ޔުވެންޓަސް އާއި އޭސީ މިލާނުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފި
އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި އޭސީ މިލާނުން ކުޅުނު ފަހު މެޗް ކާމިޔާބުކޮށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފި އެވެ. ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރުމަށްފަހު މި ސީޒަންގައި ގަދަ ހަތަރަކުން ޖާގަ ނުލިބުމުގެ ބިރާ ކުރިމަތިވި ޔުވެންޓަސް އިން ރޭ ރަށުން ބޭރުގައި މޮޅުވީ ބޮލޯނާއާ ވާދަކޮށް 1-4 އިންނެވެ. އޭސީ މިލާން މޮޅުވީ ޓޭބަލްގެ ދެވަނައިގައި އޮތް އެޓަލާންޓާއާ ވާދަކޮށް 0-2 އިންނެވެ.
އިޓާލިއަން ލީގުގެ ކުޅުން ރޭ ނިންމާލި އިރު 12 ޕޮއިންޓްގެ ލީޑަކާ އެކު ޗެމްޕިއަންކަން ހޯދައިފައިވަނީ އިންޓަ އިންނެވެ. ދެވަނައިގައި އޭސީ މިލާން ނިންމި އިރު އެ ޓީމަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތިންވަނައިގައި އޮތީ އެޓަލާންޓާ އެވެ. ޔުވެންޓަސް އާއި އެޓާލާންޓާ ޕޮއިންޓްގެ ގޮތުން އެއެވަރެވެ. ހަތަރުވަނައިގައި ޔުވެންޓަސް އޮތީ އެޓަލާންޓާ އަށްވުރެ ފައިދާ ހަތަރު ގޯލް މަދުވުމުންނެވެ.
ރޭ ޔުވެންޓަސް މޮޅުވި ނަމަވެސް އެ ޓީމު ޗެމްޕިއަންސް ލީގަށް ނުހޮވި ކެޓުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެކަން އެގޮތަށް ނުވެ ޔުވެންޓަސް ސަލާމަތްވީ ރޭގެ މެޗްތަކަށް ނުކުތްއިރު ހަތަރުވަނައިގައި ނަޕޯލީ އަށް ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުން ކުރި ނުހޯދުމުންނެވެ. އަމިއްލަ ދަނޑުގައި ނަޕޯލީން ރޭ ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ޔުވެންޓަސް އިން ރޭ ޓޭބަލްގެ 12 ވަނައިގައި އޮތް ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ޔުވެންޓަސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޗެލްސީ އަދި އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު އަލްވާރޯ މޮރާޓާ ކާމިޔާބުކުރި އިރު އަނެއް ދެ ލަނޑު ޖެހީ ފެޑެރީކޯ ކިއެސާ އާއި އެޑްރިއެން ރެބިއޯ އެވެ.
އޭސީ މިލާނުން އެޓަލާންޓާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗްގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ދެ ޕެނަލްޓީންނެވެ. މި ދެ ލަނޑު އޭސީ މިލާނަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓްގެ އުމުރުން 24 އަހަރުގެ މިޑްފޯލްޑަރު ފްރޭންކް ކެސީ އެވެ. މިލާން އަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް އަލުން ކަށަވަރު މިވީ ހަތް އަހަރު ފަހުންނެވެ.
Advertisement
Leave a Reply