ނަބާހާގެ އޮލިމްޕިކްސް ދަތުރު: މިއީ ޝައުގާއި، ގުރުބާނީގެ އިންތިހާ
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ގައުމު ތަމްސީލްކުރަން ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ގައުމެއްގެ ނިސްބަތުން މަދު އެތުލީޓަކަށް ނޫނީ ލިބޭނެ ފުރުސަތެއް ވެސް ނޫނެވެ. ބައެއް ކުޅިވަރުތަކުން އެ ފުރުސަތު އަމުދުން ލިބޭ މިންވަރު މަދެވެ. އަންނަ މަހު ޖަޕާންގައި ފަށާ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި ވާދަކުރަން ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގަށް އިއްޔެ ލިބުނު ފުރުސަތަކީ އެފަދަ ފުރުސަތެކެވެ.
އުމުރުން 21 އަހަރުގެ ނަބާހާ އަށް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރަން ލިބުނު ފުރުސަތު ހާއްސަވަނީ އެ މުބާރާތުގައި ވާދަކުރާ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާއަށް ނަބާހާ ވުމުން އެކަންޏެއް ނޫނެވެ. އެއީ ނަބާހާ އެންމެ ލޯބިވާ ކުޅިވަރަށް ފެށުނީއްސުރެ އޭނާ ބެހެއްޓި ޝައުގުވެރިކަމާއި، ކަމޭހިތުމުގެ ނަތީޖާ އެވެ. އަމިއްލަ ދިރިއުޅުމާ ގުޅުންހުރި މުހިއްމު ކިތަންމެ ކަމެއް އެއްފަރާތް ކުރުމަށްފަހު ނަބާހާ ވީ ގުރުބާނީގެ އިނާމެވެ. ހަޔާތުގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދަން މިވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނަބާހާ އެ ދައްކާލީ ބެޑްމިންޓަނަށް އޭނާގެ ހިތުގައި އޮތް ލޯބީގެ އިންތިހާ އެވެ. މިއީ ކުޅިވަރު ކުޅޭ ކޮންމެ އެތުލީޓަކަށް ނަމޫނާއަކަށް ފުދޭވވަރުގެ މިސާލެކެވެ.
“މިދިޔަ ހަތަރު އަހަރަކީ އަހަރެންގެ ކެރިއަރުގައި ތަޖުރިބާކުރި ވަރަށް ދިގު އަދި އުނދަގޫ ހަތަރު އަހަރު. މި ދުވަސްތަކުގެ ތެރޭގައި އަހަރެންނަށް ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުމަކީ އަހަރެންގެ ކިޔެވުން ކުރިއަށްގެންދާނީތޯ ނުވަތަ އެކަން އެއްފަރާތް ކުރުމަށްފަހު ބެޑްމިންޓަނަށް ހުސްވާނީތޯ ނިންމަންޖެހުނު ނިންމުން. އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއި މެދުކެނޑުމެއްނެތި ލިބެމުން އައި އެހީތެރިކަމާއެކު އަހަރެންނަށް ފުލް ޓައިމް ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށްދިއުމުގެ ފުރުސަތު ލިބުނު.” އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު އިއްޔަ ފޭސްބުކްގައި ނަބާހާ ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގައި އެއް ކުޅިވަރަކަށް ހުސްވެ ހުރެގެން ކުރިއަށްދާން ކިރިޔާވެސް ފުރުސަތެއްވެސް އޮތީ ފުޓްބޯޅައިގައި އެކަންޏެވެ. އެއާ ހިލާފަށް ބެޑްމިންޓަނަކީ ރާއްޖޭގައި އެ ކުޅިވަރަށް އޮތް މަގްބޫލްކަމަށް ބަލާއިރު ވަރަށް މަދު ކުޅުންތެރިޔަކަށް ނޫނީ އެކަމަށް އެކަނި ހުސްވެގެން ފަރުޖެއްސެން އޮތް ކުޅިވަރެއް ނޫނެވެ. ނަބާހާގެ ތަފާތަކަށްވީ އޭނާގެ ހިތުގައި ބެޑްމިންޓަނަށް އޮތް ބޮޑު ޝައުގުވެރިކަމެވެ. އޭގެ ތެރެއިން ދެން އުފަންވެ ނި އުޅެން ފެށީ ބެޑްމިންޓަންގައި ނަބާހާ ހޯދަންފެށި ކާމިޔާބީގެ ދިގު ލިސްޓެވެ. އޮލިމްޕިކްސްގެ ރަން ފުރުސަތު ނަބާހާއަށް ހަގީގަތަކަށްވީ މިހުރިހާ ކަމެއް އެކުވެގެން ކަން ޔަގީނެވެ.
މިވޭދިޔަ ގާތްގަނޑަކަށް ދެތިން އަހަރެއްގެ ތެރޭގައި ނަބާހާ ވަނީ ބެޑްމިންޓަންގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނަބާހާ އަކީ ރާއްޖޭގެ ގައުމީ އަންހެން ޗެމްޕިއަނެވެ. އެންމެ ފަހުން ބޭއްވުނު ގައުމީ ބެޑްމިންޓަން މުބާރާތަކީ ގައުމީ ފެންވަރުގައި ނަބާހާގެ އެންމެ ކުލަގަދަ ކާމިޔާބެވެ. އެ މުބާރާތުގެ ފަހު ދުވަހު ތިން ފައިނަލެއްގައި ވާދަކޮށް ނަބާހާ އެ ހުރިހާ މެޗެއްވެސް ނިންމާލީ ރަނުންނެވެ. މިއީ 46 އަހަރުވީ ގައުމީ ބެޑްމިންޓަން މުބާރާތުގައި މަދު ކުޅުންތެރިއަކަށް ނޫނީ ހާސިލް ކުރެވިފައި ނެތް ކާމިޔާބީއެކެވެ.
“މިވޭތުވެދިޔަ ތަނުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އަހަރެން ބުރަކޮށް މަސައްކަތްކުރީ އަހަރެންގެ ގައުމު ފަހުރުވެރިކޮށްދިނުމަށްޓަކައި. މި ދަތުރުގައި އަހަރެންނާ ވަރަށް އުފާވެރި ވަގުތުތައް ބައްދަލުކުރި. އެކަމަކު އަހަރެން އަބަދުވެސް ދެކެމުން އައި އެންމެ ބޮޑު ހުވަފެނަކަށްވީ އޮލިމްޕިކްސްގައި ދިވެހި ރާއްޖެ ތަމްސީލްކުރުން. މިއަދު މިއޮތީ އެ ހުވަފެން ހަގީގަތަކަށްވެފަ.” ނަބާހާ ބުނެފައިވެ އެވެ.
ނަބާހާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މިހާތަނަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އާއިލާ އެވެ.
“މި ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އަހަރެންގެ އާއިލާއަށް. އަހަރެންގެ ކެރިއަރުގައި ފެށުނީއްސުރެ އާއިލާގެ ފަރާތުން ލިބެމުން އައި އެހީތެރިކަމަށް އަހަރެން ޝުކުރު އަދާކުރަން. ވަކިން ހާއްސަ ޝުކުރެއް އަހަރެންގެ އެއް މާބަނޑު ކޮއްކޮ ނަބީހާ އަށް އަދާކުރަން ބޭނުން. ނަބީ އަބަދުވެސް އަހަރެންނާއެކު ވި.” ނަބީހާއާ އެކު ރާއްޖެއިން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގެ ގަދަ 100 ޕެއާގެ ތެރޭގައި ހިމެނުނު ނަބާހާ ބުނެފައިވެ އެވެ.
ނަބާހާއަށް މިހާތަނަށް ލިބުނު ގިނަ ކާމިޔާބީތަކުގައި ސީދާ ގޮތުން ހިއްސާވާ ފަރާތަކީ ކޮއްކޮ ނަބީހާ އެވެ. ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި މި ދެބެއިން ވާދަކުރަނީ އެކުއެކީގަ އެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ނަބާހާގެ ދެބެން ހޯދި ގިނަ ކާމިޔާބީތަކުގެ ތެރެއިން އެންމެ ގިނަ ދިވެހިން ދަންނާނެ ކާމިޔާބީ އަކީ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެ ދެބެން ރާއްޖެއަށް ހޯދައިދިން ކާމިޔާބީ އެވެ. މުބާރާތުގެ އަންހެން ސިންގަލްސް ބައިން ނަބީހާ ފަހްރުވެރި ރަން މެޑަލް ހޯދިއިރު މުބާރާތުގެ އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާ ރިހި މެޑަލް ހޯދި އެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ މި މުބާރާތުގެ އިތުރުން ދެކުނު އޭޝިޔާ ސަރަހައްދުގައި މިވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ބެއްވުނު ގިނަ މުބާރާތްތަކެއްގައި ވާދަކޮށް މި ދެބެއިން ވަނީ ރަގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މީގެ ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު ކުރިއްސުރެ ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ތަނަވަސްކޮށްދިން ފުރުސަތެއްގެ ތެރެއިން ޓޯކިޔޯ އޮލިމްޕިކްސް އަށް އަމާޒުކޮށް ނަބާހާ އައީ ހާއްސަ ތަމްރީންތަކެއްވެސް ހަދަމުންނެވެ. މުބާރާތުގައި ވާދަކުރެވޭނެ ކަމުގެ އުއްމީދުގައި ފަސް ވަރަކަށް އަހަރު ވޭތުވެގެން ގޮސް އިއްޔެ އެކަން ހަގީގަތަކަށްވުމާއެކު ނަބާހާ ވަނީ އޭނާގެ ޝުކުރުގެ ލިސްޓުގައި ބެޑްމިންޓަން އެސޯސިއޭޝަނާއި، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ނަންވެސް ވަކިން ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.
ނަބާހާ އަށް މިފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ލިބުނީ ބެޑްމިންޓަން އެސޯސިއޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކަށާއި، ކުޅުންތެރިޔާ ބައިނަލް އަގްވާމީ މުބާރާތްތަކުގައި ހޯދާ ނަތީޖާތަކާ ރޭންކިން އަށް ބެލުމަށްފަހު ދޭ ފުރުސަތެކެވެ. މިކަންކަމަށް ބަލާއިރު ނަބާހާ އަށް ލިބުނު ފުރުސަތު އޭނާ އަށް މާ ބޮޑަށްވެސް ހައްގެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން ނަބާހާ ވަނީ ރަގަޅު ފެންވަރުގެ ބައިނަލް އަގްވާމީ ގިނަ މުބާރާތްތަކެއްގައި މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނަބާހާ އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ ކޮވިޑް 19 ގެ އާލަމީ ވަބާ މުޅި ދުނިޔެ ވަށާލުމުގެ ކުޑަ ދުވަސްކުޅެއް ކުރިން ޔޫގެންޑާގައި އޮތް ބައިނަލްއަގްވާމީ މުބާރާތެވެ. ޔޫގެންޑާ އިންޓަނޭޝަނަލް 2020 ގެ ނަމުގައިި ބޭއްވި އެ މުބާރާތުގެ މިކްސް ޑަބަލްސް ކެޓަގަރީން ބެޑްމިންޓަން ތަރި ޒަޔާން ޒަކީއާ އެކު ކުޅެ ނަބާހާ ލޯ މެޑަލް ހޯދި އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ޕާކިސްތާނުގައި އޮތް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން ގަބޫލުކުރާ މުބާރާތެއްގައި ބައިވެރިވެ އެ މުބާރާތުގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި އެވެ. ނަބާހާގެ ކޮއްކޮ ނަބީހާގެ އިތުރުން ޒަޔާން ޒަކީ ވެސް ހިއްސާ ވެގެން ރަން މެޑަލާ ހަމައަށް ވާސިލްވުމާއެކު ރާއްޖޭގެ ބެޑްމިންޓަންގެ ތާރީހްގައި މި ދެ ކުޅުންތެރިންނާއެކު ނަބާހާގެ ނަން އަނެއްކާވެސް ލިޔެވުނެވެ. އެއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން ގަބޫލުކުރާ މުބާރާތަކުން ރާއްޖޭގެ ކުޅުންތެރިން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
ކޮވިޑް 19 ގެ ސަބަބުން ކުޅިވަރު ކުޅުމާއި ތަމްރީންތައް ހެދުމުގެ ފުރުސަތު ބަންދުވެފައި އޮތް ދުވަސްވަރެއްގައި ނަބާހާއަށް ލިބުނު ބޮޑު ފުރުސަތާ އެކު ރަގަޅު ނަތީޖާއަކަށް ވާސިލްވުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ނަބާހާ ހުރީ ޕޮޒިޓިވް މޫޑެއްގަ އެވެ.
“އޮލިމްޕިކްސް ގައި އަހަރެންގެ އެންމެ ރަގަޅު ކުޅުން ދައްކަން މަސައްކަތްކުރާނަން. އަދި މިއީ ކުރިއަށް އޮތް މުސްތަގްބަލްގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަން ފަހިވެގެން ދާ ރަގަޅު ފުރުސަތަކަށް އަހަރެން ހަދާނަން.” ފޭސްބުކްގައި ނަބާހާ އިއްޔެ ހިއްސާކުރި ޕޯސްޓްގައި ލިޔެފައިވެ އެވެ.
“ފަހުމިނެޓް” ގެ ފަރާތުން ނަބާހާ އަށް މި ލިބުނު ކާމިޔާބީ އަށް ވަރަށް ހޫނު މަރުހަބާ ކިޔަމެވެ.
Advertisement
Leave a Reply