ޔުނައިޓެޑް ކުޅުންތެރިންނާއެކު އެއް ފްލައިޓެއްގައި ފާގަސަން ޕޮލެންޑަށް
މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗްގައި ވާދަކުރާ މެންޗެސްޓަ ޔުނައިޓެޑްގެ ޓީމާއެކު އެއް ފްލައިޓެއްގައި ޔެ ޓީމްގެ އެންމެ ކާމިޔާބު ކޯޗް ސަ އެލެކްސް ފާގަސަން ޕޮލެންޑަށް ހިނގައްޖެ އެވެ. ރޭގެ ވަގުތެއްގައި ޔުނައިޓެޑްގެ 26 ކުޅުންތެރިންނާއި އޮފިޝަލުން ޕޮލެންޑަށް ދަތުރުކޮށްފައިވާއިރު ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ ސްޕެއިންގެ ވިޔަރެއާލް އާއެވެ.
މުބާރާތުގެ ތަށި މީގެ ހަތަރު އަހަރު ކުރިން ހޯދި ޔުނައިޓެޑް މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އިޓަލީގެ ރޯމާ އަތުން މޮޅުވެގެންނެވެ. ޔުނައިޓެޑާ ވާދަކުރާ ވިޔަރެއާލް ފައިނަލުން ޖާގަ ހޯދީ އާސެނެނަލް ކަޓުވާލުމަށްފަހު އެވެ.
މާދަމާ ރޭ އޮންނަ ފައިނަލުން ޔުނައިޓެޑް މޮޅުވެއްޖެ ނަމަ ޔޫރޮޕާ ލީގު ވެގެންދާނީ 2018 ވަނަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗްކަމާ ހަވާލުވި އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން ކާމިޔާބުކުރާ ފުރަތަމަ މުބާރާތަށެވެ. ޔުނައިޓެޑަށް އެތައް ތަށްޓެއް ހޯދައިދީފައިވާ ފާގަސަން ސޯލްޝެއާ އާއެކު ފައިނަލް މެޗް ބަލަން ދަތުރުކުރުން ވެގެންދާނީ ޔަގީނުންވެސް ސޯލްޝެއާ އަށާއި ކުޅުންތެރިންނަށް ބޮޑު ހިތްވަރަކަށެވެ.
ޔުނައިޓެޑްގެ ތާރީހްގައިވެސް އެންމެ ގިނަ ޓްރޮފީ ފާގަސަންގެ އިރުޝާދުގެ ދަށުން ހޯދިއިރު އެ ކާމިޔާބީގައި ކުޅުންތެރިއެއްގެ ގޮތުން އެންމެ ބޮޑު ހިއްސާއެއްވި އެކަކީ ސޯލްޝެއާ އެވެ. ޔުނައިޓެޑްގައި އެ ދެ މީހުންގެ ކާމިޔާބީގެ އެންމެ ތާރީހީ އަދި އުފާވެރި ހަނދާނަކަށް ވާނީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފަހަތުން އަރައި ބަޔާން މިޔުނިކް ބަލިކޮށް ޔުނައިޓެޑުން ތަށި އުފުލާލި ހަނޑާނެވެ. ބާސެލޯނާގެ ދަނޑުގައި މީގެ ގާތްގަނޑަކަށް 22 އަހަރު ކުރިން ކުޅުނު އެ މެޗްގައި ބަޔާނުން ލަނޑެއް ޖަހައިފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައިގައި ޔުނައިޓެޑް މެޗް ކާމިޔާބުކުރި އިރު އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ސޯލްޝެއާ އެވެ.
މާދަމާ ރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ފަށާ ފައިނަލް މެޗަށް ޔުނައިޓެޑް ނުކުންނަން ތައްޔާރުވަމުން އަންނައިރު އަނިޔާގެ ސަބަބުން ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު މެޗްތައް ގެއްލުނު ޑިފެންޑަރު އަދި ޓީމްގެ ކެޕްޓަން ހެރީ މެގުއާގެ ފިޓްނަސްއާ މެދު ޝައްކުތަކެއް ހުރި ނަމަވެސް އޭނާ ވަނީ ޓީމާއެކު ދަތުރުކޮށްފަ އެވެ. ޓީމާއެކު ޕޮލެންޑަށް ދަތަރުނުކުރާ އެންމެ މުހިއްމު ކުޅުންތެރިޔަކީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ.
Advertisement
Leave a Reply