އެންމެ އުނދަގޫ ސީޒަން ޝަރަފާއެކު ނިންމަން ސިޓީ އާއި ޗެލްސީ ނުކުންނަނީ

Advertisement

އެންމެ އުނދަގޫ ސީޒަން ޝަރަފާއެކު ނިންމަން ސިޓީ އާއި ޗެލްސީ ނުކުންނަނީ

ޢަލީ ޝަހީމް

ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔެއަށްކުރިމަތިވި ދަތިތަކާއެކު ފުޓްބޯޅަވެސް މިދިޔަ އަހަރަކަށްވުރެ ގިނަ ދުވަހު އޮތީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ތާށިވެފަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި ކުޅުންތެރިންނާއި ކޯޗުންގެ ހިތްވަރުން އެ ތާށިކަމުގެ ތެރެއިންވެސް ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށްގެންދަން ކުރި މަސައްކަތުގައި ބޮޑެތި ގެއްލުންތަކެއް އެ ފަރާތްތަކުން ތަޖްރިބާކުރި އެވެ. ޔޫރަޕްގެ ސީޒަން ނިންމާ މެޗް މިރޭ ޕޯޗުގަލްގެ ޕޯޓޯގައި ކުޅޭއިރު މުޅި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ކުޅެން ޖެހުނީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ. މިއާއެކު ކްލަބްތަކުން ސީޒަން ނިންމާލީ އެތައް ގެއްލުމެއް ތަޖުރިބާ ކުރަމުންނެވެ. ސީޒަންގެ އެންމެ ފަހު މެޗެ ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ވާދަވެރި ފައިނަލްގައި  މިރޭ ބައްދަލުކުރާނީ އިނގިރޭސި ދެ ޓީމު ކަމަށްވާ މެންޗެސްޓަ ސިޓީ އާއި ޗެލްސީ އެވެ.

ދެޓީމުގެ ތަފާސް ހިސާބު

ޔޫރަޕިއަން ކަޕް ނުވަތަ ޗެމްޕިއަންސް ލީގު ސިޓީ އަށް މިހާތަނަށް ކާމިޔާބު ކުރެވިފައިނުވާއިރު ޗެލްސީން ވަނީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗަކީ 51 އަހަރަށް ފަހު ޔޫރަޕްގެ މުބާރާތެއްގައި ފައިނަލުގައި ސިޓީ ވާދަކުރާ ފުރަތަމަ ފަހަރެވެ. 1970 ވަނަ އަހަރު އެޓީމު ޔޫއެފާ ކަޕް ވިނާސް ކަޕް ކާމިޔާބު ކުރިއިރު އޭގެފަހުން ޔޫރަޕްގެ މުބާރާތެއްގެ ތަށި ކާމިޔާބުކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. މަހުޖަނެއްގެ އަތްދަށަށް ކްލަބް ދިޔަފަހުން ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެޓީމުން ތަކުރާރުކޮށް ކުރި މަސައްކަތުގައި މީގެ ކުރިން ފައިނަލާ ހަމައަށް ވެސް ދެވިފައެއްނުވެ އެވެ.

ސިޓީ އާއި ޗެލްސީ މި ސީޒަނުގައި ވާދަކުރި މެޗެއްގެ ތެރެއިން. މި ދެޓީމުގެ ވާދަވެރި މެޗުތަކެއް ވަނީ ފެނިފައި

ޔޫރަޕްގެ މުބާރާތެއްގައި ސިޓީއާ ޗެލްސީގެ ކުރިމަތިލުމެއް މިހާތަނަށް ހަމައެކަނި ފެނުނީ 71-1970 ވަނަ ސީޒަނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ލެގްގައި ސިޓީ ބަލިކޮށް ފައިނަލަށް ދަތުރުކޮށް ޗެލްސީ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ދެ ލެގުގައި ވެސް 1-0 އިން ސިޓީ ބަލިކޮށް ފައިނަލުގައި ޗެލްސީ ކުރި ހޯދީ ރެއާލް މެޑްރިޑް ބަލިކޮށްގެންނެވެ.

މި ދެޓީމުގެ ކުޅުންތެރިންނަށް ބަލާއިރު ޗެލްސީގެ ތިއާގޯ ސިލްވާ ވެގެންދާނީ ތަފާތު ދެ ޓީމެއްގައި ހުރެ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުގައި ކުޅޭ ފަސް ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ޝަރަފް ލިބިފައިވަނީ މާސޭ އާއި އޭސީ މިލާނުގެ މާސެލް ޑިސެއިލީ އާއި ޔުވެންޓަސް އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޕައޮލޯ ސޯސާ އާއި ބާސެލޯނާ އާއި އިންޓަ މިލާނުގައި ވިދާލި ސަމުއެލް އެޓޯގެ އިތުރުން ރެއާލް މެޑްރިޑް އާއި ޔުވެންޓަސް އަށް ކުޅުނު އަލްވާރޯ މޮރާޓާ އެވެ.

ޗެލްސީއާ މެދު ނުވިސްނަން، މެޗު ކުޅެންވީ ގޮތް ސިޓީ އަށް އެނގޭ: ގާޑިއޯލާ

މެޗުގެ ކުރިން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ފައިނަލަށް ދިއުމަކީ ކުރެވުނު ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށާއި، ކުޅުންތެރިން މެޗަށް ތައްޔާރުކުރަން އޭނާ އަށް އެނގޭނެ ކަމަށެވެ.

“އަހަރެންނަށް އެނގޭ މި މެޗު ކުޅެންވީ ގޮތް އަދި މި ކުޅެނީ ކޮން ޓީމަކާ ދެކޮޅަށްކަން ވެސް. އަދި ޗެލްސީއާ މެދު އަހަރެން ނުވިސްނަން. އަހަރެމެން ޓީމުގައި ހާސްވެ ކަންބޮޑުވާ ކުޅުންތެރިންނާ ޑީލްކުރާނެ ގޮތް އަހަރެންނަށް އެނގޭ. އަހަރެން އެ ކުޅުންތެރިންނާ ވާހަކަ ދައްކާނަން” ސިޓީގެ ކުޅުންތެރިންނާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ކޯޗިންގެ ޅަފަތުގައި 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އެ ދެފަހަރު ވެސް ބާސެލޯނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްގެންނެވެ.

ޗެލްސީގެ ކޯޗު ޓުކެލް (ކ) އަދި ސިޓީގެ ކޯޗު ގާޑިއޯލާ. ޓުކެލް ވަނީ މި ސީޒަނުގައި ގާޑިއޯލާ ދެ ފަހަރަށް ބަލިކޮށްފައި

މެޗުގެ ކުރިން ސިޓީގެ ކެވިން ޑި ބްރޭނާ ބުނީ މެޗުން މޮޅުވެއްޖެ ނަމަ ކުޅުންތެރިންނަކީ “ހީރޯ” އިން ކަމަށާއި އެކަމަކު މެޗުން ބަލިވެއްޖެ ނަމަ ގާތްގަނޑަކަށް “ފެއިލް” ވީކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ.

“މިއީ މި ކްލަބުން އެންމެ ބޭނުންވާ ތަށި. ކްލަބް ލެވެލްގެ އެންމެ މަތީ ސްޓޭޖްގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް” ސިޓީގެ އިތުބާރު މިޑްފީލްޑަރު މެޗުގެ ކުރިން ބުންޏެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލުގައި 1-0 އިން ބަޔާން މިއުނިކް އަތުން ބަލިވީ އެވެ.

“އަހަރެން މުޅި ޓީމަށް ފުރިހަމައަށް އިތުބާރުކުރަން. އަބަދުވެސް ސިޓީއާ ދެކޮޅަށް ކުޅެން އުނދަގޫ. ބަޔާން އާއި ބާސެލޯނާގައި ވެސް ގާޑިއޯލާ ހުރިއިރު އެއީ އުނދަގޫ ކަމެއް. ގާޑިއޯލާ އަކީ މޮޅުވުމުގެ އާދަޔާހިލާފު ރޫހެއް އުފައްދާ ކޯޗެއް. އެއީ މިވަގުތު ޔޫރަޕާއި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމޭ ބުނެވިދާނެ” ސިޓީ އަށް ތައުރީފް ކުރަމުން ޓުކެލް ބުންޏެވެ.

ޗެލްސީ އާއި ސިޓީ މި ސީޒަނުގައި ބައްދަލުކުރި ތިން މެޗުގެ ތެރެއިން ޗެލްސީ ވަނީ ދެ މެޗު ކާމިޔާބުކޮށްފަ އެވެ. ލީގުގައި ޗެލްސީގެ ދަނޑުގައި 3-1 އިން ސިޓީ މޮޅުވި ނަމަވެސް ދެ ވަނަ ބުރުގައި ސިޓީގެ ދަނޑުގައި ޗެލްސީ ވަނީ 1-2 އިން ސިޓީ ބަލިކޮށްފަ އެވެ. އަދި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި 0-1 އިން ސިޓީގެ މައްޗަށް ކާމިޔާބު ހޯދި އެވެ.

ފައިނަލް ތުރުކީން ޕޯޗުގަލަށް

ޗެމްޕިއަންސް ލީގުގެ ފައިނަލް މިފަހަރު އެންމެ ފުރަތަމަ ކުޅެން ޝެޑިއުލްކުރީ ތުރުކީގެ އިސްތަންބޫލްގެ އަޓަޓާކް އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އިނގިރޭސި ވިލާތުން ތުރުކީ “ރެޑް” ލިސްޓަށް ލުމުން ޔޫއެފާއިން ފަހުން ނިންމީ ޕޯޗުގަލްގައި މެޗު ކުޅޭށެވެ. ޕޯޗުގަލް، އިނގިރޭސި ވިލާތުގެ “ގްރީން” ލިސްޓުގައި އޮތުމުން ކުޅުންތެރިންނާއި ސަޕޯޓަރުން އަނބުރާ އިނގިރޭސި ވިލާތަށް ގޮސް ކަރަންޓީނުވާކަން ނުޖެހޭނެ އެވެ.

މިރޭގެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ޕޯޗުގަލްގެ ޕޯޓޯގެ ރަސްމީ ސްޓޭޑިއަމް. ކުރިން މެޗު ކުޅޭ ގޮތަށް އޮތީ ތުރުކީގެ އިސްތަންބޫލްގައި

ފައިނަލް މެޗު ތުރުކީން އިނގިރޭސި ވިލާތަށް ބަދަލު ކުރުމަށް ފަހު ދެ ކްލަބާއި ސަޕޯޓަރުން މަސައްކަތްކުރި އެވެ. އެގޮތަށް އެދުނީ ތުރުކީގައި ފައިނަލް ކުޅެފައި ކަރަންޓީނުގެ މުއްދަތު ހަމަކުރަން ޖެހިއްޖެ ނަމަ އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު އުނދަގުލެއް ކުރިމަތިވާނެތީ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ކުޅުނީ ޕޯޗުގަލްގަ އެވެ. ބަޔާން އާއި ޕީއެސްޖީ ވާދަކުރި އެ މެޗު ކުޅުނީ ލިސްބަންގެ ސްޓޭޑިއަމްގަ އެވެ. މިރޭ ފައިނަލް މެޗު ކުޅޭ އެސްޓާޑިއޯ ޑޯ ޑްރަގާއޯ ސްޓޭޑިއަމް ގައި ވަނީ 2019 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ކުޅެފަ އެވެ. މިއީ 2004 ވަނަ އަހަރު ޕޯޗުގަލްގައި އޮތް ޔޫރޯ އަށް ތައްޔާރުކުރި ސްޓޭޑިއަމްއެކެވެ.

މެޗަށް 16 ހާސް ސަޕޯޓަރުން ވަންނާނެ

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ސަޕޯޓަރުން ނުވައްދައި ކުޅުނު ނަމަވެސް ކޮވިޑްގެ ހާލަތަށް ބަލައި މިފަހަރުގެ ފައިނަލުގައި 16500 ސަޕޯޓަރުން ދަނޑަށް ވައްދަން ޔޫއެފާއިން ވަނީ ނިންމައިފަ އެވެ.

މީގެ ތެރެއިން ސިޓީ އާއި ޗެލްސީ، މިއިން ކޮންމެ ޓީމަކަށް 6000 ޓިކެޓް ވިއްކަން ވަނީ ނިންމައިފަ އެވެ. ސިޓީގެ ސަޕޯޓަރުންގެ ޓިކެޓާއި ދިއުމުގެ ހަރަދު ކްލަބުން ހިފިއިރު ޗެލްސީގެ 800 ޓިކެޓް ނުވިކިގެން އަނބުރާ ވަނީ ހަވާލުކޮށްފަ އެވެ. 16500 ޓިކެޓްގެ ތެރެއިން އެއްވެސް ޓީމަކަށް ނިސްބަތްނުވާ ސަޕޯޓަރުންނަށް ވިއްކަން ހުޅުވާލި 2800 ޓިކެޓަށް ބޮޑު ޑިމާންޑެއް އޮތެވެ.

މިރޭގެ މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރާއިރު ހޯމް ޓީމަކަށް ވާނީ ސިޓީ އެވެ. މެޗު 200 އަށް ވުރެ ގިނަ ގައުމުތަކުގައި ވަގުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު ހުޅުވުމުގެ ރަސްމިޔާތު މެޗުގެ 10 މިނެޓު ކުރިން ފަށާނެ އެވެ.

އަނެއްކާވެސް އިނގިރޭސި ފައިނަލެއް

މިއީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ދެ ކްލަބް ފައިނަލުގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. 2008 ވަނަ އަހަރު ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ރަޝިއާގެ މޮސްކޯގައި ވާދަކުރި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދި އެވެ. އޭގެފަހުން އިނގިރޭސި ދެޓީމުގެ ފައިނަލެއް ޗެމްޕިއަންސް ލީގުގައި ފެނުނީ 2019 ވަނަ އަހަރު އެވެ. އެފަހަރު 0-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ލިވަޕޫލެވެ.

ސިޓީން މިރޭ ޗެލްސީ ބަލިކޮށްފި ނަމަ އެ ކްލަބް ވެގެންދާނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާ އިނގިރޭސި ހަ ވަނަ ކްލަބަށެވެ. ލިވަޕޫލާ ޔުނައިޓެޑް އަދި ޗެލްސީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ހޯދާފައިވާ އިނގިރޭސި ކްލަބްތަކަކީ ނޮޓިންހަމް ފޮރެސްޓް އަދި އެސްޓަން ވިލާ އެވެ. އެސްޓަން ވިލާ އިން ވަނީ ޔޫރަޕްގައި އެޓީމު ކުޅުނު ފުރަތަމަ ފައިނަލުގައި 1982 ވަނަ އަހަރު ބަޔާން މިއުނިކް ބަލިކޮށްފަ އެވެ.

ވާދަވެރި ފައިނަލަށް ނުކުންނައިރު ދެޓީމުގައި ވެސް އަނިޔާގެ ބޮޑު މައްސަލައެއް ނެތެވެ. މުހިއްމު ހުރިހާ ކުޅުންތެރިންނަށް ކުޅެވޭއިރު ޗެލްސީގެ އެންގޯލާ ކާންޓޭ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ މިހާރު ވަނީ ފިޓްވެފަ އެވެ. އަދި ސިޓީން އަނިޔާގައި ހުރި އިލްކާއީ ގުންޑޮގާން މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އަނިޔާއިން އެއްކޮށް ރަނގަޅު ނުވާނަމަ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ގުންޑޮގާން ހިމަނާނެ ކަމަކަށް ނުބެލެވެއެވެ.

ސިޓީއާ ޗެލްސީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *