އިޓަލީގެ ގައުމީ ޓީމް އިއުލާންކުރުން، މުޅިން އެހެން ލެވަލް އެއް
މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިޓަލީގެ ގައުމީ ޓީމް އިއުލާންކުރުން ތަފާތު ގޮތަކަށް ބާއްވައިފި އެވެ. ޔޫރޯއަށް ތައްޔާރުވަމުން އަންނަ އެހެން ގައުމުތަކުން ސްކޮޑް އިއުލާންކުރުން ޕްރެސްއަކުން ނިންމާލިއިރު، ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފައިވަނީ އިޓަލީގެ ގައުމީ ޓީވީ ޗެނަލެއް ކަމަށްވާ ރާއީ 1 އިން އެކަމަށް ހާއްސަކޮށްގެން ގެނެސްދިން ދެ ގަޑިއިރުގެ ޝޯއެއްގެ ތެރެއިންނެވެ.
ރޭ އިއުލާންކުރި އިޓަލީގެ ޓީމުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ސަސޯލ،ޯގެ ފޯވާޑް ޖިއަކޯމޯ ރަސްޕަޑޯރީގެ ނަމެވެ. އެކަމަކު ރޭ އިއުލާންކުރި ޓީމަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ޓީމް އިއުލާންކުރަން ބޭއވި ޝޯގެ އެކި ހަރަކާތްތަކަށެވެ. ލަވަޔާއި، މިޔުޒިކާއި، ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ޝޯގައި އިޓަލީ ޓީމްގެ ކުޅިންތެރިންވެސް ލަވަކިޔުމާއި ނެށުމުގެ ހަރަކާތްތަކުގައި ބައިވެރިވި އެވެ. އަދި އެންމެ ފަހުން ޝޯ ނިންމާލުމުގެ ގޮތުން ޓީމްގެ ހުރިހާ ކުޅުންތެރިން ވަނީ އެކުގައި ގައުމީ ސަލާމްވެސް ކިޔައިފަ އެވެ.
ސްކޮޑް އިއުލާންކުރަން ބޭއްވި ޝޯގައި ގައުމީ ޓީމަށް ނެގި ކުޅުންތެރިންގެ ނަންތައް އިއްވީ އިޓަލީ ޓީމްގެ ކޯޗް މަންޗީނީ ދިން ލިޔުމެއް ބަލައިގެން ޝޯ ހުށަހެޅި ޕްރެޒެންޓަރެވެ. ޝޯގެ ތެރޭގައި ޝައުގުވެރި އެހެން ގިނަ ކަންކަންވެސް ހިނގި އެވެ. އެއްކަމެއްގެ ގޮތުން ފާހަގަކުރެވުނީ ޓީމުގައި ހިމެނުނު ނޭޕުލްސް އަށް ނިސްބަތްވާ ތިން ކުޅުންތެރިން ކަމަށްވާ ލޮރެންޒޯ އިންސިނޭ އާއި ސީރޯ އިމްބިއޭ ގެ އިތުރުން ޖިއަންލުއިޖީ ޑޮނަރޫމާ އަށް އެ ސިޓީއަށް ނިސްބަތްވާ އާޓިސްޓަކާއެކު މަޝްހޫރު ލަވައެއް ކިޔަން ޖެއްސި ޖެއްސުމެވެ. އަދި، ރޫމް މޭޓުންގެ ގޮތުގައި ތިބި އިމޯބިއޭ އާއި އެންޑްރޭ ބެލޮޓީއަށް ވަނީ އެކަކު އަނެކަކާ ގުޅޭގޮތުން ސުވާލުކުރަން ޖައްސައިފަ އެވެ. މީގެ އިތުރުން ޓީމުގެ ކޯޗް މަންޗީނީ އާއި އެސިސްޓެންޓް ކޯޗް ޑެނިއެލް ޑި ރޮސީ އަށް ވަނީ ބިސްގަނޑު އަޅާ ތަވަ ބޭނުންކޮށްގެން ބޯޅަތަޅަން ވަނީ ޖައްސައިފަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ އިޓަލީ ޓީމްގެ ކެޕްޓަނަކަށް ހަމަޖައްސަާފައިވަނީ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލިނީ އެވެ. މިއީ 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށް ބަލިވި ފަހުން ބޮޑު މުބާރާތެއްގައި އިޓަލީ ވާދަކުރާ ފުރަތަމަ ފަހަރެވެ. 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިއެއް ނުވެ އެވެ.
Advertisement
Leave a Reply