ޔުނައިޓެޑް ހުސްއަތާ ފޮނުވާލުމަށްފަހު ވިޔަރެއާލުން ޔޫރޮޕާ ލީގު އުފުލާލައިފި
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފައިނަލް މެޗް ކާމިޔާބުކޮށް ވިޔަރެއާލުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ. ޕޮލެންޑްގައި ރޭ ނުވަ ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗް ވިޔަރެއާލުން ކާމިޔާބުކުރީ ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ފައިނަލްގައި މިހާތަނަށް ފެނުނު އެންމެ ދިގު ޕެނަލްޓީ ޝޫޓްއައުޓްގައި މެންޗެސްޓަ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިއީ މެންޗެސްޓަ ޔުނައިޓެޑުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ފަހުން މުބާރާތެއްގެ ފައިނަލްގައި އެ ޓީމް ވާދަކުރި ފުރަތަމަ ފަހަރެވެ. ރޭގެ ފައިނަލް މެޗް ޔުނައިޓެޑަށް ގެއްލުމާއެކު ޖެހިޖެހިގެން ހަތަރު ސީޒަން ހުސް އަތާ ނިންމާލަން ޔުނައިޓެޑަށް ވަނީ ޖެހިފަ އެވެ. އަދި، މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާ ހަވާލުވި ނޯވޭގެ އޮލެ ގުނަ ސޯލްޝެއާގެ ގާބިލްކަމާ މެދު ސުވާލު އުފައްދަން ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ލިބުނު ފުރުސަތެއް ކަމަށްވެސް ގަބޫލުކުރެވެ އެވެ.
އަނެއްކޮޅުން ރޭ ވިޔަ ރެއާލުން ކުޅުނު ފައިނަލަކީ ޔޫރަޕްގެ މުބާރާތެއްގައި އެ މީހުން ވާދަކުރި ފުރަތަމަ ފައިނަލެވެ. އެންމެ ފަހުން ޔޫރަޕްގެ ބޮޑު މުބާރާތުގެ ފައިނަލްގައި ފުރަތަމަ ފަހަރަށް ކުޅެ ތަށި ހޯދައިފައިވަނީ 2009 ވަނަ އަހަރު ޔޫއެފާ ކަޕް ކާމިޔާބުކުރި ޔޫކްރެއިންގެ ޝަހްތަރު ޑޮނޭޝް އެވެ. އަދި މިއީ ވިޔަރެއާލްގެ ކޯޗް ޔުނައި އެމެރީ ޔޫރޮޕާ ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެމެރީ ވަނީ ސްޕެއިންގެ އެހެން ކްލަބެއް ކަމަށްވާ ސެވިއްޔާއަށް ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ.
ޔުނައިޓެޑުން 1999 ވަނަ އަހަރު އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން މިޔުނިކް ބަލިކޮށް ހޯދި ތާރީހީ ކާމިޔާބަށް ބަރާބަރު 22 އަހަރު ފުރުނު ދުވަހު ކުޅުނު ފައިނަލް މެޗްގައި ރޭ އެ ޓީމްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. މެޗްގެ ފުރިހަމަ ވަގުތުގެ އިތުރުން އިތުރު 15 މިނެޓްގެ ދެ ހާފް ކުޅެ ނިމުނު އިރު 1-1 އިން އެއްވަރުވި މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވިޔަރެއާލުންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ. ޔުނައިޓެޑަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ކޮންމެ ޓީމަކުންވެސް 11 ޕެނަލްޓީ ޖެހި އެވެ. ފަހު ޕެނަލްޓީ އާ ހަމައަށް އައިއިރު އޭގެ ކުރިން ދެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. ވިޔަރެއާލުން ޖެހި ފަހު ޕެނަލްޓީ އެ ޓީމްގެ ގޯލްކީޕަރު ރުލީ ކާމިޔާބުކުރި އިރު ޔުނައިޓެޑްގް ފަހު ޕެނަލްޓީ ޖެހި ޑޭވިޑް ޑެ ހެއާ އަށްވީ ނާކާމިޔާބެވެ.
Advertisement
Leave a Reply