ފަލަސްތީނު ބޮޑު ތަފާތަކުން ސިންގަޕޫރު ބަލިކޮށްފި

Advertisement

ފަލަސްތީނު ބޮޑު ތަފާތަކުން ސިންގަޕޫރު ބަލިކޮށްފި

ޢަބްދުﷲ އަޝްރަފް

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށާއި، 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕްގައި ވާދަކުރާ ޓީމްތައް ހޮވުމަށްޓަކައި މިހާރު ކުރިއަށްދާ ކޮލިފައިން ބުރުގެ ގްރޫޕް ޑީ ގައި ފަލަސްތީނުން ސިންގަޕޫރާ ވާދަކޮށް 0-4 އިން މެޗް ކާމިޔާބުކޮށްފި އެވެ. މި ނަތީޖާ އާ އެކު ފަލަސްތީނު ވަނީ ފަސް ޓީމް ހިމެނޭ ގްރޫޕްގެ ތިން ވަނައަށް އަރައިފަ އެވެ.

ގްރޫޕް ޑީގައި ފަލަސްޓީނާއި ސިންގަޕޫރުގެ އިތުރުން ދެން ހިމެނެނީ ސައޫދީ އަރަބިއްޔާ، އުޒްބަކިސްޓާން އަދި ޔަމަން އެވެ. މި ގްރޫޕްގެ އެއްވަނައިގައި ފަސް މެޗް ކުޅެގެން ހޯދި 11 ޕޮއިންޓާއެކު ސައޫދީ އަރަބިއްޔާ އޮތް އިރު ހަމަ އެ އަދަދަށް މެޗު ކުޅެގެން ހޯދި ނުވަ ޕޮއިންޓާ އެކު ދެވަނައިގައި އޮތީ އުޒްބަކިސްޓާނެވެ. ހަތް ޕޮއިންޓާއެކު ތިންވަނައިގައި  ފަލަސްޓީނު އޮތް އިރު ހަތަރު ވަނައިގައި އޮތް ސިންގަޕޫރަށްވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފަލަސްޓީނަށް ގްރޫޕްގައި ބާކީ އެއް މެޗު އޮތް އިރު ސިންގަޕޫރަށް އަދި ބާކީ ދެ މެޗް އެބަ އޮތެވެ. ގްރޫޕްގެ ފުލުގައި އޮތް ޔަމަން އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެކަމަކު އެ ޓީމު އަދި ތިން މެޗް ނުކުޅެ އެބަ އޮތެވެ.

Advertisement

ކޮލިފިކޭޝަންގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ގްރޫޕްގެ ތިންވަނައަށް ދާ ޓީމަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ގޮތުން ކުޅެންޖެހޭ އެހެން ބުރަކަށް ދިޔުމުުގެ ފުރުސަތު އޮތް އިރު އެ ފުރުސަތު ހޯދުމުގެ އަމިއްލަ ބާރެއް މިހާރަކު ފަލަސްތީނަކަށް ނެތެވެ. އެކަމަކު ފަލަސްތީނު ދެން ކުޅެން ޖެހޭ މެޗަކީ ފުލުގައި އޮތް ޔަމަނާ ވާދަކުރާ މެޗް ކަމަށް ވެފައި، ފަލަސްތީނަށްވުރެ ފަހަތުގައި އޮތް ސިންގަޕޫރާއި ޔަމަނަށް ބާކީ ދެން ހުރި މެޗްތަކަކީ ގްރޫޕްގެ އެންމެ ވަރުގަދަ ދެ ޓީމާ ދެކޮޅަށް ކުޅެންޖެހޭ މެޗްތަކެއް ކަމަށްވުމާއެކު ކޮލިފިކޭޝަންގައި ފަލަސްތީނަށް ކުރިއަށްދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ސިންގަޕޫރާއި ފަލަސްތީން ބައްދަލުކުރި މެޗްގައި ފަލަސްތީނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ.  ފަހު ލަނޑު ފަލަސްތީނުން ކާމިޔާބުކުރީ މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ފަލަސްތީނުން ނަތީޖާ 0-3 އަށް ބަދަލުކޮށްލި އިރު އެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެކެވެ. އިއްޔެގެ މެޗުން ފަލަސްޓީނު މޮޅުވި ނަމަވެސް އެ ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 1-2 އިން ވީ ބައްޔެވެ.

އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި އިއްޔެ ކުޅުނު އެހެން ބައެއް މެޗްތަކަށް ބަލާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ނޭޕާލް ވަނީ ޗައިނީސް ޓައިޕޭ އާ ވާދަކޮށް 0-2 އިން މޮޅުވެފަ އެވެ. ބަންގްލަދޭޝް އާއި އަފްގާނިސްތާން ބައްދަލުކުރި މެޗް 1-1 އިން ވީ އެއްވަރެވެ. އިންޑިއާ އިން ގަތަރާ ވާދަކޮށް 0-1 އިން ވީ ބައްޔެވެ.

ކޮލިފިކޭޝަންގައި މިއަދަކީ ރާއްޖެ އަށް ހާއްސަ ދުވަހެކެވެ. ގްރޫޕް އޭ ގައި ރާއްޖެ ކުޅޭ ހަވަނަ މެޗްގައި މިރޭ ރާއްޖޭގެ ގަޑިން 9 ޖަހާއިރު ވާދަކުރަން ހަމަޖެހިފައި ވަނީ ގްރޫޕްގެ އެއްވަނައިގައި އޮތް ސީރިއާ އާ އެވެ. މި މެޗް ޕީއެސްއެމްގެ ޔޭސް ޓީވީން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *