ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބްތަކުން މިރޭ ވަރުގަދަ އިމްތިހާނަކަށް!

Advertisement

ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބްތަކުން މިރޭ ވަރުގަދަ އިމްތިހާނަކަށް!

ޢަބްދުﷲ އަޝްރަފް

ޔޫރަޕްގެ އެންމެ މަޝްހޫރު ފަސް ލީގުގެ ތެރެއިން ދެ ލީގެއްގެ ކުޅުނު ރޭ ނިމިފައިވާ އިރު މިރެއަކީ ބާކީ އޮތް ތިން ލީގުގެ އެންމެ ފަހު މެޗްތައް ކުޅޭ ރެ އެވެ. އިނގިރީސި ޕްރިމިއާ ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ފްރެންޗް ލީގުގައި މިރޭ މުހިއްމު މެޗުތަކެއް ކުޅޭ އިރު އެ ލީގުތަކުގައި ހިމެނޭ ބޮޑެތި ބައެއް ކްލަބްތަކަށް މިރޭ ވަނީ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް ޓީމްތަކުން ލީގުގައި އަހަރުތަކެއް ވަންދެން ދަމަހައްޓަމުން އަންނަ ރަސްކަން ނިމުަމަކަށް އައުމުގެ ފުރުސަތު އޮތްއިރު ބައެއް ޓީމުތަކަށް އަހަރުތަކަކަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުގެ ބިރާ ވަނީ ކުރިމަތިވެފަ އެވެ.

ފްރެންޗް ލީގް ވަން

އިނގިރެސި ޕްރިމިއަ ލީގާއި، އިޓާލިއަން ސެރިއޭ ގެ ލީގު ޗެމްޕިއަންކަން މީގެ ދުވަސްތަކެއް ކުރިން މެންޗެސްޓަ ސިޓީ އާއި އިންޓަ މިލާނުން ޔަގީން ކުރި އިރު ފްރެންޗް ލީގް ވަންގެ މަންޒަރު އެއާ ތަފާތެވެ. ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދާނެ ޓީމެއް އެންމެ ފަހު ހަފްތާ އާ ހަމައަށް އައިރު ކަށަވަރުވެފައި ނެތް އިރު ލީގު ހޯދާނެ ކަމަށް ބެލެވުނު ޕީއެސްޖީ އަށް އެކަން ހަގީގަތަކަށް ހެދުމުގެ އަމިއްލަ ބާރު އޮތީ ގެއްލިފަ އެވެ. އެންމެ ޕޮއިންޓެއްގެ ތަފާތުން އެއްވަނައިގައި އޮތް ލިލް އިން މިރޭ ރަށުން ބޭރުގައި ޓޭބަލްގެ 12 ވަނައިގައި އޮތް އޭންޖާސް އާ  ވާދަކުރާ މެޗް ކާމިޔާބުކޮށްފި ނަމަ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ހަތް ފަހަރު ތަށި ހޯދައިފައިވާ ޕީއެސްޖީ އަށް ފްރެންޗް ލީގުގެ ތަހުތު ގެއްލޭނެ އެވެ. 2017 ވަނަ އަހަރުގެ ފަހުން ޕީއެސްޖީ ނޫން ޓީމަކަށް ފްރެންޗް ލީގު ކާމިޔާބުކުރެވިފައެއް ނެތެވެ. މިރޭ ލިލް އަށް މެޗް ކާމިޔާބު ނުކުރެވި ޕީއެސްޖީން ޓޭބަލްގެ 16 ވަނައިގައި އޮތް ބްރެސްޓާ ދެކޮޅަށް ކުޅޭ މެޗް އެއްވަރުވެއްޖެ ނަމަ ލަނޑުގެ ތަފާތުން ކުރި ލިބޭނީ ޕީއެސްޖީ އަށެވެ.

ފްރެންޗް ލީގުގެ ތިންވަނައިގައި އޮތް މޮނާކޯއަށް ވެސް ލީގު ކާމިޔާބުކުރުމުގެ ވަރަށް ހަނި ފުރުސަތެއް އެބަ އޮތެވެ. އެކަމަކު އެކަން މޮނާކޯ އަށް ވާން އޮތީ ޕީއެސްޖީ އާއި ލިލް މިރޭ ވާދަކުރާ  މެޗްތަކުން ބަލިވެ މޮނާކޯ އިން ހަވަނައިގައި އޮތް ލެންސް އާ ދެކޮޅަށް ކުޅޭ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

އިންގްލިޝް ޕްރިމިއަ ލީގު

ދިވެހިންގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގްބޫލް ލީގަކީ ޔަގީނުންވެސް އިނގިރޭސި ޕްރިމިއަ ލީގެވެ. އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ފަހު މެޗުތައް މިރޭ ރާއްޖޭގެ ގަޑިން 8 ޖަހާއިރު ކުޅެން ފަށާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ގަދަ ހަތަރަކަށް މިވަގުތު ވާދަކުރަމުން އަންނަ ޗެލްސީ އާއި ލިވަޕޫލްގެ އިތުރުން ލެސްޓަ ސިޓީން މިރޭ ކުޅޭ މެޗްތަކަށެވެ. މި  ތިން ޓީމުގެ ތެރެއިން ގަދަ ހަތަރެއް ޔަގީންކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ޗެލްސީ އަށެވެ. ތިންވަނައިގައި އޮތް ޗެލްސީން މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ގަދަ ހަތަރަކަށް ވާދަކުރާ އަނެއް ދެ ޓީމުން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް އެ ޓީމަށް ގަދަ ހަތަރެއް ކަށަވަރު ވާނެ އެވެ. މެޗުން މޮޅު ނުވެއްޖެ ނަމަ ދެން ޖެހޭނީ އެހެން ޓީމުތަކުގެ ނަތީޖާ ނުކުންނަ ގޮތެއް ބަލާށެވެ.

ގަދަ ހަތަރެއް ކަށަވަރުކުރުމަށް މިރޭ ނުކުންނަ ލިވަޕޫލާއި ލެސްޓަ ސިޓީ  ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ އިރު ލިވަޕޫލަށްވުރެ ލެސްޓަ އަށް އޮތް ފުރުސަތު ހަންޏެވެ.  މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކްރިސްޓަލް  ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗް އެންމެ ލަނޑެއްގެ ތަފާތުން ކާމިޔާބުކުރިއަސް ގަދަ ގަދަ ހަތަރަކަށް އެރުމަށްޓަކައި ފަސް ގޫލްގެ ތަފާތުން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދަން ލެސްޓަ އަށް މަޖްބޫރުވާނެ އެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ގަދަ ހަތަރަކުން ޖާގަ ލިބޭނީ ލިވަޕޫލަށެވެ.

އިޓާލިއަން ސެރިއޭ

އިޓާލިއަން ލީގަށް ބަލާއިރު ދެވަނައިގައި އޮތް އެޓަލާންޓާ އާއި ފަސްވަނައިގައި އޮތް ޔުވެންޓަސް އާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓްގެ ތަފާތެވެ.  މިރޭ އެންމެ ވާދަވެރި ކުރިމަތިލުމެއް އޮތީ އެޓަލާންޓާ އާއި ތިންވަނައިގައި އޮތް އޭސީ މިލާނާއި ދެމެދު އެވެ. މި ދެޓީމު މިރޭ ބައްދަލުކުރާ މެޗުން އެޓްލާންޓާ ބޮޑު ތަފާތަކުން ބަލި ނުވެ ސަލާމަތްވެއްޖެ ނަމަ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ކަށަވަރުވާނެ އެވެ. މެޗުން އޭސީ މިލާން މޮޅުވެއްޖެ ނަމަ އެ ޓީމަށް ގަދަ ހަތަރެއް ޔަގީން ވާނެ އެވެ.

އިޓާލިއަން ލީގުގައި މިރޭ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނީ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސްއަށް ވާގޮތެއް ބެލުމަށެވެ. މރޭ ރަށުން ބޭރުގައި ބޮލޯނާ އާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗް އެ ޓީމުން ކާމިޔާބުކުރިއަސް ޔުވެންޓަސް އަށްވުރެ ކުރީގައި އޮތް ނަޕޯލީ އާއި އޭސީ މިލާން މިރޭ ކުޅޭ މެޗްތަކުން އެ ދެ ޓީމް މޮޅުވެއްޖެ ނަމަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގަ ޔުވެންޓަސްއަށް ގެއްލޭނެ އެވެ. ގަދަ ހަތަރަކަށް ވާދަކުރާ އިޓާލިއަން ލީގުގެ ޓީމްތަކުގެ މެޗްތައް މިރޭ ފަށާނީ ރާއްޖޭގެ ގަޑިން 11:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *