށް ޕޮޒިޓިވްވުމުން މުހިއްމު ކުޅުންތެރިންތަކަކަށް ކޭމްޕް ގެއްލުނެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) އެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފަހި ފުރުސަތެއް ރާއްޖޭން ނުލިބުމުން ގައުމީ ޓީމު ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުބާއީ އަށް ގޮސް އެގައުމުގައި ރަނގަޅު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު އެންމެ ފަހުގެ ކޮވިޑް ޓެސްޓުތަކުގެ ނަތީޖާއިން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ ހަތް ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓްވެފަ އެވެ.

ރާއްޖެ އާއި ސީރިއާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގަ އެވެ. މި މެޗު ޕީއެސްއެމްގެ ޗެނަލް ޔެސް ޓީވީ އިން ވަގުތުން ދައްކާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *