މީޑިއާއާ ވާހަކަ ނުދައްކަން އޮސާކާ ފްރެންޗް އޯޕަނުން ވަކިވެއްޖެ

ފްރާންސްގެ ވެރި ރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މީޑިއާ އާ ކުރިމަތިލާން ދެކޮޅު ހަދަމުން އަންނަ ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ޖަޕާންގެ ނައޯމީ އޮސާކާ މުބާރާތުން ވަކިވެއްޖެ އެވެ.
މުބާރާތުން ވަކިވި ވަކިވުމަށް އިޝާރަތްކޮށް ނައޯމީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރު ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް އޭނާ ކާމިޔާބުކުރި ހިސާބުން ފެށިގެން ޑިޕްރެޝަންގެ އުނދަގޫ ވަރަށް ބޮޑަށް ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. މުބާރާތް ފެށުމުގެ ކުރިންވެސް އުމުރުން 23 އަހަރުގެ އޮސާކާ ބުނެފައިވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމުގެ ގޮތުން މުބާރާތުގެ ތެރޭގައި މީޑިއާ އާ ވާހަކަ ނުދައްކާނެ ކަމަށެވެ.
“އަހަރެން ބޭނުމެއް ނޫން އަހަރެންގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކުރާކަށް” މިހާތަނަށް ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އޮސާކާ ބުނެފައިވެ އެވެ
މިއަހަރުގެ އޮސްޓްރޭލިއަން ކާމިޔާބުކުރި އޮސާކާ ފްރެންޗް އޯޕަނުން ވަކިވެފައި މިވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ރޫމާނިއާގެ ޕެޓްރީސިއާ މަރީއާ ވާދަކޮށް ފަސޭހަކަމާއެކު މޮޅުވެ ދެވަނަ ބުރުން ޖާގަ ހޯދައިފައިވަނިކޮށެވެ. އެ މެޗަށް ފަހުވެސް އޮސާކާ މީޑިއާ އާ ވާހަކަދައްކާފައެއް ނުވެ އެވެ. އެކަމުގެ އަދަބެއްގެ ގޮތުން 15 ހާސް ރުފިޔާ އިން އޮސާކާ ޖޫރިމަނާކޮށްފައިވާއިރު އެކަން އިތުރަށް ތަކުރާރުކޮށްފި ނަމަ މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރުވެސް އޮސާކާއަށް ވަނީ ދީފަ އެވެ. އޮސާކާ މުބާރާތުން ވަކިވި ހާމަކޮށްފައިވަނީ އެ އިންޒާރަށް ފަހު އެވެ.
“އަހަރެން ބޭނުންވަނީ މިހާރު ކުޑަ ދުވަސްކޮޅަކަށް ކުޅުމާ ދުރަށް ދާން. ރަގަޅު ވަގުތު ޖެހުމުން އަހަރެން އެނބުރި ކުޅުމުގެ ތެރެއަށް އަންނާނަން. އަދި މިހާރަށްވުރެ ރަގަޅަށް ކުޅުންތެރިންނަށާއި، މީޑިއާއަށް އަދި ސަޕޯޓަރުންނަށް ރަގަޅު ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރާނަން. ” އޮސާކާ ބުނެފައިވެ އެވެ.
“މިއީ އަހަރެންނާ ކުރިމަތިވަތިވެދާނެ ކަމަށް ކުރިން ހިތަށްވެސް އެރި ހާލަތެއް ނޫން. އަހަރެންނަށް ހީވާގޮތުން އެހެން ކުޅުންތެރިންނަށާއި، މުބާރާތަށާއި އަދި އަހަރެންގެ ހާލަތަށް ވެސް އެންމެ ރަގަޅު ގޮތަކީ މުބާރާތުން ވަކިވުން. އޭރަށް ކަންނޭނގެ އެންމެންނަށްވެސް މުބާރާތަށް ހާއްސަ ސަމާލުކަމެއް ދެވޭނީ.” މުބާރާތުން ވަކިވިކަން ހާމަކުރަމުން އޮސާކާ އާންމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.
Advertisement


Leave a Reply